ދައުލަތުގެ ދަރަނީގެ މިންވަރު ބެލުމަށް މަޖިލީހުން ފާސް ކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޔާމީން ވެރިކަމުގެ ދަރަނީގެ މިންވަރު ބެލުމަށް މަޖިލީހުން ވަނީ ފާސް ކޮށްފައި -- ފައިލް ފޮޓޯ/ މަޖިލިސް

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދްލްގައްޔޫމުގެ ވެރިކަމުގައި ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ފިލާފައިވާ ނުވާތީ އެކަން ބެލުމަށާއި ދަރަނި ބެލެހެއްޓުމުގައި ކަމާ ގުޅޭ ގާނޫނުތަކާއި އެއްގޮތަށް ހިނގަމުން ނުދާ މައްސަލަ މުޅި މަޖިލީހުގެ ކޮމެޓީއިން ދިރާސާ ކުރުމަށް ފާސްކޮށްފި އެވެ.

އެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވާފައިވަނީ ރިިޔާސަތުން ރައީސް މުހައްމަދު ނަސީދު އެވެ. މެންބަރުންގެ ލަފަޔާއި އިރުޝާދަކަށް އެދި ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ފިލާފައި ނުވާކަމުން އަދި ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކަމާއި ގުޅޭ ގާނޫނާއި އެއްގޮތަށް ހިނގަމުން ނުދާތީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކާއި ލަފަޔަކަށް އެދިފަ އެވެ.

އެ މައްސަލައަށް މިއަދުގެ މަޖިލީހުގައި ބަހުސް ކޮށްފައިވާިއރު ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީއިން އެކަން ދިރާސާ ކުރުމަށެވެ. އެ ހުށަހެޅުން ހުށަހަޅުއްވާފައިވަނީ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު އެވެ. މުޅި މަޖިލީހުގެ ކޮމެޓީއަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް 53 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

އެ މައްސަލައަށް ބަހުސް ކުރެއްވި ބައެއް މެންބަރުން ވަނީ ލޯނުތަކުގެ ތަފްސީލް ހޯދުމަށް ހާއްސަ އޮޑިޓެއް ކުރުމަށް ގޮވާލާފަ އެވެ. އަދި އެކަމަށް އިހުމާލުވާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ބައެއް މެންބަރުން ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ވަކި މުއްދަތެއްގެ ދަރަނީގެ ތަފްސީލް ހޯދުމަށް ހުށަހެޅުމުން އިދިކޮޅު މެންބަރުން ވަނީ ނުރުހުން ފާޅަކޮށްފަ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ނިމުމާއި އެކު އެ މައްސަލަ ދިރާސާ ކުރާ މުޅި މަޖިލީހުގެ ކޮމެޓީގެ މަސައްކަތް ވަނީ ފަށާފަ އެވެ.

comment ކޮމެންޓް