ދެ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ އެތުލެޓިކޯ ހާސްކަމެއްގައި

އެތުލެޓިކޯ މެޑްރިޑްފެ ދިދަ ---

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ އާރުޕީ ލިޕްޒިގާ ދެކޮޅަށް ކުޅޭ މެޗު ބޯމަތިވެފައި ވަނިކޮށް އެތުލެޓިކޯ މެޑްރިޑްގެ ދެ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން މެދުކަނޑާލި ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ކުޅުން އަލުން ފަށާފައިވާ އިރު ބަލި ފެތުރުން އިތުރަށް ކުޑަ ކުރުމުގެ ގޮތުން ޔޫއެފާއިން ވަނީ މުބާރާތުގެ ބާކީ ހުރިހާ މެޗެއް ޕޯޗުގަލްގެ ލިސްބޮންގައި ކުޅޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ދެ ލެގު ކުޅުމުގެ ބަދަލުގައި ނޮކްއައުޓް އުސޫލަށް މުބާރާތް ބަދަލުކޮށްފައިވާ އިރު ކުއާޓާ މެޗުތައް ކުޅުމަށް ޓީމުތައް މިހާރު ވަނީ ޕޯޗުގަލަށް ފުރުމަށް ތައްޔާރުވެފަ އެވެ.

ޕޯޗުގަލްގެ ދަތުރަށް ފުރުމުގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން ވެސް ކޮވިޑަށް ޓެސްޓް ކުރުން ލާޒިމް ކޮށްފައިވާ އިރު އެތުލެޓިކޯއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ޓީމުގެ ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކޮށްފަ އެވެ. އަދި އެ ސާމްޕަލްތަކުގެ ނަތީޖާ އައި އިރު ދެ ކުޅުންތެރިއަކު ޕޮޒިޓިވްވެފައިވާ ކަން ކުލަބުން ވަނީ އިއުލާން ކޮށްފަ އެވެ.

"އެންމެ ފަހުން ނެގި ޓެސްޓްތަކުން ދެ ކުޅުންތެރިއެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައި. އެކަން މިހާރު ސްޕެއިނުގެ ފުޓުބޯޅަ ފެޑެރޭޝަނާއި، ސްޕޯޓްސް ކައުންސިލް އަދި ޔޫއެފާގެ ސަމާލުކަމަށް ވާނީ ގެނެވިފައި،" އެތުލެޓިކޯއިން ބުނެފައިވެ އެވެ.

އެތުލެޓިކޯއިން ބުނީ ޕޮޒިޓިވްވި ދެ ކުޅުންތެރިން މިހާރު ތިބީ އައިސޮލޭޝަންގައި ކަމަށާއި، އެކަމުގެ ސަބަބުން ޕޯޗުގަލަށް ދެވޭނީ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުންގެ އިތުރު ޓެސްޓް ރައުންޑަކަށް ފަހު ކަމަށެވެ. އަދި އެހެންމެ މިކަންތަކާ އެކު ޓީމުގެ ފަރިތަކުރުންތަކަށާއި، ޝެޑިއުލްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެކުލަބުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓީމަށް މިކަންތަކުގެ ސަބަބުން ލިބިފައިވާ ހާސްކަމާ އެކު ވެސް ކުޅުންތެރިން ތިބީ މެޗަށް ތައްޔާރަށް ކަމަށާއި، އެހެން ނަމަވެސް ޓީމަށް އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށް ބެލެވޭ ނަމަ ޔޫއެފާއާ އެކު މެޗު ފަސް ކުރުމަށް މަޝްވަރާ ކުރާނެ ކަމަށް ވެސްް އެތުލެޓިކޯއިން ވަނީ ބުނެފަ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅެން ތާވަލުކޮށްފައި އޮތް މެޗަށް އެތުލެޓިކޯއިން ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ އިރު އެ ކުލަބުން ކޮންމެ ހަފުތާ އަކު ވެސް ދެފަހަރަށް މީގެ ކުރިން ވަނީ ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކޮށްފަ އެވެ.

comment ކޮމެންޓް