ކޮވިޑް ޖެހޭ މީހުންނަށް ފަރުވާދޭން ޝާހްރުކުގެ ޚާންގެ އޮފީސް އައިސީޔޫއަކަށް

ޝާހްރުކް ޚާން....

އިންޑިއާގައި ކޮވިޑް ޖެހިގެން ހާލުދެރަވާ މީހުންނަށް ފަރުވާދިނުމަށް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ އޮފީސް އައިސީޔޫ އަކަށް ބަދަލުކޮށްފި އެވެ.

މިދިޔަ އޭޕްރިލް މަހުން ފެށިގެން އޭނާގެ އޮފީސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު މިދިޔަ މަހުން ފެށިގެން އައީ އެ ތަން އައިސީޔޫއަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެ ފެސިލިޓީގައި 66 މީހުންނަށް ފަރުވާދިނުމަށްފަހު 54 މީހުން ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި 12 މީހުން ވަނީ އެތަން އައިސީޔޫއަށް ބަދަލުކުރާތީ އެހެން ފެސިލިޓީތަކަށް ބަދަލުކޮށްފަ އެވެ.

މިހާރު އެ މަސައްކަތް އެއްކޮށް ނިންމާފައިވާއިރު އައިސީޔޫގައި 15 މީހުންނަށް ފަރުވާދެވޭނެ އެވެ. ޝާހްރުކްގެ އޮފީހުގައި ހެދި އައިސީޔޫގައި ވެންޓިލޭޓަރު ވެސް ހުރެ އެވެ. އަދި އެ ތަނުގައި ވަނީ މިހާރު ފަރުވާދޭންވެސް ފަށާފަ އެވެ.

comment ކޮމެންޓް