ކޮވިޑުގައި ޖެހި ދެ ދަރީންނާއެކު މަގުމަތިވެއްޖެ

ފާތިމަތު ނިޝާނާ އޭނާގެ ދަރިންނާ އެކު: ކޮވިޑާ އެކު ވަޒީފާ ގެއްލި ވަނީ މަގުމަތިވެފައި --

އައްޑޫ ސިޓީއަށް އުފަން ފާތިމަތު ނިޝާނާއަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ހިތާމަ އާއި ދަތިކަމުގައި އުޅެމުން އައި މީހެކެވެ. ބައްޕައެއް ނެތް އިރު، އުމުރުން ގާތްގަނޑަކަށް 12 ވަރަކަށް އަހަރުގައި މަންމަ ވަނީ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފަ އެވެ. އެހިސާބުން ނިޝާނާއާ އަޅާލާނެ މީހަކު ނުވި އެވެ. އޭނާގެ ދެ ކޮއްކޮގެ ބައްޕަ ފަރާތު އާއިލާ މީހުން އެކުދިން ބަލަން އެއްބަސްވި ނަމަވެސް، ނިޝާނާ އެކަނިވީ އެވެ.

އެ ހިތްދަތިކަމުގައި އެކި މީހުން ކައިރީ ގަނަތެޅެމުން އައިސް އެންމެ ފަހުން 15 ވަރަކަށް އަހަރުގައި މާލެއަށް އައީ "ނެނީ" އެއްގެ ވަޒީފާއަށެވެ. އެ ގޭގައި އުޅެވޭނެ ގޮތަށެވެ. ފޮނި އުންމީދުތަކަކާ އެކު އެވެ. އެހެން ނަމަވެސް އުނގެނުމުގެ ފުރުސަތު އޭނާއަށް ނުލިބުނީ އެވެ. ކިޔަވަން ބޭނުންވި ނަމަވެސް، ކޯހަށް ފައިސާ ދައްކަންޖެހުނީ އޭނާ އަމިއްލައަށެވެ. އެ ތަނަވަސްކަމެއް ނިޝާނާގެ ނެތެވެ. އެހެންކަމުން އެ އުންމީދު ދޫކޮށްލީ އެވެ.

އޭނާއަކީ ވެސް އުފަލާ ހިތްހަމަޖެހުމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާ މީހެއް ކަމަށް އަމިއްލަ ނަފްސަށް ގަބޫލުކުރެވި އަމިއްލަ ދިރިއުޅުމެއް ފަށަން ނިންމީ އެ ހިތްދަތިކަމަށް ނިމުން އަންނާނެ ކަމަށް ހީކޮށެވެ. ނިޝާނާ މީހަކާ އިންނަން އުޅޭ ވާހަކަ އިވުމުން، އޭނާ ބަހައްޓާފައި ހުރި ގެއިން ނުކުންނަން އެންގި އެވެ. ދެން އޭނާ ކައިވެނި ކުރަންދެން މަސައްކަތް ކުރީ އޭރު ރައްޓެހިވެގެން އުޅުނު މީހާގެ ގޭގަ އެވެ.

ކައިވެނިކޮށް އެ ކައިވެންޏަށް ލޯބިލޯބި ދެކުދިން ލިބުނެވެ. ނަމަވެސް އޭނާގެ ފިރިމީހާ އަކީ އުންމީދު ކުރި ކަހަލަ މީހަކަށް ނުވި އެވެ. އެތައް އަނިޔާއަކާއި ޒުވާބަކަށް ފަހު ނިޝާނާ އޭނާގެ ގާތުން ވަރިވީ އެވެ. އެ ނިންމުން ނިންމަން ޖެހުނީ، ދެ ކުދިންގެ ކުރިމަތީގައި ތަޅާފޮޅާ އެކުދިންނަށް ނަފްސާނީ ގެއްލުންތަކެއް ނުދިނުމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ފިރިމީހާގެ ގެއިން ނުކުމެ، ދެކުދިންގެ ގޮވައިގެން ހުޅުމާލޭގައި އުޅޭ އޭނާގެ ރައްޓެއްސެއްގެ ގޭގައި ވެސް މަހެއްހާ ދުވަސް ވަންދެން މަޑުކުރި އެވެ. ނަމަވެސް އޭނާގެ ކުޑަކުޑަ އާއިލާގެ ހަރަދުތައް ހަމަޖައްސަން، ވަޒީފާއަކަށް ދާން ދުރުތާ ތިމާގެ މީހަކާ އެކު އޭނާ ގެއަކަށް ބަދަލުވީ ޖެނުއަރީ މަހު އެވެ.

"ކުޑަކުޑަ ދެކުދިން ބައިތިއްބާފައި ވަޒީފާއަށް ދެވޭނީ އެހެން ބަޔަކާ އެކު އުޅެގެން. އަހަރެން ނެތް ވަގުތު އެކުދިންނަށް ބަލާނެ މީހަކު ހުރެގެން. އެހެންވެ ދައްތައަކާ އެކު އެ ގެއަށް ބަދަލުވީ،" ނިޝާނާ ބުންޏެވެ.

ފިހާރައެއްގައި މަސައްކަތްކޮށްގެން އޭނާއަށް ލިބެނީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާ އެވެ. އެއީ އެ ގޭގައި އޭނާ ހުންނަ ކޮޓަރީގެ ކުއްޔެވެ. ކުލި ދައްކާފައި އެހެން ހަރަދުތައް ހަމަޖައްސަނީ ކުދިންގެ ބައްޕަ ކޮންމެ މަހަކު ކޯޓު މެދުވެރިކޮށް ދޭ 3،000 ރުފިޔާއިންނެވެ.

އެގޮތަށް ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަމުން ދަނިކޮށް ނިޝާނާގެ ދިރިއުޅުމަށް ބިންދާލީ ކޮވިޑް-19 ގެ ރާޅެވެ. ކޮވިޑް ނުޖެހުނު ނަމަވެސް، ކޮވިޑުގައި ޖެހި އެ ކުޑަކުޑަ އާއިލާ ކުޑަކަކޫ މައްޗަށް ތިރިވީ އެވެ. ނިޝާނާގެ ވަޒީފާ ގެއްލި، ހަތަރު އުދަރެސް ފެނު ޖެހުނީ އެވެ.

"އެ މަސް ތެރޭ ކުދިންގެ ބައްޕަ އެހެން މީހަކާ އިނީ. ދެން ބާކީ ނުދީ ހުރި ހަރަދާ އިއްދައިގެ ލާރިއާ ލައިގެން 20،000 ރުފިޔާ ވަރު ޖަމާވި އެ މަހު. ދެން އޭގެން ތިން މަސް މި ހިފެހެއްޓީ. ރޯދަ މަހު ވެސް ބޭނުންކުރީ އޭގެން. ކުލި ދައްކަމުން، ކުދިންގެ ހުރިހާ ހަރަދެއް ކުރަމުން މި ދިޔައީ އެ ލާރިން،" ނިޝާނާ ބުންޏެވެ.

ނަމަވެސް ފައިސާ މުޅިން ހުސްވެ، ކުލި ދެއްކޭނެ ގޮތެއް ނެތި އެގެއިން ނުކުންނަން ޖެހުނީ އެވެ. އެ ދައްތައާއެކު އަލުން އެހެން ތަނަކަށް ބަދަލުވީ 4،000 ރުފޔާ ދީގެންނެވެ. ނަމަވެސް، އެ ގޭގެ ދެ މަހުގެ ކުއްޔާ އެޑްވާންސް އަށް ދައްކަން ޖެހޭ ފައިސާ ނިޝާނާއަށް ހަމައެއް ނުކުރެވުނެވެ. އެހެންކަމުން މިހާރު އެ ގެއިން ވަނީ ނުކުންނަން ޖެހިފަ އެވެ.

އެހީއަށް އެދި އާދޭސްކޮށްގެން ހެޔޮ އެދޭ މީހުންގެ ފަރާތުން ލިބުނު 8،000 އެއްހާ ރުފިޔާއިން އެއް މަހު މަޑުކޮށްލާނެ ކޮޓަރިއެއް ވަނީ ލިބިފަ އެވެ. ނިޝާނާގެ ކުޑަ އާއިލާ މިހާރު ވަނީ ފޮށި ތަންމަތި ބަނދެގެން އެ ކޮޓަރިއަށް ބަދަލުވެފަ އެވެ. އެހީގެ ގޮތުގައި ލިބުނު 8،000 ރުފިޔާގެ ތެރެއިން 6،800 ރުފިޔާ ދިނީ އެ ކޮޓަރިއަށެވެ.

އެއް މަސް ވަންދެން ރައްޓެއްސެއްގެ ގެއިން ކާލައިގެން، އެ ކޮޓަރީގައި ނިދާލައިގެން އޭނާއަށް އުޅެވިދާނެ އެވެ. ނަމަވެސް އެއް މަސް ފަހުން ދެން ހަދާނެ ގޮތެއް އޭނާއަކަށް ނޭނގެ އެވެ. ވަޒީފާއެއް ލިބޭގޮތެއް ނުވި އެވެ. އައްޑޫއަށް ގޮސް ވަންނާނެ ބޯހިޔާވަހިކަމެއް އޭނާގެ ނެތެވެ. މަންމަގެ ބިމެއް އޮތަސް، އެތަނުގައި ގެއެއް ނެތެވެ.

"އަޅުގަނޑު ޖެންޑާއަށް ވެސް ގުޅިން. ވަގުތީ ހިޔާވަހިކަން ހޯދަން. ކޮންމެސް އެހީތެރިކަމެއް ހޯދަން. އެކަމު އެކޮޅުން ބުނީ މިހާރު ވަގުތީ ބޯހިޔާވަހިކަމެއް ވެސް ފޯރުކޮށް ނުދެމޭ. އަޅުގަނޑު ދެން ކިހިނެތްތޯ ހަދަންވީ؟ ކޮން ތަނަކަށް ތޯ ދެކުދިން ގޮވައިގެން ދާންވީ؟،" ލޮލުން ކަރުނަ ފޮހެމުން ނިޝާނާ ވާހަކަ ކިޔައިދިނެވެ.

ކުލި ނުދެއްކިގެން މަގުމަތިވެގެން އޭނާގެ ކުރީގެ ފިރިމީހާއަށް ގުޅުމުން ދިން ޖަވާބަކީ އެހީވެވެން ނެތް ކަމަށެވެ. ޖެންޑާއިން ދިން ޖަވާބުން ވެސް އޭނާ އިތުރަށް ނިކަމެތިވީ އެވެ.

ޒުވާން އުމުރު މިފަދަ ގޮތަކަށް ހޭދަކުރަން ޖެހުނު ނަމަވެސް، މިއީ އޭނާ ހިޔާރުކުރި ދިރިއުޅުމެއް ނޫނެވެ. އަލުން ކައިވެންޏެއް ކޮށް، ދަރިންނަށް ބަފައެއްގެ ލޯބިދީ، އިހުތިރާމު ލިބިގެން ތާހިރު ދިރިއުޅުމެއް އުޅެން އޭނާވެސް ބޭނުމެވެ. އަބަދު ސަލާން ޖަހައިގެން މީހުން ކައިރިން އާދޭސްކޮށްގެން އޭނާގެ އާއިލާގެ ކަންކަން ކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ "ޑްރާމާ ކުޅެނީ" ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެ އެވެ. އެ ހުރިހާ ވާހަކަތަކެއް އަޑުއަހަން އޭނާގެ ހިތަކަށް ކުޅަދާނެ އެއް ނޫނެވެ.

"އަޅުގަނޑު ސަރުކާރުގައި ބުނެލަން ބޭނުންވަނީ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދޭށޭ. އަޅުގަނޑަކީ ނިކަމެއްޗެއް ނޫންތޯ؟ އެއްވެސް ވެރިކަމެއްގައި އަޅުގަނޑަށް ލިބުނު އެހީއެއް ނެތް. އަޅުގަނޑަށް އެނގޭ އަޅުގަނޑަށް ވުރެ ނިކަމެތި މީހުން ވެސް ތިބިކަން. އެކަމަކު އަޅުގަނޑަށް ވެސް ކޮންމެސް ގޮތެއް އޮންނަންވާނެ ނޫންތޯ؟" ރޮމުން ނިޝާނާ ވާހަކަ ދެއްކި އެވެ.

އެކަނިވެރިންގެ މައިންގެ އެލަވަންސަށް އެދެން މިހާރު ނިޝާނާ ވަނީ ފޯމު ފުރައިފަ އެވެ. އަދި ކުދިންނާ އެކު ގޭގައި އިނދެގެން ކުރެވޭނެ މަސައްކަތެއް ދަސްކުރަން ވެސް އޭނާ ބޭނުމެވެ. ނަމަވެސް ކޯހެއް ހަދާނެ ފައިސާއެއް ނެތެވެ. މިވަގުތު ދެކުދިންނާއެކު ކުޑަ ކޮޓަރިއެއްގެ ތެރޭގައި އިން ނިޝާނާގެ ކުރިމަތީ އޮތީ ބަނަކަމާއި އަނދިރިކަމެވެ. އުންމީދެއް އަދި ނުފެނެ އެވެ. މީހުންގެ އެހީތެރިކަމުގައި އުޅެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

comment ކޮމެންޓް