ގިނަ އަދަދެއްގެ ތާލިބާން ހަނގުރާމަވެރިން ދޫކޮށްލަނީ

ތަލިބާން ހަނގުރާމަވެރިންތަކެއް---

ގިނަ އަދަދެއްގެ ތަލިބާނުން ދޫކޮށްލަން އަފްގާނިސްތާނުގެ "ލޯޔާ ޖިރްގާ" އިން ނިންމައިފި އެވެ.

ލޯޔާ ޖިރްގާއަކީ އަފްގާނިސްތާނުގެ ޕަޝްތޫން ދަރިކޮޅުގެ އާދަކައިދައިގެ ތެރެއިން ހިންގާ އިސް މީހުންގެ މަޖިލީހެކެވެ. އެ ކުށްވެރިން ދޫކުރަން ނިންމީ ތަލިބާނުންނާ ސަރުކާރާ ދެމެދު ސުލްހައިގެ ވާހަކަތައް ބޭއްވުމަށް އޮތް ހުރަސްތައް ނައްތާލުމަށްކަމަށް އެ މަޖިލީހުން ބުނެ އެވެ

ތަލިބާނުން އަންނަނީ އެ ހަނގުރާމަވެރިން ދޫކޮށްލުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ.

އެގޮތުން 400 އެއްހާ ތަލިބާނުންގެ ހަނގުރާމަވެރިން ދޫކޮށްލަން ނިންމާފައިވާއިރު އޭގެ ތެރޭގައި ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންވެސް ހިމެނެ އެވެ. އެ ނިންމުން ތަންފީޒު ކުރުމަށް އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ސޮއިކުރައްވަން ވަނީ ނިންމަވައިފަ އެވެ.

މިއަހަރު ކުރީކޮޅު އެމެރިކާއާއި ތަލިބާނުންނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހަދައިފައިވާއިރު 5000 ތަލިބާން ހަނގުރާމަވެރިން ދޫކޮށްލަން އޮތީ ނިންމައިފަ އެވެ. ނަމަވެސް އަދިވެސް 400 މީހުން ޖަލުގައި އެބަތިއްބެވެ.

އަފްގާނިސްތާނުގައި ތިބޭ އެމެރިކާގެ ސިފައިންގެ އަދަދު 5،000 އަށް ދަށް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

ކުރިން އަފްގާނިސްތާނުގައި ވެރިކަން ކުރި ތަލިބާނުންގެ ސަރުކާރު ވެއްޓުނީ 2001 ވަނަ އަހަރު އެމެރިކާއިން އެގައުމަށް އަރައި ހިފި ފަހުންނެވެ. ނަމަވެސް ފަހުގެ އަހަރުތަކުގެ ތެރޭގައި ތަލިބާނުންގެ ބާރު އަނެއްކާވެސް ވަނީ އެ ގައުމުގައި ގަދަވެފަ އެވެ. --ބީބީސީ

comment ކޮމެންޓް