މާސްކު ނާޅާ ނަމަ ފުލް ލޮކްޑައުން އަކަށް ދާންޖެހިދާނެ: މޭޔަރު

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް

މާސްކު އެޅުމުގައި ފަރުވާކުޑަ ކުރާނަމަ ފުލް ލޮކްޑައުން އަކަށް ދާންޖެހިދާނެކަމުގެ އިންޒާރު މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ދެއްވައިފި އެވެ.

މާލެެ ސިޓީގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. މާސްކު ނާޅާ އުޅޭ މީހުންނަށް ފުރަތަމަ ފަހަރު ނަސޭހަތްދީ، ދެ ވަނަ ފަހަރު 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.

މޭޔަރު ސިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާސްކު ނާޅާ އުޅޭ ނަމަ ފުލް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށެވެ. އަދި ބައެއް ކޮފީ ޝޮޕްތަކާއި މަގުމަތީގައި ކަންމަތިތަކުގައި ބޮނޑިބޮނޑިއަށް އެއްވެގެން ނުތިބުމަށްވެސް މޭޔަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މާލެ ސިޓީގައި ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް ރޭގަނޑު 10 އިން ފެށިގެން ފަތިހު ފަހަކަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ނިކުތުން މަނާ ވަގުތުގައި ނިކުންނަ ނަމަ ނަސޭހަތްދީ ޖޫރިމަނާ ކުރާއިރު، ފަސް މީހުންނަށް ވުރެ ގިނައިން އެއްވުމަކީވެސް މަނާކަމެކެވެ.

ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެފައިވާއިރު ރާއްޖޭގައި މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު ވަނީ 5،000 އިން މަތިވެފަ އެވެ. މިހާރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދަކީ 2،218 އެވެ. ބަލީގައި 19 މީހަކު މަރުވެފައިވާއިރު 2،804 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް