މަރަން ހުކުމްކޮށްފައިވާ ޖަޔަސޭކަރަށް ޕާލިމެންޓުގެ މެމްބަރުކަން ކުރެވޭނެ

ލަންކާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވި ޕްރެމަލާލް ޖަޔަސޭކަރަގެ މައްޗަށް ވަނީ މަރުގެ ހުކުމް ކޮށްފަ --

ކޮލަމްބޯ (އޮގަސްޓު 10): ސްރީލަންކާގެ ކޯޓަކުން މިދިޔަ މަހު މަރަން ހުކުމް ކޮށްފައި ވަނިކޮށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވި ޕްރެމަލާލް ޖަޔަސޭކަރަށް މެމްބަރުކަން ކުރައްވަން ހުރަހެއް ނެތް ކަމަށް އެގައުމުގެ ޕާލިމެންޓުގެ ސެކްރެޓަރީ ޖެނެރަލް ދަމިކަ ދަސަނަޔަކަ ވިދާޅުވެއްޖެ އެވެ.

ދަސަނަޔަކަ ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ޕާލިމެންޓު އިންތިހާބު ކާމިޔާބު ކުރި މީހުންގެ ލިސްޓުގައި ލަންކާ އިލެކްޝަން ކޮމިޝަނުން ވަނީ ޖަޔަސޭކަރަގެ ނަން ހިމަނައިފަ އެވެ. އެހެންކަމުން އޭނާއަށް މެމްބަރު ކަމުގެ ހުވާ ކުރެއްވޭނެ އެވެ. ނަމަވެސް އޭނާއަށް ޕާލިމެންޓަށް ހާޒިރު ވެވޭނީ ކޯޓުން އެކަމަށް ހުއްދަ ދިނުމުން ކަމަށް ޕާލިމެންޓުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ލަންކާގެ ޕާލިމެންޓު އިންތިހާބު ކާމިޔާބު ކުރި ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ މެމްބަރެއް ކަމަށްވާ ޖަޔަސޭކަރަގެ މައްޗަށް މިދިޔަ މަހުގެ 31ގައި މަރުގެ ހުކުމް ކުރީ އެގައުމުގެ ރަތުނާޕޫރާގެ ހައި ކޯޓުންނެވެ. އެއީ 2015 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ތެރޭގައި އޭނާ ތިން މީހެއްގެ ގަޔަށް ބަޑި ޖެހުމުގެ ސަބަބުން އޭގެ ތެރެއިން އެކަކު މަރުވި ހާދިސާއާ ގުޅިގެންނެވެ.

އެ ހާދިސާގައި ޖަޔަސޭކަރަ ހަމަލާ ދިނީ އޭރުގެ ރިޔާސީ ކެންޑިޑޭޓު މައިތިރިޕާލާ ސިރިސޭނާގެ ކެމްޕެއިން ހަރަކާތަކަށް ސްޓޭޖެއް ތައްުޔާރު ކުރަމުން ދިޔަ ބަޔަކާ ދިމާލަށެވެ. އެ ހަމަލާގައި އެކަކު މަރުވުމުގެ އިތުރުން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އަދި އޭރު އޭނާ ހައްޔަރު ކުރި ނަމަވެސް ހަމަ އެ އަހަރު ތެރޭ އޭނާ ކަފާލާތުގެ ދަށުން މިނިވަން ކުރި އެވެ.

އެ މައްސަލާގައި ރަތުނާޕޫރާގެ ހައި ކޯޓުން ނިންމީ ޖަޔަސޭކަރަގެ މައްޗަށް މަރުގެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި ޕާލިމެންޓު އިންތިހާބު ބާއްވަން ފަސް ދުވަހަށް ވެފައި ވަނިކޮށް އޭނާ މަރަން ހުކުމް ކުރި އެވެ. ނަމަވެސް އޭނާ ވަނީ 142,037 ވޯޓާއެކު ރަތުނާފޫރާ ޑިސްޓުރިކްޓުގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފަ އެވެ.

މީގެ ކުރިން ލަންކާގެ ޕަވާ އެންޑް އެނާޖީ ޑެޕިއުޓީ މިނިސްޓަރު ކަމާއި ޕާލިމެންޓު މެމްބަރުކަން ވެސް ކުރައްވާފައިވާ ޖަޔަސޭކަރަ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް