ސިވިސް ސާވިސް ކޮމިޝަނަށް 41 މީހަކު ކުރިމަތިލައިފި

ރައްޔިތުން މަޖިލިސް ކުރާ ގެ: ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން 41 މީހަކު ވަނީ ކުރިމަތިލާފައި -- ސަން ފައިލް ފޮޓޯ

ހުސްވެފައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެންބަރުންގެ މަގާމަށް 41 ފަރާތަކުން ކުރިމަތިލައިފި އެވެ.

ސީއެސްސީގެ ހަތަރުު މެމްބަރުންގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން މަގާމުން އިސްތިއުފާ ދެއްވުމުންނާއި، މެމްބަރު އިބްރާހިމް ޝަހީގު ކޮމިޝަނުން މިދިޔަ މަހުގެ 13ގައި ވަކި ކުރުމާ ގުޅިގެންނެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ހުޅުވާލައި އެއް ފަހަރު މުއްދަތު އިތުރު ކުރުމަށްފަހު ފުރުސަތު ބަންދުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސީއެސްސީއަށް ކުރިމަތިލުމަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި މުއްދަތު ހަމަވިއިރު 41 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

"މި ބޭފުޅުން މިތަނަށް މައުލޫމާތު ފޮނުވާފައިވާ އިރުގައި ވަރަށް ފުރިހަމައަށް ޑޮކިއުމެންޓޭޝަން ގިނަ ބޭފުޅުން ހަމަޖައްސާފައިވަނީ އަދި ތަކެތި ބައިންޑްކޮށް ހައްދަވާފައި ވެސް ވަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ނަންތައް ދިރާސާ ކުރުމަށް އެކަމާ ގުޅޭ މަޖިލީހުގެ ދާއިމީ ކޮމެޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.

ސިވިލް ސީވިސް ކޮމިޝަންގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށް އިއުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކޮށް، ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

އެގޮތުން، އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތެއް ނުވަތަ ފަރާތްތައް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް