ޖިހާދާއި މުނައްވަރު މަޖިލީހަށް ހާޒިރު ކުރަނީ

މިދިޔަ ސަރުކާރުގައި މާލީ ވަޒީރުގެ ގޮތުގައި ހުންނެވިއިރު، ޖިހާދު މަޖިލީހުގައި: މުޅި މަޖިލީހުގެ ކޮމެޓީއަށް އެމަނިކުފާނު ހާޒިރު ކުރުމަށް ވަނީ ފާސްކޮށްފައި -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު އާއި މިދިޔަ ސަރުކާރުގެ ނިމުނު އިރު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު މުނައްވަރު، ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފި އެވެ.

ކުރީގެ ނައިބް ރައީސް ޖިހާދު ވެސް މުޅި މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފައިވަނީ، އެމަނިކުފާނަކީ މިދިޔަ ވެރިކަމުގައި މާލީ ވަޒީރު ކަން ކޮށްފައިވާ ފަރާތަކަށް ވުމުންނެވެ. މާލީ ވަޒީރުގެ ގޮތުގައި ޖިހާދު ހުންނަވަނިކޮށް ނައިބް ރައީސް ކަމަށް އޭނާ އައްޔަނު ކުރުމުން ދެން އެ މަގާމަށް އައިސްފައިވަނީ މުނައްވަރު އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ދެން އެ ކޮމެޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފައިވަނީ މިހާރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އޮޑިޓާރ ޖެނަރަލް ހަސަން ޒިޔަތު އެވެ.

އެ ހަތަރު ބޭފުޅުން މުޅި މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރަން ފާސްކޮށްފައިވަނީ، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ފިލާފައި ނުވާތީ އާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކަމާއި ގުޅޭ ގާނޫނާއި އެއްގޮތަށް ހިނގަމުން ނުދާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކާއި ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ މުޅި މަޖިލީހުގެ ކޮމެޓީންނެވެ.

އެގޮތަށް ހުށަހެޅުއްވީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ. ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމެޓީގައި އެވަގުތު ހާޒިރުވެވަޑައިގަތް ތިއްބެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް