ޔޫއެންޕީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވަން ރަނިލް ނިންމަވައިފި: ޔޫއެންޕީ ޖެނެރަލް ސެކްރެޓަރީ

ލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ --

ކޮލަމްބޯ (އޮގަސްޓު 10): ސްރީލަންކާގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޕާލިމެންޓު އިންތިހާބުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވަން ރަނިލް ވިކްރަމަސިންހަ ނިންމަވާފައިވާ ކަމަށް އެޕާޓީގެ ޖެެނެރަލް ސެކްރެޓަރީ އަކިލަ ވިރާޖު ކަރިޔަވަސަމް ވިދާޅުވެއްޖެ އެވެ.

އަކިލަ ވިދާޅުވި ގޮތުގައި ރަނިލް އިސްތިއުފާ ދެއްވުމުން ޔޫއެންޕީގެ ލީޑަރު ކަމަށް ދެން ގެންނާނެ ބޭފުޅަކު ނިންމުމަށް އެ ޕާޓީގެ ވޯކިން ކޮމިޓީން ބުދަ ދުވަހު ބައްދަލު ކުރާނެ އެވެ. އަދި އެ މަގާމަށް މިހާރު ޝޯޓްލިސްޓު ކޮށްފައިވާ މީހުންގެ ތެރޭގައި އޭނާ އާއި ކުރީގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަނަޔަކަ ހިމެނެ އެވެ.

ލަންކާގައި ބުދަ ދުވަހު ބޭއްވި ޕާލިމެންޓު އިންތިހާބުގައި ސީދާ ވޯޓުން ހޮވި އެއްވެސް ގޮނޑިއެއް ޔޫއެންޕީއަށް ލިބިފައެެއް ނުވެ އެވެ. އަދި ޕާލިމެންޓުގެ މެމްބަރުކަން 1978 އިން ފެށިގެން މެދުނުކެނޑި ފުރުއްވަމުން ގެންދެވި ރަނިލްއަށް ވަނީ އޭނާގެ ގޮނޑި ވެސް ގެއްލިފަ އެވެ.

ރަނިލް އެންމެ ފުރަތަމަ ޕާލިމެންޓަށް އިންތިހާބުވީ މީގެ ކުރިން ވަކި އިލެކްޓޯރަލް ޑިސްޓްރިކްޓެއްގެ ގޮތުގައި އޮތް ބިޔާގަމައިން 1978ގަ އެވެ. އަދި 1989ގައި ބިޔާގަމަ، ގަމްޕަހަ އިލެކްޓޯރަލް ޑިސްޓުރިކްޓުގައި ހިމެނުމުން ވެސް އެ އަހަރުގެ ޕާލިމެންޓު އިންތިހާބުން ރަނިލް ގޮނޑިއެއް ކާމިޔާބު ކުރެއްވި އެވެ. އޭގެ ފަހުން ކޮލަމްބޯ ޑިސްޓްރިކްޓުގެ ގޮނޑިއެއް ރަނިލް ހޯއްދެވީ 1994ގަ އެވެ. އަދި އެ އަހަރު އޭނާ ޔޫއެންޕީގެ ލީޑަރު ކަމަށް ވުމަށް ފަހު، އޭގެ ފަހުން ގެންދެވީ ކޮލަމްބޯ އިން ގޮނޑި ދިފާއު ކުރައްވަމުންނެވެ.

ރަނިލް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ލަންކާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އެއީ 1993 އިން 1994 އަށް އަދި 2001 އިން 2004 އަަށް އަދި 2015 އިން މިދިޔަ އަހަރާ ޖެހެންދެނެވެ.

މިދިޔަ އަހަރު ރަނިލް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ ޔޫއެންޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ސަޖިތު ޕްރޭމަދާސަ އިންތިހާބުން ބަލިވުމުންނެވެ.

ޔޫއެންޕީއަށް މިފަހަރުގެ އިންތިހާބުން އެހާބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައި ވަނީ އެ ޕާޓީގައި ބައިބައިވުންތައް އުފެދިފައި އޮންނަތާ ދުވަސްތަކެއްވީ ފަހުންނެވެ. އެގޮތުން އެ އިންތިހާބުގައި ވާދަ ކުރުމަށް ސަޖިތު އާ އިއްތިހާދެއް ހެއްދެވި އެވެ. އަދި ޔޫއެންޕީއިން އެންމެ ފުރަތަމަ ނިންމާފައި އޮތީ ސަޖިތުގެ ޔުނައިޓެޑް ޕީޕަލްސް ފްރަންޓް (އެސްޖޭބީ)އާ އެކު އިންތިހާބަށް ނުކުތުމަށެވެ.

ނަމަވެސް ރަނިލް އެންމެ ފަހު ވަގުތު އެސްޖޭބީން އެ ޕާޓީ ވަކި ކުރެއްވި އެވެ. އެއާ އެކު ޔޫއެންޕީގެ ގިނަ މެމްބަރުން ނިންމެވީ އެސްޖޭބީއާ އެކު ޕާލިމެންޓަށް ވާދަ ކުރާށެވެ. އަދި އެ އެލަޔަންސުން ވަނީ އިންތިހާބުން 54 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ލަންކާގެ ޕާލިމެންޓު އިންތިހާބުން ގިނަ ގޮނޑިތައް ހޯދީ ރައީސް ގޯޓާބަޔަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިންނެވެ. އެއީ ޖުމްލަ 145 ގޮނޑި އެވެ.

comment ކޮމެންޓް