ހޮންގްކޮންގްގެ މުޒާހަރާތަކުގެ ފަހަތުގައިވާ އިސް މޭސްތިރި ޖިމީ ލައި ހައްޔަރުކޮށްފި

ހޮންގްކޮންގް ގެ ފުލުހުން ޖިމީ ލައި އަތުލައިގަތުމަށްފަހު ބިޑިއަޅުވައިގެން ގެންދަނީ

ބެއިޖިންގް (އޮގަސްޓް 10) : ހޮންކޮންގްގައި ވަކިވެގަތުމަށް ކުރާ މުޒާހަރާތަކުގެ ފަހަތުގައިވާ އިސް މީހެއްގެ ގޮތުގައި ޗައިނާ އިން ސިފަކުރާ މަހުޖަނު އަދި މީޑިއާ ޓައިކޫން ޖިމީ ލައި ހައްޔަރުކޮށްފި އެވެ.

އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ބޭރުގެ ފަރާތްތަކާ ސިއްރު ގުޅުންތަކެއް ބާއްވާ ކަމަށް ޗައިނާ އިން ތުހުމަތުކުރާ މަހުޖަނު ޖިމީލައި ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖޫން މަހު ޗައިނާގެ ޕާލަމެންޓުން ފާސްކޮށް ހޮންގްކޮންގައި ތަންފީޒުކުރަންފެށި އަމަނާބެހޭ ގާނޫނުގެ ދަށުންނެވެ.

އޭނާ ހައްޔަރުކުރުމަށް ފަހު ހޮންގްކޮންގެ ސަލާމަތީ ބާރުތައް (ފުހުލުން) ވަނީ އޭނާގެ އޮފީހަށް ވަދެ އެތަން ވެސް ބަލައި ފާސްކޮށްފަ އެވެ. އެއަށް ފަހު ހޮންގްކޮންގްގެ ފުލުހުން ވަނީ ޖިމީލައިގެ މީޑިއާ ގްރޫޕްގެ ބައެއް މީހުން ވެސް ހައްޔަރުކޮށްފަ އެވެ.

ޗައިނާގެ މީޑިއާ ބުނާ ގޮތުން ހޮންގްކޮންގެ ފުލުހުން ޖިމީ ލައިގެ މައްޗަށް ކުރަމުން ގެންދަނީ އަމުރަށް ނުކިޔަމަންތެރިވުމާއި ގާނޫނުތަކަށް ގޮންޖެހުމާއި ބޭރުގެ ބައެއް ބާރުތަކާ ގުޅިގެން ވަކިވެގަތުމަށް މަސައްކަތްކުރުމާއި ހޮންގްކޮންގްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވައްދަން މަސައްކަތްކުރާކަމުގެ ތުހުމަތެވެ. އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ޓަކައި އެމައްސަލަތައް ހޮންގްގްކޮންގްގެ ޕަބްލިކް ޕްއޮސެކިއުޝަނަށް ފޮނުވާނެ ކަމަށްވެ އެވެ. އަދި ތަހުގީގުން ލައިގެ މައްޗަށް އެކަންތައްތައް ސާބިތުވެއްޖެ ނަމަ ގައުމަށް ޣައްދާރުވުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރުމަކީ ވަރަށް ގާތްކަމެކެވެ.

ހޮންގްގައި ހިންގާ ވަކިވެގަތުމުގެ ހަރަކާތްތަކާ އަދި ޑިމޮކްރަސީ އަށް ގޮވާލާ އެސަރަހައްދުގައި މިދިޔަ އަހަރުން ފެށިގެން ހިންގާ މުޒާަރާތަކާއި އިހްތިޖާޖުތަކަކީ ހޮންގްކޮންގް އިސްތިއުމާރުކޮށްގެން ކުރިން އޮތް އިސްތިއުމާރީ ބާރުކަމަށްވާ އިނގިރޭސިވިލާތާ އަދި ޗައިނާގެ އެންމެ ބޮޑު ވާދަވެރިޔާ އެމެރިކާ ޗައިނާއާ ދިމާކޮށް ޗައިނާގެ އެތެރެ ގަޑުބަޑުކުރުމަށް ޓަކައި އެދެގައުމުން ކުޅޭ ކުޅިއެއްކަމަށް ޗައިނާ ސަރުކާރުން ދެކެއެވެ.

މިއާއެކު ޖިމީ ލައި އާ މެދު ޗައިނާ ދެކެނީ ގައުމަށް ޣައްދާރުވެފައިވާ ޚާއިނެއްގެ ގޮތުގަ އެވެ. ޗައިނާގައި ޖިމީ ލައި ސިފަކުރަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޕަޕަޓެއް (ގޮނޑިކޮއްކޮ) އެއްގެ ގޮތުގަ އެވެ. ޖިމީ ލައި އަކީ އިނގިރޭސިވިލާތުގެ ރަށްވެހިކަން ވެސް އޮންނަ މީހެކެވެ.

