ބަރެސްދޫއިން ބިން ކުއްޔަށް ނެގި ފަރާތްތަކަށް ފައިސާ އަނބުރާ ދީފި

ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއިން އެމްއައިޓީޑީއާ ބައްދަލު ކުރެއްވުން --- ފޮޓޯ/ މަޖިލިސް

މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރީ ސަރުކާރުން އުފައްދާފައިވާ، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީ) އިން ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދެއްކި ދެ ކުންފުންޏަކަށް ދަައްކަން ޖެހޭ ފައިސާ އަނބުރާ ދައްކާ މިއަދު ނިމޭނޭ ކަމަށް އެމްއައިޓީޑީސީ އިން ބުނެފި އެވެ.

ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ބަލަހައްޓާ އެސްއޯއީ ކޮމެޓީ އަށް އެމްއައިޓީޑީސީ އިއްޔެ ހާޒިރުކުރުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ދެ ކުންފުންޏަކުން އެމްއައިޓީޑީސީ އާއި ދެކޮޅަށް ކޯޓުގައި ކުރި ދައުވާ ސާބިތުވެ، އެ ދެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދެއްކި ހުރި ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފައިސާ ދޫކުރުމަށް އިއްޔެ ޗެކް އިޝޫކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެސްއޯއީ ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބު ވިދާޅުވީ ބަރެސްދޫ ޕްރޮޖެކްޓަށް 2.25 މިލިއަން ޑޮލަރު އެމްއައިޓީޑީސީ އިން އެކި ކުންފުނިތަކުން ނަގާފައިވާ ކަމަށެވެ. ބަރެސްދޫ ޕްރޮޖެކްޓަށް ފައިސާ ދެއްކި ގިނަ ކުންފުނިތަކުން ފައިސާ ދެއްކީ ރިފަންޑަބްލް ޑިޕޮސިޓް ނޫނީ އެ ފައިސާ އަނބުރާ އަތުލެވޭނެ ގޮތުގެ މަތިން ކަމަށް މުގައްރިރު ފާހަގަ ކުރެއްވި އެވެ.

ބައެއް ފަރާތްތަކަށް މި ފައިސާ ހަވާލުކޮށްފައިވާއިރު ފައިސާ ނުލިބޭ ދެ ކުންފުންޏަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން 2018 ވަނަ އަހަރުގެ ތެރޭގައި އެ ދެ ކުންފުންޏަށް ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެ ދެ ކުންުފުންޏަށް ދައްކަން ޖެހޭ ފައިސާގެ ދެ ޕޭމެންޓެއް ކުރީގެ މެނޭޖުމެންޓުންވެސް ކޯޓު މެދުވެރިކޮށް ދެއްކި ކަމަށާއި ކޯޓުގެ ތާވަލާ އެއްގޮތަށް ފައިސާ ދެއްކަމުން ގޮސް ފަހުން ފައިސާ ދެއްކުން އެ ގޮތަށް ކުރިއަށް ނުދާ ކަމަށް މުގައްރިރު ވިދާޅުވި އެވެ.

އެމްއައިޓީޑީސީ އަށް ފައިސާގެ މައްސަލަތައް ކުރިމަތިވެ ފަހުން މި ފައިސާ ދައްކަމުން ގޮސްފައިވަނީ ފިނޭންސް މިނިސްޓްރީ މެދުވެރިވެ، ފައިސާ ހޯދައިގެންނެވެ. ނަމަވެސް ކޯޓުން ކުންފުނީގެ ބައެއް އެކައުންޓުތައް ފްރީޒު ކުރުމުގެ ސަބަބުން ފައިސާ ދެއްކުމަށް ދަތިތައް ކުރިމަތިވިއެވެ.

އެގޮތުން އޭޕްރީލް މަހުގެ ތެރޭ ލިބުނު ފައިސާ ކޯޓަށް ނުދައްކާ އެމްއައިޓީޑީސީގެ މުވައްޒަފުންނަށް މުސާރަ އާއި ރޯދަ އިނާޔަތް އެ ފައިސާ އިން ވަނީ ހަމަޖައްސައިފަ އެވެ.

ކުންފުނީގެެ މެނޭޖިން ޑިރެކްޓަރު ރާއިދު ވިދާޅުވީ އެމްއައިޓީޑީސީ އިން ދެ ކުންފުންޏަކަށް ދައްކަންޖެހޭ 21،166 ޑޮލަރަށްވާ ފައިސާ ފިނޭންސް މިނިސްޓްރީ އިން ދޫކޮށްފައިވާ ކަމަށެވެ.

"ކޯޓު ހުކުމުގައި އޮންނަނީ ޑޮލަރުން ފައިސާ ދެއްކުމަށް،" ރާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އެމްއައިޓީޑީސީ އިން ޑޮލަރު ހޯދަނީ އެމްޓީޑީސީ މެދުވެރިވެގެން ކަމަށާއި ކޮވިޑް-19އާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިވިކަމަށެވެ. ނަމަވެސް މިހާރު އެމްޓީޑީސީ މެދުވެރިވެގެން ޑޮލަރު ހަމަޖެހި މިއަދު އެ ފައިސާ ކޯޓަށް ދައްކާ ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފައިސާ ދެއްކުމުން ކޯޓު ހުކުމުގައި ބުނާ ހުރިހާ ފައިސާއެއް ދައްކައި ނިމުނީ އެވެ.

ބަރެސްދޫގެެ ނަމުގައި އެކި ފަރާތްތަކުން 3.587 މިލިއަން ޑޮލަރު ކުރީ މެނޭޖުމެންޓުން ނަގާފައިވާ ކަމަށާއި އެ ފައިސާ މިސް މެނޭޖުކޮށް ބޭނުންކޮށްފައިވާ ކަމަށް އެމްޓީޑީސީ ގެ މިހާރުގެ އެމްޑީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ސަރުކާރު އައި ފަހުން ބަރެސްދޫގެ ނަމުގައި އެއްވެސް ޕޭމެންޓެއް އެއްވެސް ބަޔެއްގެ އަތުން ނަގާފައި ނުވާނެ ކަމަށެވެ.

ބަރެސްދޫގައި ކުރިއަށް ގެންދަން ނިންމި އިންޓަގްރޭޓެޓް ޓޫރިޒަމް މަޝްރޫއަށް ފައިސާ ދެއްކި ފަރާތްތަކުން އެ ފަރާތްތަކުގެ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަނާ ހިއްސާ ކުރުމަށް އެ ކޮމިޝަނުން ވަނީ މީގެެ ކުރިން އެދިފަ އެވެ.

މެދު ފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރީ ސަރުކާރުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ނަމުގައި ކުންފުންޏެއް އުފެއްދީ 2016 ވަނަ އަހަރު އެވެ.

އެމްއައިޓީޑީސީ އުފައްދައި އެންމެ ފުރަތަމަ އިއުލާނު ކުރި ޕްރޮޖެކްޓަކީ ބަރެސްދޫ ޕްރޮޖެކްޓެވެ. ތިން ހާސް އެނދަށް އަމާޒުކޮށްގެން ޑިޒައިންކޮށްފައިވާ މި ޕްރޮޖެކްޓްގެ ދަށުން އެރަށާ އިންވެގެން އޮންނަ މަހަކަންފުށި ބަރެސްދޫ އާ ގުޅާލަން ނިންމި އެވެ. އެ ރަށް ތަރައްގީ ކުރަން ނިންމީ ސާވިސް ރަށެއްގެ ގޮތުގަ އެވެ.

ބީޗް ހޮޓާ އަދި ރެސްޓޯރެންޓާ އެކު އިންޓަގްރޭޓެޑް ޓޫރިޒަމްގައި ހުންނާނެ ހުރިހާ ވަސީލަތްތަކަކާ އެކު ތަރައްގީ ކުރި މި ޕްރޮޖެކްޓަކީ ކުރިން އެމްއެމްއޕީއާރުސީ އިން ތުނބުރީގައި ކުރިއަށް ގެންދަން ނިންމި ޕްރޮޖެކްޓެކެވެ. ބަރެސްދޫ އިން ތަންތަން ވިއްކަން އެންމެ ފުރަތަމަ ފަށާފައި ވަނީ އެމްއައިޓީޑީސީ އުފެއްދުމުގެ ކުރިން އެމްއެމްޕީއާރުސީ އިންނެވެ.

އެމްއެމްޕީއާރުސީ އިން ބަރެސްދޫ އިން 19 ފަރާތަކަށް ބިން ވިއްކާފައިވާ އިރު އެ ބިން ވިއްކުމަށް ފަހު 34 މިލިއަން ރުފިޔާ އެމްއެމްޕީއާރުސީ އިން ވަނީ ނަގައިފަ އެވެ.

comment ކޮމެންޓް