ހޮންގްކޮންގް އަކީ ޗައިނާގެ ސަރަހައްދެއް ނަމަވެސް އެއީ ޗައިނާގެ މައިބައްރުގައި އޮންނަ ވެރިކަމުގެ ނިޒާމާ ޚިލާފު ގަވަނިންގް ނިޒާމެއް އޮންނަ ސަރަހައްދަކަށްވާތީ ޑިމޮކްރަސީ އަށް ގޮވާލައި ހޮންގްކޮންގައި ކުރާ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމާއި މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖިމީ ލައި ފަދަ އެކްޓިވިސްޓުން ހައްޔަރުކުރުން ޗައިނާއަށް ވަނީ ވަރަށް ދަތި ކަމަކަށްވެފަ އެވެ.

ނަމަވެސް މުޒާހަރާތަކަށް އަހަރެއްވެގެން ދިޔުމާ އެކު ހޮންގްކޮންގް ޗައިނާއިން ވަކިވެގަތުމަށާ އަދި ހޮންގްކޮންގެ މިނިވަން ކަމަށް ގޮވާލާ ގޮވާލުންތަކުގެ އަޑު އާދަޔާ ޚިލާފަށް ގަދަވާން ފެށުމުން ޗައިނާގެ ކެތްތެރިކަން ވަނީ ކޮޅުންލައިފަ އެވެ. އެއާ އެކު އެކަން ހުއްޓުވުމަށް މިދިޔަ ޖޫންމަހު ޗައިނާގެ ޕާ ލަމެންޓް ކަމަށްވާ "ނެޝަނަލް ޕީޕަލްސް ކޮންގްރެސް" އިން ވަނީ ހޮންގްކޮންގްގެ އަމަނާބެހޭ ގާނުނުގެ ނަމުގައި ގާނޫނެއް ފާސްކޮށްފަ އެވެ.

އެގާނޫނު ބިނާކޮށްފައި ވަނީ މިދިޔަ އަހަރުން ފެށިގެން ހިނގަމުންދާ ވަކިވެގަތުމުގެ ހަރަކާތްތައް ހުއްޓުވުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި ގާނޫނުތަކަށް ގޮންޖެހުން ހުއްޓުވުމާއި ބޭރުގެ ފަރާތްތަކުން ހޮންގްކޮންގްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަ ވަނުމާ އަދި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ މައްޗަށެވެ. ހޮންގްކޮންގްގެ މުޒާހަރާތަކުގެ ފަހަތުގައިވާ އިސް މީހުންގެ ގޮތުގައި ޗައިނާ ސިފަކުރާ މަހުޖަނު ޖިމީ ލައި އަކީ މުޒާހަރާކުރާ މީހުންގެ ނަޒަރުގައި ގައުމީ ބަތަލެކެވެ. ނަމަވެސް އެއީ ޗައިނާގެ ނަޒަރުގައި ގައުމަށް ޣައްދާރުވާ ޚާއިނެކެވެ. ހޮންގްކޮންގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ކުރަމުންދިޔަ ޗައިނާއާ އިދިކޮޅު މުޒާހަރާތައް މިދުވަސްވަރު ހުއްޓިފައި ވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް އަޑީގައި އޮވެގެން ޗައިނާގެ ސިޔާދަތުގެ ދަށުން ހޮންކޮންގް ނެރުމުގެ މަގްސަދުގައި ކުރާ މުޒާހަރާތަކެއް ކަމާއި އެމުޒާހަރާތަކަށް އިނގިރޭސީން ހިއްވަރު ދިނުމަކީ ހޮންގްކޮންގްގެ މިނިވަންކަމާ ބެހޭ އެއްބަސްވުމާ ޚިލާފު ކަމެއްކަމަށް ޗައިނާ ދެކެ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ޗައިނާގެ ޕާލަމެންޓުން ފާސްކޮށް ހޮންގްކޮންގައި ތަންފީޒުކުރަން ފެށި އަމަނާ ބެހޭ ގާނޫނަށް ވަރަށްބޮޑަށް ފާޑުކިޔައި ޗައިނާގެ އެއަމަލުކުށްވެރިކޮށްފަ އެވެ. އެއީ ހޮންގްކޮންގްގެ މިނިވަންކަމާބެހޭ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް އިނގިރޭސިވިލާތުން ސިފަކުރެ އެވެ.

މިއާއެކު އެގާނޫނު ތަންފީޒުކުރުމާ ގުޅުންހުރި ޗައިނާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ޗައިނާ ވެސް ވަނީ އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ދެކޮޅަށް އެމެރިކާ އެޅިވަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ޖިމީ ލައި ހައްޔަރު ކުރުމަށް ފަހު ޗައިނާ މިއަދު ވެސް ވަނީ އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު