އަޔާސޯފްޔާގެ ތާރީޚީ ދަތުރު3: މިސްކިތެއްގެ ގޮތުގައި 478 އަހަރު

އަޔާސޯފްޔާގެ ވަޤުފުގެ ފަތްކޮޅު

އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވުމުގެ ޝަރުޢީ އިޖުރާއާތުގެ ކަންކަން ފާތިޙް ސުލްޠާން މުޙައްމަދު ގެންދެވީ ވަރަށް ހަރުދަނާކޮށެވެ. ވަޤުފުގެ މަފްހޫމާއި އުޞޫލުތަކާ އެއްގޮތަށް، އަޔާސޯފްޔާ މުސްލިމުންނަށް ވަޤުފު ކުރެއްވުމާ އެކު، އެ ވަޤުފުގެ ތަފްޞީލީ ލިޔުންތަކެއް ނުވަތަ ފަތްކޮޅުތަކެއް އެކުލަވައިލެއްވިއެވެ. ސިއްކަތަކާއި ސޮއިތައް ފުރިހަމަ ކުރެވިފައި ހުރި އެ ފަތްކޮޅުތައް މިއަދު ވެސް ރައްކައުތެރި ކުރެވިފައި އެބަހުއްޓެވެ. ކަމާބެހޭ ދެ ފަތްކޮޅު އޮތް އިރު، އެއް ފަތްކޮޅު މިހާރު އޮތީ އަންކާރާގައި ހުންނަ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ލޭންޑް ރެޖިސްޓްރީ އެންޑް ކެޑޭސްޓަރ ގައެވެ. ފުއްލާހަމުގައި ލިޔެފައި ވާ އެ ފަތްކޮޅުގެ ދިގުމިނުގައި 66 މީޓަރު ހުރެއެވެ. ލިޔެފައި ވަނީ ތުރުކީ ބަހުން، އެއިރު ޢުޘްމާނީން ތުރުކީ ބަސް ލިޔާން ބޭނުން ކުރި ޢަރަބި އަކުރުންނެވެ. ދެވަނަ ފަތްކޮޅު ލިޔެވިފައި ވަނީ ޢަރަބި ބަހުންނެވެ. އެ ފަތްކޮޅު ރައްކައު ކުރެވިފައި އޮންނަނީ އިސްތަންބޫލުގައި ހުންނަ ޓާރކިޝް އެންޑް އިސްލާމިކް އާރޓްސް މިޔުޒިޔަމް ގައެވެ.

ޖޫން، 1، 1453 މ.ގެ ތާރީޚު ޖެހިފައި ވާ ވަޤުފުގެ ފަތްކޮޅުގައި، ފާތިޙް ސުލްޠާން މުޙައްމަދު ވަނީ، އަޔާސޯފްޔާ މުސްލިމުންނަށް ވަޤުފު ކުރައްވަނީ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރުމަށް ޓަކައި ކަމުގައްޔާއި، އަދި އެނޫން އެހެން އެއްވެސް ބޭނުމަކަށް އެތަން ދުވަހަކުވެސް ބޭނުން ކޮށްގެން ނުވާނެކަމަށް ކަނޑައަޅުއްވައިފައެވެ. އޭގައި ވެއެވެ. "... އަހުރެން މި ޝަރަޙަ ކޮށް ބަޔާން ކުޅަ ހުރިހައި ކަންތައްތަކެއް މެ ވަނީ (އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރުމުގެ) ވަޤުފުގެ ޤަރާރުގައި، އެކަމަށް ޓަކައި ކަނޑައެޅުނު ގޮތްމަތީން ލިޔެވި ޤަރާރު ކުރެވިފައެވެ. އޭގައި ވާ ޝަރުޠުތަކަށް ބަދަލު ގެނައުމެއް ނުވެއެވެ. އޭގެ ޤަވާޢިދުތަކަށް އުނިއިތުރެއް އިޞްލާޙެއް ގެނައުމެއް ނުވެއެވެ. މި ވަޤުފުގެ އަޞްލީ މަޤްޞަދުން އެއްކިބާ ވެގަތުމެއް ނެތެވެ. މި ވަޤުފަށް ކަނޑައެޅިފައި ވާ ހަމަތަކާއި އުޞޫލުތަކަށް މަދުކަމެއް ނުވަތަ އުނިކަމެއް އައުމެއް ނުވެއެވެ. މި ވަޤުފާ އެއްވެސް ގޮތަކުން ބެހި، ބަދަލު ގެނެސް ހެދުން ވަނީ މަނަޢަ ވެގެންނެވެ. (އަޔާސޯފްޔާ މިސްކިތަކަށް ހެދުމަށް ޓަކައި) މި ވަޤުފުގެ ޤަރާރުގައި ވާ ހަމަ އެންމެ ކަމަކަށް ބަދަލެއް ގެނަޔަސް، އެކަން ކުރި މީހަކަށް ﷲ އާއި، ﷲ ގެ ރަސޫލާ އާއި، ﷲ ގެ މަލާއިކަތުންނާއި، ﷲ ގެ އަޅުތަކުންގެ ލަޢުނަތް ހުއްޓެވެ! ..."

އަޔާސޯފްޔާގެ މަރާމާތުތައް ކުރުމަށާއި ތަން ބެލެހެއްޓުމުގެ ޚަރަދުތައް ކުރުމަށް ޓަކައި، ފާތިޙް ސުލްޠާން މުޙައްމަދު އުފެއްދެވި ވަޤުފުގެ މިލްކުވެރިކަމުގެ ދަށަށް، ކޮންސްޓެންޓިނޯޕްލް ފަތަޙަޔާ ގުޅިގެން ޣަނީމާގެ ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގަތް ހުރިހައި މުދަލަކާއި ތަކެއްޗެއް ދޫ ކުރެއްވިއެވެ. އެއިގެ ތެރޭގައި ބިމާއި، ގެދޮރާއި ދުއްކާންތައް ފަދަ ޢިމާރާތްތައް ހިމެނުނެވެ. މި ގޮތުން، ކޮންމެ އަހަރަކު ވެސް އަޔާސޯފްޔާ ބެލެހެއްޓުމަށް ޓަކައި އެމަނިކުފާނުގެ އަމިއްލަފުޅު މުދަލުން 14000 ރަން ދީނާރު ޚަރަދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެއިރުއްސުރެ، އަޔާސޯފްޔާގެ ބެލެހެއްޓުންތެރި ބަލަދުވެރިޔަކީ، އަދި ޝަރުޢީ-ޤާނޫނީ މިލްކުވެރިކަމުގެ ބާރުތަކާއި ޙައްޤުތަކުގެ އަމާނާތްތެރިޔަކީ، ފާތިޙް ސުލްޠާން މުޙައްމަދުގެ މި ދެންނެވި ވަޤުފެވެ. އަޔާސޯފްޔާގެ ކަންކަން ދުވަހުން ދުވަހަށް ބެލެހެއްޓުމުގެ އިސް ވެރިޔަކީ އެ ވަޤުފުގެ މުތަވައްލީ އެވެ. ފާތިޙް ސުލްޠާންގެ ޙަޔާތްޕުޅުން ފެށިގެން، ތުރުކީ ވިލާތުގެ ޖުމްހޫރިއްޔާގެ ސަރުކާރުން ރައީސް މުޞްޠަފާ ކަމާލާއި އޭނާގެ ކެބިނެޓުގެ ނިންމެވުމަކުން، އެ ވަޤުފުގެ ދަށުން އަޔާސޯފްޔާ ހިންގުން ގަދަބާރުން ހުއްޓުވުމާ ހަމަޔަށް، ތަން ބެލެހެއްޓެމުން ދިޔައީ މި ގޮތުގެ މަތީންނެވެ.

ފޮސާޓީ ދެބެއިންގެ މަރާމާތަށް ފަހު އަޔާސޯފްޔާގެ އެތެރެ ހުރިގޮތް ދައްކައިދޭ މުސްކުޅި ކުރެހުމެއް.

ފާތިޙް ސުލްޠާން މުޙައްމަދު އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެއްވީ، ކޮންމެހެން ކުރާން ޖެހިފައި ހުރި މަރާމާތުތައް ކުރައްވައިގެން، އަދި ތަނަށް ބައެއް ބަދަލުތައް ގެންނަވައިގެންނެވެ. ގެންނެވި ބަދަލުތަކަށް ބަލާ އިރު، އެންމެ ފުރަތަމަ ކުރެއްވި ކަންތައްތަކަކީ، އެތަނުގެ އެތެރޭގައި ރައްކައު ކޮށްފައި ނުވަތަ ބަހައްޓައިފައި ހުރި ނަޞާރާއިންގެ މުޤައްދަސް ޒަޚީރާތަކާއި، ބެހެއްޓިފައި ހުރި ޞަލީބުތަކާއި، ޢިމާރާތަށް ގެއްލުމެއް ނުލިބޭ ގޮތަށް ނައްޓައިލައިގެން ނެގޭ ގޮތަށް ހުރި ތަޞްވީރުތައް ނަންގަވައި ތަނުން ނެރުއްވުމާއި، ނާގޫސް ބުރުޒުގައި ބެހެއްޓިފައި ހުރި ނާގޫސް ނެންގެވުމާއި، ބޮޑުގުއްބުގެ މަތީގައި ހުރި ބޮޑު ޞަލީބު ނެންގެވުމާއި، އެތެރޭގެ ފާރުތަކުގައި ކުރަހައިފައި ހުރި ޞަލީބުތަކާއި ތަޞްވީރުތަކުގެ ތެރެއިން ނަމާދުގެ ޖަމާޢަތުގައި ބައިވެރި ވާ މީހުން ޖަމާޢަތުގައި ތިބޭ އިރު ފެންނަ ހިސާބުގައި ހުރި އެއްޗެތި ނުފެންނަ ގޮތް ހެއްދެވުމެވެ. ދެން ގެންނެވި ބަދަލުތަކަކީ، ނަމާދު ކުރާ ބައިގައި ސަންގުމަރުމަރު ހިލައިގެ މިންބަރެއް ބެހެއްޓެވުމާއި، މިޙްރާބެއް ހެއްދެވުމެވެ. އަޔާސޯފްޔާ ހުންނަނީ ސީދާ މައްކާޔަށް މޫނު ވާގޮތަށް ނޫންކަމުން، މިޙްރާބު ބެހެއްޓުނީ މައި މާލަމުގެ އެތެރޭކޮޅުގެ މެދަށް ވުރެ ކުޑަކުޑަ ތަންކޮޅެއް ކަނާއަތް ފަރާތަށެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެއްޗެތިކޮޅުތަކުގެ ތެރެއިން، ޢުޘްމާނީ ރަސްރަސްކަލުންގެ އަތްޕުޅުގައި އޮތް ނަމާދު ދޫލަކޮޅެއް، މިންބަރުގެ ކަނާއަތް ފަރާތުގައި ބޭއްވެވިއެވެ. އަދި ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވި ހަނގުރާމައިގައި ފާތިޙް ސުލްޠާން ބޭނުންފުޅު ކުރެއްވި ޝާހީ ދެ ދިދަކޮޅު މިންބަރުގެ ދެ ފަރާތުގައި ހަރު ކުރެއްވިއެވެ. އެއިގެ ތެރެއިން އެއް ދިދަޔަކީ ފެހި ކުލައިގެ ދިދައެކެވެ. އަނެއް ދިދަޔަކީ ކަޅު ދިދައެކެވެ. ތަނުގެ އެތެރޭގައި އެޅުއްވީ އެއިރު ޢުޘްމާނީން ބޭނުން ކުރާ އެންމެ މޮޅު، އެންމެ އަގުބޮޑު ދޫލައެވެ. ރެއިގަނޑަށް ތަން ދިއްލުމަށް ޓަކައި ބެހެއްޓެވީ ވަރަށް ބޮޑު އަދި އަގުހުރި ޗާންދަލިޔާއެކެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ޚައްޠުލިޔުންތަކުން އެތެރޭގެ ފާރުތައް ޒީނަތްތެރި ކުރެއްވިއެވެ.

ފާތިޙް ސުލްޠާން މުހައްމަދުގެ އަމުރުފުޅަށް އަޔާސޯފްޔާގެ ހުޅަނގުބިތުގެ ފަޅިގުއްބާ ޖެހިގެން ހުންނަ ދެ ބުރުޒުގެ ދެކުނަށް ވާ ގޮތަށް، ލަކުޑީގެ މުންނާރެއް ވެސް ބެހެއްޓުނެވެ. މި މުންނާރުގެ މަޤާމާ ބެހޭގޮތުން، ޝައުޤުވެރި ވާހަކައެއް ކިޔިފައި ވެއެވެ. ތާރީޚީ ރިކޯޑުތަކުގައި މި ވާހަކަ ބަޔާން ކުރެވިފައެއް ނޯވެއެވެ. އެ ވާހަކަ ފެންނަނީ ސޯޅަވަނަ ޤަރުނުގައި އުޅުއްވި ޢުޘްމާނީންގެ މަޝްހޫރު ސައްޔާޙު އެވްލިޔާ ޖަލަބީގެ ދަތުރުނާމާއިންނެވެ. އޭނާ ރިކޯޑު ކުރައްވައިފައި އޮންނަ ގޮތުން، ފާތިޙް ސުލްޠާން މުޙައްމަދުގެ ރަސްކަމުގެ ކުރީކޮޅު، ނުވަތަ އެމަނިކުފާނުގެ ބައްޕާފުޅު ސުލްޠާން މުރާދު ދެވަނަގެ ރަސްކަމުގެ ތެރޭގައި، އަޔާސޯފްޔާގެ ހުޅަނގުފަރާތުގެ މައިފާރު ވަރުގަދަ ކުރުމަށް ޓަކައި، މަރާމާތުގެ މަސައްކަތްތަކެއް ކުރުމުގެ ގޮތުން ބައިޒެންޓައިން ދަރުބާރުގެ އެދުމަކަށް ޢުޘްމާނީންގެ މަޝްހޫރު މިޢުމާރު ޢަލީ ނައްޖާރު ކޮންސްޓެންޓިނޯޕްލަށް ވަޑައިގަތެވެ. އަދި އަޔާސޯފްޔާގެ ޢިމާރާތް ބައްލަވައި ތަޙުޤީޤު ކުރެއްވުމަށް ފަހު، ފާރުތަކަށް ބާރު ލިއްބައިދިނުމަށް ޓަކައި ބިތުމުޑިތަކެއް ބިނާ ކުރެއްވިއެވެ. މި މަސައްކަތް ނިންމެވުމަށް ފަހު، އޭނާ އެނބުރި އެދީރްނާޔަށް ވަޑައިގެން، ސުލްޠާންގެ އަރިޔަހުގައި ދެންނެވިއެވެ. "ޢިއްޒަތްތެރި ސާހިބާ ސުލްޠާނެވެ! އަޅުގަނޑު ހަތަރު ބިތުމުޑި ބިނާކޮށް، އަޔާސޯފްޔާގެ ގުއްބު ސަލާމަތް ކޮށްފީމެވެ. އަޔާސޯފްޔާ މަރާމާތު ކުރުން ލިޔެވުނީ އަޅުގަނޑުގެ ނަޞީބުގައެވެ. އެތަން ފަތަޙަ ކުރެއްވުން ލިޔެވިގެން ވަނީ މަނިކުފާނުގެ ނަޞީބުފުޅުގައި ކަމަށް ވުން އެދިހުރީމެވެ. އަޅުގަނޑު މި އައީ މަނިކުފާނު އެތަނުގައި މުންނާރެއް ބިނާ ކުރެއްވުމަށް ޓަކައި ބުޑެއް ވެސް ހަދައިފައެވެ. އެ ބުޑުމަތީގައި އަޅުގަނޑު ނަމާދު ކުރީމެވެ." ވާހަކައިގައި ކިޔާ ގޮތުން، އެއިގެ ދުވަސްތަކެއް ނުވަތަ އަހަރުތަކެއް ފަހުން ފާތިޙް ސުލްޠާން މުޙައްމަދު ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމަށް ފަހު، އަޔާސޯފްޔާގެ ފުރަތަމަ މުންނާރު ބިނާ ކުރެއްވެވީ ޢަލީ ނައްޖާރު ހައްދަވައިފައި ހުރި ބުޑުމަތީގައެވެ. ނަމަވެސް، ކުރީން ވެސް ދެންނެވި ފަދައިން، މިއީ ޞައްޙަ ވާހަކައެއްކަން ޔަޤީން ކޮށްދޭ ތާރީޚީ އެއްވެސް ހެއްކެއް ނެތެވެ.

ފާތިޙް ސުލްޠާން މުޙައްމަދު އަޔާސޯފްޔާއަށް ގެންނެވި ބަދަލުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ބަދަލަކީ، ތަނުގެ މައި ޢިމާރާތުގެ ފުރަގަހަށް މުޅީން އައު ބައެއް އިތުރު ކުރެއްވުމެވެ. އެއީ މަދަރުސާއެއްގެ ގޮތުގައި ބޭނުން ކުރުމަށް ޓަކައި އިތުރު ކުރެއްވި ބައެކެވެ. އެއީ މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރުމަށް ފަހު، ޝަހަރުގައި ބިނާ ކުރި އެންމެ ފުރަތަމަ މަދަރުސާއެވެ. އެއީ އިސްލާމް ދީނުގެ ޢިލްމުތައް ކިޔަވައިދިނުމަށް ޓަކައި ބިނާ ކުރެއްވެވި މަދަރުސާއެކެވެ. އެތަން މެދުކެނޑުމެއް ނެތި 1931 މ. އާ ހަމަޔަށް އިސްލާމީ ތަޢުލީމުގެ މަދަރުސާއެއްގެ ގޮތުގައި ހިންގުނެވެ. އެތަން ބަންދު ކުރެވުނީ ތުރުކީގެ ޖުމްހޫރިއްޔާ ލާދީނީ ޢަލްމާނީންގެ ބާރުގެ ދަށަށް ދިޔުމަށް ފަހު އެމީހުންގެ އަމުރަށެވެ. މި ކަން ކުރެވުނު ގޮތް މި މަޒުމޫނުގެ ކުރިޔަށް އޮތް ޞަފުޙާތަކުގައި ބަޔާން ކުރެވިފައި ވާނެއެވެ.

ފާތިޙް ސުލްޠާން މުޙައްމަދު އަވަހާރަ ވުމަށް ފަހު، ޢުޘްމާނީންގެ ތަޚުތުގައި އިށީނދެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަލުން ސުލްޠާން ބަޔާޒިދު ދެވަނަ އެވެ. ސުލްޠާން ބަޔާޒިދު އަޔާސޯފްޔާގައި ދެވަނަ މުންނާރެއް ބެހެއްޓެވިއެވެ. ނަމަވެސް އެމަނިކުފާނު ވެސް، އަދި އެމަނިކުފާނަށް ފަހު ދެން ވަޑައިގަތް ތިން ރަސްކަލުން ވެސް، އަޔާސޯފްޔާގެ ބިނާޔަށް ފާހަގަ ކުރެވޭ ވަރުގެ ބަދަލުތަކެއް ނުގެންނަވައެވެ. އެ ބެއިފުޅުންގެ ދައުރުތަކުގައި ކުރެވިފައި ހުރީ ޢާއްމު މަރާމާތުގެ މަސައްކަތްތަކާއި، މިސްކިތުގެ އެތެރެ ޒީނަތްތެރި ކުރުމަށް ޓަކައި ކުރެވެމުން ދިޔަ ކުދިކުދި ކަންތައްތަކެވެ. ތަނުގެ ޒީނަތްތެރިކަމަށް ޓަކައި އެ ދުވަސްވަރު ބެހެއްޓުނު އެއްޗެތީގެ ތެރެއިން މިހާރު ވެސް ހުންނަ، އަދި އަޔާސޯފްޔާއަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން ގިނަ ބަޔެއްގެ ޝައުޤުވެރިކަން ދަމައިގަންނަ އެކައްޗަކީ، މިޙްރާބުގެ ދެ ފަރާތުގައި ހުންނަ ބިޔަ ދެ އުއްބައްތިއެވެ. ކޮންމެ އެއްޗެއްގައި އާދައިގެ ދެ މީހުންގެ އިސްކޮޅަށް ހުންނަ އެ ދެ އުއްބައްތިޔަކީ ޚަލީފާ ސުލައިމާން ޤާނޫނީ 1526 މ. ގައި ހަންގޭރީ ފަތަޙަ ކުރެއްވުމަށް ފަހު، ބޫޑާގެ ބޮޑުފައްޅީން ގެންނެވި ދެ އުއްބައްތިއެވެ.

ޢުޘްމާނީންގެ ދައުރުގައި، އަޔާސޯފްޔާގެ މަރާމާތުގެ ބޮޑު މަޝްރޫޢުތަކެއް ހިންގިފައި ވަނީ ހަތަރު ފަހަރަކުއެވެ. މީގެ ތެރެއިން ފުރަތަމަ މަޝްރޫޢު ހިންގުނީ ފާތިޙް ސުލްޠާން މުޙައްމަދަށް ފަހު ފަސްވަނަޔަށް ތަޚުތުގައި ރެނދަލި ކުރެއްވި ޚަލީފާ ސަލީމް ދެވަނަގެ ރަސްކަމުގެ ދައުރުގައެވެ. އަޔާސޯފްޔާ ވަޤުފުގެ ރިކޯޑުތަކުންނާއި ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، ވަޤުފުގެ މުތަވައްލީ އާއި އަޔާސޯފްޔާގެ ޢިމާރާތް ބެލެހެއްޓުމުގެ މަސައްކަތުގައި އިސްވެ ތިއްބެވި ފަންނީ ބެއިފުޅުން، ތަނުގެ ޙާލަތު ވަރަށް ގޯސް ކަމަށާއި، ވަރަށް ބޮޑެތި މަރާމާތުތަކެއް ނުކޮށްފި ނަމަ ތަން ސަލާމަތުން ނުހުންނާނެ ވާހަކަ ޚަލީފާގެ އަރިޔަހުގައި ދެންނެވީ 1572 މ. ގައެވެ. މި ރިޕޯޓާ ގުޅިގެން، ޚަލީފާ ވަގުތުން އެންމެ މަތީ ދަރަޖައިގެ ފަންނީ ބެއިފުޅުންގެ ކޮމެޓީއެއް އެކުލަވައިލެއްވިއެވެ. އަދި ބިންގަލުން ފެށިގެން ކުރިބޯށްޓާ ހަމަޔަށް އަޔާސޯފްޔާގެ މުޅި ބިނާ ބައްލަވައި ތަޙްޤީޤު ކުރައްވައި، ޢިމާރާތް މަރާމާތު ކޮށް ވަރުގަދަ ކުރުމަށް ޓަކައި ކޮންމެހެން ކުރާން ޖެހޭ ކަންކަމުގެ ތަފްޞީލީ ރިޕޯޓެއް ތައްޔާރު ކުރެއްވުމަށް އެ ކޮމެޓީއަށް އެންގެވިއެވެ. އެ ކޮމެޓީގެ އިސް ބެއިފުޅެއް ކަމުގައި ލެއްވެވީ ބިނާފަރުމާ ނުވަތަ މިޢުމާރިއްޔަތުގެ ދާއިރާގައި ދުނިޔޭގެ ތާރީޚުގައި އުފެދުނު އެންމެ ކުޅަދާނަ އެއް ފަންނުވެރިޔާ، އަދި މުސްލިމުންގެ ފަޚުރެއް ކަމުގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު މިޢުމާރު، ސިނާން އާޣާ އެވެ. އެއިރު އޭނާޔަކީ ޢުޘްމާނީ ދައުލަތުގެ އިސް މިޢުމާރެވެ.

މިޢުމާރު ސިނާނާއި އޭނާގެ ކޮމެޓީން ބެއްލެވި ބެއްލެވުމުން އެނގުނު ގޮތުގައި، އަޔާސޯފްޔާގެ ޢިމާރާތުގެ ބައެއް ބައިތައް ހުރީ ދެ ފޫޓެއްހައި މިންވަރުން އެއް ފަރާތަކަށް އަރި އަޅައިލައިފައެވެ. ކޮމެޓީން އަޔާސޯފްޔާ ބައްލަވައި ތަޙްޤީޤު ކުރައްވަމުން ގެންދެވި އިރު، ޚުދު ޚަލީފާ ވެސް ކޮމެޓީގެ ބެއިފުޅުންނާ އެކު ތަނުގައި ވަޑައިގެން ހުންނަވައި، މަސައްކަތްތައް ބައްލަވަމުން ގެންދެވިއެވެ. އެ ދުވަސްވަރު އަޔާސޯފްޔާގެ ޢިމާރާތުގެ ގޯތި ނުވަތަ ސަރަޙައްދު ވަކި ކުރެވި، އެ ސަރަޙައްދުގެ އިންފާރު ލެވިފައެއް ނުހުރެއެވެ. ނަތީޖާއެއްގެ ގޮތުން، ވަށައިގެން އޮތް ޖާގައިގައި ބައެއް ދިމަދިމާއިން އަޔާސޯފްޔާގެ ޢިމާރާތާ ވަރަށް ކައިރީގައި ވެސް އެތައް ޢިމާރާތްތަކެއް ކުރެވިފައި ހުއްޓެވެ. އެއިގެ ތެރޭގައި ޝާހީ ގަނޑުވަރުގެ މަސައްކަތްތަކާ ގުޅޭ ޢިމާރާތްތަކާއި، ޢަސްކަރީ ކަންކަމާ ގުޅޭ ޢިމާރާތްތަކާއި، ޢާއްމު ޢިމާރާތްތަކާއި، އަދި އަމިއްލަ މީސްމީހުންގެ ޢިމާރާތްތައް ވެސް ހިމެނުނެވެ. މިޢުމާރު ސިނާންގެ ތަޙްޤީޤުން ފާހަގަ ކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ އެ ޢިމާރާތްތަކަކީ ވެސް އަޔާސޯފްޔާ ސަލާމަތް ކުރުމަށް ހުރި ހުރަސްތަކެއް ކަމެވެ. ކޮންމެއަކަސް، ތަޙްޤީޤުގެ މަސައްކަތް ނިންމަވައި، ކޮމެޓީން ހުށައެޅުއްވި ހުށައެޅުއްވުންތަކުގެ މައްޗަށް މިސްކިތް މަރާމާތު ކުރުމުގެ މަޝްރޫޢު ފެށުނީ ޚަލީފާ ބައިވެރި ވެވަޑައިގަތް ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޚަލީފާގެ އަތްޕުޅުން މިޢުމާރު ސިނާނަށް ޢިއްޒަތުގެ ހެދުންކޮޅެއް ހަދިޔާ ކުރައްވަވައިފައި ވިދާޅުވިއެވެ. "އަހުރެން އެދެނީ، މި މަތިވެރި މިސްކިތް، އަހުރެންގެ ޝާހީ ޔާދުގާރެއްގެ ގޮތުގައި މަރާމާތު ކޮށް ރައްކައުތެރި ކުރުމަށެވެ."

މިޢުމާރު ސިނާން އާޣާގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން، މިސްކިތުގައި ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ. އެގޮތުން، އަޔާސޯފްޔާގެ ގޯތި ނުވަތަ ސަރަޙައްދު ކަނޑައަޅުއްވައި، އެ ސަރަޙައްދަށް ވާގޮތަށް ހުރި އެހެން ހުރިހައި ޢިމާރާތްތަކެއް ތަޅުއްވައި ނަންގަވައިލައްވައި، އެ ސަރަޙައްދުގައި އިންފާރު ލެއްވެވިއެވެ. އަޔާސޯފްޔާގެ ޢިމާރާތަށް ބާރު ދޭން ކުރީން ބިނާ ކުރެވިފައި ހުރި ހުރިހައި ބިތުމުޑިތައް ނަންގަވައި، ކުރިޔަށް ވުރެ ވަރުގަދަ އަދި ފަންނީ ގޮތުން ފެންވަރު ރަނގަޅު ބިތުމުޑިތައް ހައްދަވައި، ޢިމާރާތަށް ހުރިހައި ފަރާތަކުން ބާރު ލިބޭ ގޮތް ހެއްދެވިއެވެ. މިސްކިތުގައި ފުރަތަމަ ބިނާ ކުރެވުނު މުންނާރު – އާދެ، ފާތިޙް ސުލްޠާން މުޙައްމަދު އެތަނުގައި އެންމެ ފުރަތަމަ ބިނާ ކުރެއްވި ލަކުޑީގެ މުންނާރު – ނަންގަވައި، އޭގެ މަޤާމުގައި ހިލައިން ބިޔަ މުންނާރެއް ބިނާ ކުރެއްވިއެވެ. އަދި މިސްކިތުގެ ހުޅަނގު ފަރާތަށް ދެ މުންނާރު އިތުރު ކުރެއްވިއެވެ. މި ތިން މުންނާރު ވެސް ބިނާ ކުރެއްވެވީ، އޭގެ ބުޑުން ޢިމާރާތަށް ބާރު ލިބޭ ގޮތަށް، ބިތުމުޑިތަކެއްގެ ދައުރު ވެސް އަދާ ކުރާ ބިނާތަކެއްގެ ގޮތުގައެވެ. ސުލްޠާން ބަޔާޒިދު ދެވަނަ ބިނާ ކުރައްވައިފައި ހުރި މުންނާރު ނުނަންގަވައި ބެހެއްޓެވި ނަމަވެސް، އެ މުންނާރު ވެސް ފުރިހަމަޔަށް މަރާމާތު ކުރެއްވިއެވެ. މީގެ އިތުރުން، ބޮޑު ގުއްބުގެ ބޭރުން ވަށައިގެން ލެވިފައި ހުރި މުރަންނު ފަށަލަ ނަންގަވައި، މުޅީން އައު މުރަންނު ފަށަލައެއް ލެއްވެވިއެވެ. މިސްކިތުގެ ގޯތިތެރޭގައި ހުންނަ ފެންހޮޅިތަކުގެ ނިޒާމު ޢިމާރާތަށް ގެއްލުން ނުލިބޭ ގޮތަށް މުޅިން އައު ކުރައްވައި ފައްކާ ކުރެއްވިއެވެ. ފާތިޙް ސުލްޠާން މުޙައްމަދު ބިނާ ކުރައްވައިފައި ހުރި މަދަރުސާ ވެސް އާބާތުރަ ފިލުއްވަވައި، ބޮޑު ކުރައްވައި ހެއްދެވިއެވެ. 1574 މ. ގައި ޚަލީފާ ސަލީމް ދެވަނަ އަވަހާރަ ވީ މި މަސައްކަތް މުޅިން ނުނިމެނީހެވެ. އެއިރު އެ މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ނުނިމި އޮތީ ދެ މަސައްކަތެކެވެ. ފުރަތަމަ މަސައްކަތަކީ އަޔާސޯފްޔާގެ ޢިމާރާތަށް ދެ މަދަރުސާގެ ގޮތުގައި އައު ދެ ބައި އިތުރު ކުރުމުގެ މަސައްކަތެވެ. ދެވަނަ މަސައްކަތަކީ އަޔާސޯފްޔާގެ ގޯތިތެރޭގައި، ޚަލީފާ ކަނޑައެޅުއްވި މަޤާމެއްގައި އެމަނިކުފާނަށް ޓަކައި މަޤްބަރާބިނާއެއް ހެދުމުގެ މަސައްކަތެވެ. ޚަލީފާ ސަލީމް އަވަހާރަ ވުމަށް ފަހު، އެމަނިކުފާނުގެ ދަރިކަލުން ޚަލީފާ މުރާދު ތިންވަނަ ތަޚްތުގައި އިށީނދެވަޑައިގެން، މި ދެންނެވި ދެ މަދަރުސާގެ މަސައްކަތް ފިޔަވައި، އެހެން ހުރިހައި މަސައްކަތްތަކެއް ބައްޕާފުޅުގެ ދުވަސްވަރު ހަމަޖެހިފައި އޮތް ގޮތަށް، މިޢުމާރު ސިނާން އާޣާގެ ބެއްލެވުމުގެ ދަށުން ކުރިޔަށް ގެންދެވިއެވެ.

ޚަލީފާ މުރާދު ތިންވަނަޔަށް ފަހު، އެހެން ޚަލީފާއިން ވެސް އެ އިރެއްގެ ޙާލަތު ނިޔާ ކުރި ގޮތަކުން، އެ އިރަކަށް ބޭނުން ވި މިންވަރަކަށް، އެ އިރަކަށް ބޭނުން ވި މަރާމާތުތަކެއް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން ކުރެވިފައި ވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑުގުއްބުގެ މުރަންނު އައު ކުރުމާއި، މަދަރުސާގެ ބައިތައް މަރާމާތު ކޮށް އައު ކުރުމާއި، ތަނުގެ ދޮރުތައް އައު ކޮށް ވަރުގަދަ ކުރުމާއި، ފާޚާނާ ކުރުމަށް ޓަކައި ހެދިފައި ހުރި ބައިތައް މަރާމާތު ކުރުމާއި، ފެންހޮޅިތަކުގެ ނިޒާމު މަރާމާތު ކުރުމާއި، ބިއްލޫރި އައު ކުރުމާއި، ފާރުތަކުގައި ހުންނަ ޚައްޠުލިޔުންތައް އައު ކުރުމާއި، މިންބަރާއި މިޙްރާބު އައު ކޮށް ޒީނަތްތެރި ކުރުމާއި، އެތެރޭގެ ބައިތައް ޒީނަތްތެރި ކޮށް ބައެއް ބައިތައް ފާހަގަ ކުރުމަށާއި ވަކި ކުރުމަށް ޓަކައި ބަލަސްތަރު ޖެހުމާއި، މުޅި ތަނުގެ ފާރުތައް ދޮވެ ރީތި ކުރުމާއި، ތަނުގެ އެތެރޭގައި ނިވައި ނުކުރެވި ހުރި ނަޞާރާއިންގެ ބައެއް ތަޞްވީރުތައް ނިވައި ކުރުން ފަދަ ކަންކަން ހިމެނެއެވެ.

އަޔާސޯފްޔާ މަރާމާތު ކުރުމުގެ ބޮޑު ދެވަނަ މަޝްރޫޢު ހިންގުނީ 1607 މ. އިން 1609 މ. އަށް، ޚަލީފާ އަޙްމަދު އެއްވަނަގެ އަމުރުފުޅުގެ ދަށުންނެވެ. ލަފާ ކުރެވޭ ގޮތުގައި، އަޔާސޯފްޔާގެ ބޮޑުގުއްބުގެ އެތެރޭގައި ކުރީން ހުރި ޢީސާ ޢަލައިހިއްސަލާމް ރަމްޒު ކޮށްދޭ ބިޔަ ތަޞްވީރު ފޮރުވޭ ގޮތަށް ގުއްބުގެ އެތެރޭގައި ކުލަ ލެވި، ކީރިތި ޤުރްއާނުގެ ސޫރަތުއްނޫރުގެ 35 ވަނަ އާޔަތް – އާޔަތުއް ނޫރް – ލިޔެވުނީ މި ފަހަރުގެ މަރާމާތުގެ މަސައްކަތްތަކުގެ ތެރޭގައެވެ.

ތިންވަނަ މަޝްރޫޢަކީ ޚަލީފާ މަޙްމޫދު އެއްވަނަގެ އެންގެވުމަށް، 1739 މ. އިން 1740 މ. އަށް ހިންގުނު މަޝްރޫޢެވެ. މި ފަހަރު އަޔާސޯފްޔާއަށް ކުތުބުޚާނާޔަކާއި، ކުޑަކުދީންނަށް ކިޔަވައިދޭ މަދަރުސާޔަކާއި، ފަޤީރުންނަށް ކާން ދޭ ދަރުމަގާހަކާއި، ވުޟޫ ކުރާ ތަނެއް އިތުރު ކުރެވުނެވެ.

މަރާމާތުގެ މައިގަނޑު ހަތަރުވަނަ މަޝްރޫޢު ހިންގުނީ 1847 މ. އިން 1849 މ. އަށް، ޚަލީފާ ޢަބްދުލްމަޖީދު އެއްވަނަގެ ޚިލާފަތުގެ ދުވަސްވަރުއެވެ. މިޢުމާރު ސިނާން އާޣާ އަށް ފަހުގައި، އަޔާސޯފްޔާގެ އޮނިގަނޑު މަރާމާތު ކުރެވުނު ފަހަރަކީ މިއެވެ. މި މަސައްކަތުގައި މިޢުމާރުންގެ ގޮތުގައި އިސްކޮށް ޙަރަކާތްތެރި ވުމަށް ޓަކައި ޚަލީފާ ކަނޑައެޅުއްވީ ސްވިޓްޒަރލޭންޑުގެ ކުޅަދާނަ ދެ ބިނާފަރުމާވެރީން ކަމުގައި ވާ ގެސްޕެއަރ ފޮސާޓީ އާއި ޖުސެޕޭ ފޮސާޓީ އެވެ. މިއީ ދެ ބެއިންނެވެ. ޖުމުލަ އަށްސަތޭކަ މަސައްކަތްތެރީންނާއިގެން މި ދެބެއިން ކުރި މަސައްކަތުގައި، އަޔާސޯފްޔާގެ ބޮޑު ގުއްބާއި އެހެން ގުއްބުތައް ވަރުގަދަ ކުރެވުނެވެ. ސުލްޠާން ބަޔާޒިދު ދެވަނަ ބިނާ ކުރެއްވި މުންނާރު އުސް ކުރެވި، އަނެއް ތިން މުންނާރާ އެއްވަރު ކުރެވުނެވެ. ކޮންމެވެސް ވަރަކަށް އަރި ވެފައި ހުރި ތަނބުތަކެއް މަރާމާތު ކުރެވުނެވެ. އެތެރޭގައި ހުންނަ ނަޞާރާއިންގެ މޮޒެއިކް ތަޞްވީރުތައް ފޮރުވައި ނިވައި ކުރުމަށް ޓަކައި ކުރީގެ ދައުރުތަކުގައި ލެވިފައި ހުރި ކުލަޔާއި ޕްލާސްޓަރު ނައްޓައި، އަލުން ކުލަ ލައި ނިވައި ކުރެވުނެވެ. މުޅި ތަނުގެ އެތެރެޔާއި ބޭރުގެ ކުލަ އައު ކުރެވުނެވެ. އަޔާސޯފްޔާގެ އެތެރެޔަށް ވަންނަ މީހެއްގެ ސަމާލުކަން އެންމެ ފުރަތަމަ ދަމައިގަންނަ އެކައްޗެއް ކަމުގައި ވާ ޚައްޠުލިޔުމުގެ ބިޔަ ބޯޑުތައް ވެސް ބެހެއްޓުނީ މި މަރާމާތުގެ ތެރޭގައެވެ. އެއިގެ ކުރީން ވެސް އެ ބާވަތުގެ ބޯޑުތަކެއް ހުރީ ބެހެއްޓިފައެވެ. ނަމަވެސް ކުރީން ހުރީ ބޮޑުމިން އާދައިގެ، ހަތަރެސްކަނަށް ހުރި ބޯޑުތަކެކެވެ. މި މަރާމާތުގެ ތެރޭގައި ލެވުނީ ވަށްބުރު ބައްޓަމަށް ހުރި، ރޭޑިޔަހުގައި 8 މީޓަރު ހުންނަ، ވަރަށް ބޮޑު ބޯޑުތަކެކެވެ. މީގެ އަށް ބޯޑު ހުންނަ އިރު، އެ ބޯޑުތަކުގައި ލިޔެވިފައި ހުންނަނީ ﷲ ގެ އިސްމުފުޅާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ހަތަރު ޚަލީފާއިންގެ ނަންފުޅުތަކާއި، ކީރިތި މާތް ނަބިއްޔާގެ ދެ މާފަބެއިފުޅުން ކަމުގައި ވާ ޙަސަން ބިން ޢަލީ އާއި ޙުސައިން ބިން ޢަލީގެ ނަންފުޅެވެ. މި ބޯޑުތަކުގައި ނަންފުޅުތައް ޚައްޠުލިޔުމުން ލިޔުއްވީ ޢުޘްމާނީންގެ ވަރަށް މަޝްހޫރު ފަންނުވެރިޔެއް ކަމުގައި ވާ މުޞްޠަފާ ޢިއްޒަތު އަފަންދީ އެވެ. އަޔާސޯފްޔާގެ އެތެރޭގައި ހުރި އިސްލާމީ ޚައްޠުލިޔުންތައް އައު ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނުނެވެ. އެގޮތުން، ބޮޑުގުއްބުގެ އެތެރޭގައި ހުންނަ އާޔަތުއް ނޫރުގެ ޚައްޠުލިޔުން ވެސް މުޞްޠަފާ ޢިއްޒަތު އަފަންދީ އަލުން ލިޔުއްވިއެވެ. މިހާރު އެ ލިޔުން ހުންނަނީ އޭނާ ލިޔުއްވި ގޮތަށެވެ. މީގެ އިތުރުން، ގޯތިތެރޭގައި މައި ދޮރޯށްޓާ ކައިރީގައި ވަގުތު ބަލާ މުވައްކިތާނެއް ބެހެއްޓުނެވެ. މަދަރުސާ އައު ކުރެވުނެވެ. މި މަސައްކަތްތައް ނިމި، މިސްކިތް އަލުން ޢާއްމުކޮށް ހުޅުވައިލުމުގެ ރަސްމިއްޔާތު އޮތީ 13 ޖުލައި 1849 މ. ގައެވެ. އެ ރަސްމިއްޔާތަށް ޓަކައި އަޔާސޯފްޔާގެ ލިތޯގުރާފު ކުލަ ފޮޓޯގެ ފަންސަވީސް ފޮޓޯ ހިމެނޭ އަލްބަމެއް ނެރެވުނެވެ. އަދި ފަރަންސޭސި ވިލާތުގެ ޕެރިހުން ހައްދައިގެން ގެނެވުނު ޚާއްޞަ މެޑެލިތަކެއް ވެސް ނެރެވުނެވެ. އެ މެޑެލިތަކުގެ އެއް ފަރާތުގައި ހުންނަނީ ޚަލީފާ ޢަބްދުލްމަޖީދު އެއްވަނަގެ ތުޣްރާއެވެ. އަނެއް ފަރާތުގައި އޮތީ، ޢުޘްމާނީ ލިޔުމުން، "ތާރީޚި ތަޢްމީރި އަޔާސޯފްޔާ، 1265" މި ލިޔުންކޮޅެވެ. އެއީ ހިޖުރީ ތާރީޚުން، އަޔާސޯފްޔާ މަރާމާތު ކުރުމުގެ މަސައްކަތް ނިމުނު އަހަރެވެ.

އަޔާސޯފްޔާގެ ގޯތިތެރޭގައި، ޢުޘްމާނީ ރަސްރަސްކަލުންނާއި ޝާހީ ޢާއިލާގެ ބެއިފުޅުންގެ މަޤްބަރާކޮޅުތައް ހިމެނޭ ފަސް މަޤްބަރާބިނާ ވެއެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ބިނާ ކުރެވުނު ތަނަކީ، އަޔާސޯފްޔާގެ މައިގަނޑު މަރާމާތުގެ ފުރަތަމަ މަޝްރޫޢު ހިންގެވި ޚަލީފާ ސަލީމް ދެވަނަގެ މަޤްބަރާބިނާއެވެ. ކުރީންވެސް ދެންނެވުނު ފަދައިން، އެމަނިކުފާނު އަޔާސޯފްޔާ މަރާމާތު ކުރުމުގެ ބިޔަ މަޝްރޫޢެއް މިޢްމާރު ސިނާން އާޣާ އާ ޙަވާލު ކުރައްވައިގެން ކުރިޔަށް ގެންދެވި އިރު، އެ މަޝްރޫޢުގެ ޕްލޭނުގެ އެއް ބަޔަކީ އެމަނިކުފާނަށް ޓަކައި އަޔާސޯފްޔާގެ ގޯތިތެރޭގައި މަޤްބަރާބިނާއެއް ހެއްދެވުމެވެ. މަސައްކަތް މުޅީން ނުނިމެނީސް އެމަނިކުފާނު އަވަހާރަ ވެ، އެމަނިކުފާނުގެ ދަރިކަލުން ޚަލީފާ މުރާދު ތިންވަނަ ތަޚްތުގައި އިށީނދެވަޑައިގެން، ބައްޕާފުޅު ފެއްޓެވި މަސައްކަތް ޕްލޭނާ އެއްގޮތަށް ފުރިހަމަ ކުރެއްވިއެވެ. އަދި ބައްޕާފުޅު ކަނޑައަޅުއްވައިފައި އޮތް މަޤާމުގައި ބައްޕާފުޅު ފަސްދާނު ވަޑުއްވަވައި، މަޤްބަރާބިނާއެއް ހެއްދެވިއެވެ. އެތަން ބިނާ ކުރެވުނީ 1577 މ. ގައެވެ. ތަނުގެ ފަރުމާޔާއި ޢިމާރާތުގެ ހުރިހާ މަސައްކަތެއްގައި އިސް ވެހުންނެވީ މިޢުމާރު ސިނާން އާޣާ އެވެ. ދެވަނަ މަޤްބަރާބިނާޔަކީ 1599 މ. ގައި، ޚަލީފާ މުރާދު ތިންވަނަޔަށް ޓަކައި ބިނާ ކުރެވުނު މަޤްބަރާބިނާއެވެ. މިތަން ބިނާ ކުރެއްވެވީ މިޢުމާރު ސިނާން އާޣާގެ ދަރިވަރު، އަދި އޭނާޔަށް ފަހު ދައުލަތުގެ އިސް މިޢުމާރުގެ މަޤާމަށް އިސް ވެވަޑައިގަތް ދާވޫދު އާޣާ އެވެ. ތިންވަނަ މަޤްބަރާބިނާޔަކީ ޚަލީފާ މުރާދު ތިންވަނަގެ ފަސް ބެއިފުޅުންނަށް ޓަކައި ބިނާ ކުރެވުނު މަޤްބަރާބިނާއެކެވެ. ހަތަރުވަނައީ، 1608 މ. ގައި، ޚަލީފާ މުޙައްމަދު ތިންވަނަގެ މަޤްބަރާބިނާގެ ގޮތުގައި ބިނާ ކުރެވުނު މަޤްބަރާބިނާއެވެ. ފަސްވަނަ މަޤްބަރާބިނާޔަކީ މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރުމުގެ މާ ކުރީއްސުރެ އަޔާސޯފްޔާގެ ގޯތިތެރޭގައި ބިނާ ކުރެވިފައި ހުރި ޢިމާރާތެކެވެ. އަޔާސޯފްޔާ މިސްކިތަކަށް ބަދަލު ކުރެވުނު ދުވަހުއްސުރެ، އެތަން ބޭނުން ކުރެވެމުން އައީ ތަނުގައި ދިއްލާ ބައްތިތަކާއި އެޔަށް ބޭނުންވާ ތެޔޮ ރައްކައު ކުރާ ގުދަނެއްގެ ގޮތުގައެވެ. 1638 މ. ގައި ޚަލީފާ މުޞްޠަފާ އެއްވަނަ އަވަހާރަ ވުމަށް ފަހު، އެމަނިކުފާނުގެ މަޤްބަރާބިނާޔަކަށް އެތަން ބަދަލު ކުރެވުނެވެ. ފަހުން ޚަލީފާ އިބްރާހީމް އެއްވަނަ އަވަހާރަ ވުމުން، އެމަނިކުފާނު ވެސް ފަސްދާނު ވެޑުވުނީ އެ މަޤްބަރާބިނާގައެވެ. މިއިން ކޮންމެ މަޤްބަރާބިނާއެއްގެ ތެރޭގައި ވެސް، އެތައް ބެއިފުޅުންނެއްގެ މަޤްބަރާ ހުރެއެވެ.

ޢުޘްމާނީ މުސްލިމުން އަޔާސޯފްޔާ ބެލެހެއްޓީ އިންތިހާ ދަރަޖައިގެ ލޯތްބާއި، ފަރުވާތެރިކަމާ އެކުގައެވެ. ހަމައެހެންމެ، ފަންނީ ޤާބިލިއްޔަތާ އެކުގައެވެ. ތަނުގައި ހުރި ނަޞާރާ ތަޞްވީރުތަކާ މެދު ޢަމަލު ކުރި ގޮތަށް އެކަނި ބަލައިލިޔަސް، ޢުޘްމާނީންގެ ސަމާޙަތާއި ޙަޟާރަތްތެރިކަން ފެނިގެން ދެއެވެ. މި ކަންކަމުގެ މައްޗަށް އިޝާރާތް ކުރައްވަމުން، ރޫސީ މުއައްރިޚް ޕީޓަރ އޮއުސްޕެންސްކީ ލިޔުއްވައިފައި ވެއެވެ. "ތުރުކީން ވަނީ ކޮންސްޓެންޓިނޯޕްލް އާއި އެ ޝަހަރުގެ ބިނާތަކާއި ތަންތަނަށް، ޔޫރަޕުގެ ނަޞާރާ ޞަލީބީންނަށް ވުރެ ބޮޑަށް ކަމޭހިތައިފައެވެ. ތުރުކީން އެތަންތަނާ މެދު ޢަމަލު ކޮށްފައި ވަނީ މާ އިންސާނީވަންތަ އަޚްލާޤަކާ އެކުގައެވެ. އެތަންތަން ރައްކައުތެރި ކޮށް، ގެއްލުމެއް ވެއްޖެ ނަމަ ވަގުތުން މަރާމާތު ކޮށް ހަދައިފައި ވެއެވެ."

މީލާދީ އަހަރުން 478 އަހަރު ވާންދެން އަޔާސޯފްޔާ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރެވެމުން ދިޔައެވެ. މި ދިގު މުއްދަތުގެ ތެރޭގައި، ކޮންމެ ފަޖުރުއްޞާދިޤެއްގެ، ކޮންމެ އިރުމެދުޖެހުމެއްގެ، ކޮންމެ ޢަޞުރެއްގެ، ކޮންމެ އިރު އޮއްސުމެއްގެ، އަދި ކޮންމެ ރަތްވިލާ އޮއްސުމެއްގެ އިޢުލާން، އެންމެ މަތިވެރިވަންތަ ﷲ ގެ އިސްމުފުޅާ އެކު އެ މިސްކިތުގެ މުންނާރުން އޭޝިޔާއަށާއި ޔޫރަޕަށް އެއްފަހަރާ އިއްވަމުން ގެންދިޔައެވެ. ކޮންމެ ދުވަހަކު ފަސް ފަހަރު، ފަރުޟު ނަމާދުގެ ބަރަކާތްތެރި ޖަމާޢަތް އެ މިސްކިތުގައި ޤާއިމު ކުރެވި، ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ސަފުތައް އެ މިސްކިތުގެ ތެރޭގައި އެއްކައުވަންތަ ﷲ ގެ ޙަޟުރަތަށް ކުއްތަން ވުމަށް ޓަކައި ރުކުރުވައިލެވިފައި ވެއެވެ. ހުއްޓުމެއް ނެތި، އެ މިސްކިތުގެ ތެރެއިން ކީރިތި ޤުރްއާނުގެ ބަރަކާތްތެރި އަޑާއި، ﷲ އަކުބަރްގެ ޝިޢާރުގެ އަޑު އިވެމުން ދިޔައެވެ. ރުކޫޢާއި ސުޖޫދުގެ ރިވެތި މަންޒަރުން އެތަނުގެ އެތެރެ ޒީނަތްތެރި ވެފައި އޮތެވެ. މުއުމިނުންގެ ލޯތަކުން އޮހޮރުނު ޚުޝޫޢުގެ ކަރުނަތިކިތައް، މަލަކަށް އޮހޭ ޝަބްނަމް ތިކިތަކެއް ފަދައިން އަޔާސޯފްޔާގެ އުނގަށް އެޅެމުން ދިޔައެވެ. އެތައް ބަޔެއްގެ ދުޢާތައް އެ މިސްކިތުގެ ތެރެއިން އިލާހީ ދަރުބާރާ ހަމަޔަށް ވާޞިލު ވެފައި ވެއެވެ. ދަމުނަމާދާއި، ތަރާވީޙް ނަމާދާއި، ނަބިއްޔާއަށް ޞަލަވާތް ކިޔެވުމުގެ އެތައް ޖަމާޢަތްތަކެއް އަޔާސޯފްޔާގައި ރޫޙާނީ ދިރުމެއް އުފައްދައިފައި ވިއެވެ. އެ ތަނަކީ ބަރަކާތާއި، ނޫރާއި، ބާއްޖަވެރިކަމާއި، އުފާފާގަތިކަމާއި، އަމަންއަމާންކަމުގެ ޠާހިރު މެހެފިލެއްގެ ގޮތުގައި އޮތެވެ. އެއިރު އެތަން ހުރީ ޢުޘްމާނީންގެ ވަރުގަދަ އަދި ބިޔަ އިސްލާމީ ޚިލާފަތުގެ ޝާހީ ބޮޑު މިސްކިތުގެ ގޮތުގައެވެ. އިސްތަންބޫލުގެ ރޫޙާނީ ހިތުގެ ގޮތުގައެވެ. އިސްތަންބޫލަކީ މުސްލިމުންގެ ޝަހަރެއް ކަމުގެ އިޢުލާން ދުވާލަކު ފަސް ފަހަރު އިއްވާ މުންނާރެއްގެ ގޮތުގައެވެ. ޢުޘްމާނީންގެ ވެރިކަމުގައި، އިސްތަންބޫލް އަލުން އާބާދު ވެ، ތަރައްޤީ ވެ، ކުރި އަރައިގެން ގޮސް އެ ޝަހަރުގެ މާޒީ ދުވަހަކު ވެސް ދެކެފައި ނުވާ ވަރުގެ ފާގަތިކަމާއި ތަނަވަސްކަމާއި ބާއްޖަވެރިކަން ޝަހަރަށް އައި އިރު، އެކަމުގެ އެންމެ މުހިއްމު އެއް ރަމްޒުގެ ގޮތުގައެވެ.

ހަތަރު ސަތޭކަ ހަތް ދިހަ އަށް އަހަރަށް ފަހު، އަޔާސޯފްޔާ މިސްކިތެއްގެ ގޮތުގައި – އެއްކައުވަންތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް ކުރެވޭ ޢިބާދާތާއި ވެވޭ މުޙައްބަތުގެ މަޤާމެއްގެ ގޮތުގައި – ހުރި ހުރުން ނިމުމަކަށް ގެނައުމުގެ ފުރަތަމަ މަސައްކަތް ކުރެވުނީ ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު، ޔޫރަޕުގެ ނަޞާރާ ބާރުތައް ކޮންސްޓެންޓިނޯޕްލް ހިފައިގެން ތިބި ދުވަސްވަރުއެވެ. ފަރަންސޭސި ސިފައިންގެ ފައުޖުތައް ކޮންސްޓެންޓިނޯޕްލް އަށް ވަނީ 12 ނޮވެންބަރު 1918 މ. ގައެވެ. އޭގެ ފަހު ދުވަހު، އިނގިރޭސި ސިފައިންގެ ފައުޖުތައް ވެސް ޝަހަރަށް ވަނެވެ. އިޓަލީ ސިފައިން އައީ 7 ފެބުރުވަރީ 1919 ގައެވެ. އެއިގެ ފަހުން ގްރީސާއި އެމެރިކާގެ ފައުޖުތައް ވެސް ޝަހަރަށް އެރިއެވެ. އަދި މިއިން ކޮންމެ ބަޔަކު ވެސް ޝަހަރުގެ ކޮންމެވެސް ސަރަޙައްދެއް އިދާރީ ގޮތުން އެމީހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންގެ ގުޅިފައި ވާ އިދާރީ ނިޒާމަކުން ޝަހަރު ބަލަހައްޓަމުން ގެންދިޔައެވެ. އެމީހުންގެ މަޤްޞަދަކީ ކޮންސްޓެންޓިނޯޕްލް ގްރީސްގެ ޝަހަރަކަށް ހަދައި، ޝަހަރުގެ އިސްލާމީ ޝަޚްޞިއްޔަތު މުޅީން ފޮހެލުމެވެ. އެކަމަށް ޓަކައި ނަޞާރާ އިއްތިޙާދުގެ ލީޑަރުން މަޝްވަރާ ކޮށް، އަޔާސޯފްޔާ އަލުން ގްރީކް އޮރތޮޑޮކްސް ފައްޅިޔަކަށް ބަދަލު ކުރުމަށް ހަމަޖެއްސިއެވެ. އަދި އެ ނިންމުން ތަންފީޛު ކުރުމަށް ޓަކައި، އިއްތިޙާދީންގެ ތެރޭގައި ހިމެނުނު ފަރަންސޭސި ސިފައިންގެ ފައުޖެއް ފުރިހަމަ ހަތިޔާރާ އެކު އަޔާސޯފްޔާއަށް އައެވެ. ނަމަވެސް ޤާނޫނީ ގޮތުން އެއިރު އަދި ޝަހަރަކީ ޢުޘްމާނީ ދައުލަތުގެ ބަޔަކަށް ވާތީ، ޢުޘްމާނީ ސިފައިން ވެސް ޝަހަރުގައި ތިއްބެވެ. އަޔާސޯފްޔާގެ ފާރަވެރިކަމުގައި ވެސް ޢުޘްމާނީ މުސްލިމް ސިފައިންގެ ޖަމާޢަތެއް އޮތެވެ. އެ ޖަމާޢަތުގެ އިސް އޮފިސަރަކަށް ހުންނެވީ މޭޖަރ ތައުފީޤް ބޭ އެވެ. ފަރަންސޭސި ސިފައިންގެ ކޮމާންޑަރު އޭނާގެ ފައުޖާއިގެން އައިސް މިސްކިތުގެ ސަރަޙައްދުގައި އޭނާގެ ސިފައިން ޤާއިމު ކޮށް، މޭޖަރ ތައުފީޤު ބޭއަށް އެންގީ މުސްލިމް ސިފައިން ވަގުތުން އަޔާސޯފްޔާ ދޫ ކޮށް ދިޔުމަށެވެ. އެ ވަގުތުން ފެށިގެން އަޔާސޯފްޔާ ބެލެހެއްޓުމުގެ ހުރިހައި ކަމެއް ފަރަންސޭސި ސިފައިންނާ ޙަވާލު ވީ ކަމުގައެވެ. ޖަވާބުގައި މޭޖަރ ތައުފީޤު ބޭ ވިދާޅުވިއެވެ. "ކަލޭމެންނަކަށް މިތަނަކަށް ނުވަދެވޭނެއެވެ. އެހެނީ މިއީ އަހަރެމެންގެ އަޅުކަމުގެ ގެއެކެވެ. ކަލޭމެން ބާރުގެ ބޭނުން ކޮށްގެން މިތަނަށް ވަންނާން ދިމާ ކޮށްފި ނަމަ، އަހަރެމެންގެ ފުރަތަމަ ރައްދު ނުކުންނާނީ ބޮޑު މެޝިން ބަޑިތަކުގެ ހޮޅިތަކުންނެވެ. ކަލޭމެން މިސްކިތަށް ވަދެއްޖެ ނަމަ، އަހަރެމެންގެ ރައްދަކަށް ވާނީ މިސްކިތުގެ ހަތަރު ކަނުގައި ބެހެއްޓިފައި ހުރި ގޮވާތަކެތި ގޮއްވައިލުމެވެ. ކަލޭމެންގެ ބޯމައްޗަށް އަޔާސޯފްޔާ ވެއްޓޭ އިރު، އެ ބުރަ އުފުލޭހައި ބާރު ކަލޭމެންގެ ބޯތަކުގައި ހުރި ނަމަ، ދޮރޯށި ތިޔަހަރީއެވެ. އެތެރެޔަށް ވަދެވޭތޯ ނިކަން މަސައްކަތް ކޮށްބަލާށެވެ!" މި ޖަވާބު އިވުމުން، ފަރަންސޭސި ސިފައިންނަކަށް ބާރުގެ ބޭނުން ކޮށްގެން ތަނަށް ވަންނާކަށެއް ނުކެރުނެވެ. އެއުރެން ތަން ދޫކޮށްފައި ދިޔައީއެވެ.

ތާރީޚު ބައްލަވާ ބެއިފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މި ހިސާބުން ދެން މަންޒަރު ބަދަލު ވެގެން ދިޔައީއެވެ. ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ތަމްސީލު ވެގެން ދިޔަ މަންޒަރަކީ، ތުރުކީގެ ރައްޔިތުން އެމީހުންގެ ވަޒަނުގެ ދިފާޢުގައި ތެދު ވެ، އެމީހުންގެ ބިމުގެ ބޮޑު ބައެއް ހިފައިގެން ތިބި ނަޞާރާ އިއްތިޙާދީންނާ ދެކޮޅަށް ކުރި ތުރުކީގެ މިނިވަންކަމުގެ ހަނގުރާމަ އެވެ. މި ހަނގުރާމައިގައި، ޤުދުރަތުގެ މިންވަރުފުޅު ހުރި ގޮތުން، ތުރުކީންގެ ތެރެއިން ޤާއިދެއްގެ ގޮތުގައި ތެދު ވީ، ތުރުކީގައި ލާދީނީ އަދި ޢަލްމާނީ ޖުމްހޫރިއްޔަތެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ މުޞްޠަފާ ކަމާލެވެ. 1918 އިން 1923 އަށް ކުރެވުނު މި ވަރުގަދަ ހަނގުރާމަ ނިމިގެން ދިޔައީ، ނަޞާރާ އިއްތިޙާދީން ތުރުކީން ފައްސައިލެވި، ތުރުކީގެ ހުރިހައި ބިންތަކެއް – އިސްތަންބޫލް ވެސް ހިމެނޭ ގޮތުން – ތުރުކީއަށް ލިބިގެންނެވެ. ދެން އައީ އަޔާސޯފްޔާގެ ކިބައިން މިސްކިތެއްގެ މަޤާމާއި ޙައިޘިއްޔަތު ނިގުޅައިގަނެ، 478 އަހަރު ވާންދެން އެތަނުގެ ތެރޭގައި ދިއްލިފައި ހުރި އީމާންކަމާއި ޢިބާދާތާއި ރޫޙާނިއްޔަތުގެ ނޫރުގެ އަލިގަދަ ދަންމަރު ނިއްވައިލައި، ތަނަށް އަނދިރިކަމާއި ފަޅުކަން ގެނައުމުގެ ދެވަނަ މަސައްކަތެވެ. މި ފަހަރު އެ މަސައްކަތް ކުރީ ބޭރުން އަރައި ތިބި ބައެއް ނޫނެވެ. މުޞްޠަފާ ކަމާލާއި އޭނާގެ އެކުވެރީން ތުރުކީގައި ޤާއިމު ކުރި ސަރުކާރުންނެވެ.

އަޔާސޯފްޔާދާރުލްއާސާރަކަށް

ތުރުކީގެ މިނިވަންކަމުގެ ހަނގުރާމަ ނިމި، ތުރުކީ ވިލާތުގެ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނީ 29 އޮކްޓޯބަރު 1923 ގައެވެ. އެއިގެ މައްސަރުތަކެއް ފަހުން، 3 މާރިޗު 1924 ގައި، ތުރުކީގެ ޖުމްހޫރިއްޔާގެ ސަރުކާރުން، ޢުޘްމާނީ ޚިލާފަތު އުވައިލިކަމުގެ އިޢުލާން ކުރިއެވެ. އެއިގެ ހައެއްކަ އަހަރު ފަހުން، ތުރުކީގެ ލާދީނީ އަދި ޢަލްމާނީ ރައީސް މުޞްޠަފާ ކަމާލުގެ ގާތް ރަޙުމަތްތެރިޔެއް ކަމުގައި ވި އެމެރިކާގެ ނަޞާރާ މުޙައްރިކެއް، އަދި އާކިޔޮލޮޖީ އާއި ބިނާފަރުމާގެ ޢިލްމުގެ މާހިރެއް ކަމުގައި ވި ތޯމަސް ވިޓްމޯރ އާއި އޭނާގެ އެކުވެރީން ބިޒަންޓީން އިންސްޓިޓިޔުޓް އޮފް އެމެރިކާ މި ނަމުގައި 1930 ވަނަ އަހަރު ޖަމްޢިއްޔާއެއް އުފެއްދިއެވެ. ޖެހިގެން އައި 1931 ވަނަ އަހަރު ވިޓްމޯރ އާއި އޭނާގެ ޖަމްޢިއްޔާގެ އިސް މީހުންގެ ވަފުދެއް ތުރުކީއަށް އައިސް ރައީސް މުޞްޠަފާ ކަމާލާ ބައްދަލު ކުރިއެވެ. ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، އަޔާސޯފްޔާ މިސްކިތް ބަންދު ކުރެވުނު ގޮތް ވިޓްމޯރ އޭނާގެ އަމިއްލަ ޢިބާރާތުން ބަޔާން ކޮށްފައި ވެއެވެ. އޭނާ ބުނެފައި ވާ ޢިބާރާތްތަކުގެ މާނަޔަކީ މިއެވެ. "އަހުރެން މުޞްޠަފާ ކަމާލާ ވާހަކަ ދެއްކި ދުވަހު، ސަންތާ ސޯފިޔާ އަކީ މިސްކިތެކެވެ. އެއިގެ އަނެއް ދުވަހުގެ ހެނދުނު، އަހަރެން އެ މިސްކިތަށް ދިޔަ އިރު، ތަނުގެ ދޮރު ހުރީ ލައްޕައި ތަޅު ލައިފައެވެ. ދޮރުގައި މުޞްޠަފާ ކަމާލްގެ އަތުލިޔުމުން ލިޔުއްވައިފައި ވާ ނޯޓެއް ތަތް ކޮށްފައި ހުއްޓެވެ. އެ ނޯޓުގައި އޮތެވެ. "މި ދާރުލްއާސާރު ވަނީ މަރާމާތަށް ޓަކައި ބަންދު ކުރެވިފައެވެ."

އަޔާސޯފްޔާގެ މިޙްރާބު

ރަސްމީކޮށް އިޢުލާން ކުރެވުނީ، ތޯމަސް ވިޓްމޯރ އާއި އޭނާގެ ޖަމްޢިއްޔާއިން ކުރުމަށް ހަމަޖެހިފައި ވާ މަސައްކަތަކީ އަޔާސޯފްޔާގެ އެތެރޭގެ ފާރުތަކުގައްޔާއި ތަންތަނުގައި، ބައިޒެންޓައިން ރޯމަން ދައުރުގައި ކުރަހައިފައި ހުރި ނަޞާރާއިންގެ މޮޒެއިކް ތަޞްވީރުތައް ފޮރުވައި ނިވައި ކުރުމަށް ޓަކައި، ޢުޘްމާނީންގެ ޒަމާނުގައި ލައިފައި ހުރި ކުލަޔާއި ޕްލާސްޓަރު ނަގައި، އެ ތަޞްވީރުތައް އަޞްލަށް ރުޖޫޢަ ކުރުމުގެ މަސައްކަތް ކަމުގައެވެ. 478 އަހަރަށް ފަހު، އަޔާސޯފްޔާގައި ނަމާދު ކުރުން ހުއްޓި، މިސްކިތެއްގެ ގޮތުގައި ތަން ބޭނުން ކުރުން ނިމުމަކަށް އައީއެވެ. އެއީ 1931 ވަނަ އަހަރެވެ. ދެން ކުރެވެމުން ގެންދިޔައީ، މުޞްޠަފާ ކަމާލުގެ އަމުރަށް އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމުގެ އެކިއެކި މަސައްކަތްތަކެވެ. މި މަސައްކަތުގައި އިސްކޮށް ހުރި އެކަކީ ތޯމަސް ވިޓްމޯރ އެވެ. އޭނާގެ ޓީމުން އަޔާސޯފްޔާގެ އެތެރެ، ނަޞާރާއިންގެ ދުވަސްވަރު ހުރި ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ އިރު، މުޞްޠަފާ ކަމާލުގެ ސަރުކާރުގެ އޯޑަރަށް، މިސްކިތުގެ ބޭރުގައި މިސްކިތާ ގުޅުވައިގެން ފާތިޙް ސުލްޠާން މުޙައްމަދު ޢިމާރާތް ކުރައްވައިފައި ހުރި މަޝްހޫރު އިސްލާމީ މަދަރުސާ – އިސްތަންބޫލްގެ ފުރަތަމަ އިސްލާމީ މަދަރުސާ – ވެސް ތަޅައިލެވުނެވެ. ތަޅައިލެވުނީ ކޮން ސަބަބަކާ ހުރެ، ކީއްވެގެންކަން ވެސް ހާމައެއް ނުކުރެވެއެވެ. އެއިގެ ބަދަލުގައި އެ މަދަރުސާޔަށް އެހެން ބިމެއް ނުވަތަ ޢިމާރާތެއް ހަމަޖައްސައެއްވެސްނުދެވެއެވެ. މަދަރުސާ ހަމަ ވުޖޫދުން ފޮހެލެވުނީއެވެ. މިގޮތުން އަޔާސޯފްޔާގެ އިސްލާމީ ޝަޚްޞިއްޔަތާއި އިސްލާމީ މާޒީ މުޅީން ނައްތައިލުމުގެ މަޤްޞަދާ އެކު ކުރެވުނު މަސައްކަތުގައި، ތަނުގައި ބެހެއްޓިފައި ހުރި ހަތަރު މުންނާރު ނެގުމަށް ވެސް މުޞްޠަފާ ކަމާލު އަމުރު ކޮށް، އެއް ރެއެއްގެ ދަންވަރުގެ ވަގުތުގައި ސުލްޠާން ބަޔާޒިދު ދެވަނަ ބިނާ ކުރެއްވި މުންނާރު ތަޅައިވެސްލެވުނެވެ. ނަމަވެސް އަނެއް ތިން މުންނާރު ތަޅައިލުމުގެ މަސައްކަތް ޖެހުނީ ހުއްޓައިލާށެވެ. އެކަމާ ދެކޮޅަށް ތުރުކީގެ ރައްޔިތުންގެ ތެރެއިން ފައުޅު ކުރެވުނު ޝުޢޫރުތަކާ އެކު، މައިގަނޑު ގޮތެއްގައި އެ މުންނާރުތައް ސަލާމަތް ވީ، އެ މުންނާރުތަކަކީ އަޔާސޯފްޔާގެ ޢިމާރާތުގެ މައި އޮނިގަނޑަށް ބާރު ދޭ ބިތުމުޑިތަކެއްގެ ދައުރު ވެސް އަދާ ކުރާ މުންނާރުތަކެއް ކަމަށާއި، އެ މުންނާރުތައް ތަޅައިލައިފި ނަމަ ޢިމާރާތް ވެއްޓޭނެކަމަށް ވިދާޅުވެ، ތުރުކީގެ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ، ދާރުލްއާސާރުތަކުގެ ޢިލްމުވެރިޔާ، އަދި ނޫސްވެރިޔާ އިބްރާހީމް ޙައްޤީ ކޮންޔަލީ ނުހަނު އަވަސް ގޮތެއްގައި ލިޔުއްވައި ޝާއިޢު ކުރެއްވި މަޝްހޫރު ރިޕޯޓުގެ ސަބަބުންނެވެ. މިސްކިތުގެ އެތެރޭގައި އަޅައިފައި ހުރި ނުހަނު މޮޅު އަދި ނާދިރު ދޫލަތައް ވެސް ކަފައިގެން ނަގައި އެތަންމިތަނަށް އުފުލުނީއެވެ. އަލި ކުރުމަށް ޓަކައި އެލުވިފައި ހުރި އެތައް ޗާންދަލިޔާއެއް ވެސް ނަގައިގެން، ގެންދެވުނު ތަންތަނަކަށް ގެންދެވުނީއެވެ. މިސްކިތުގެ އެތެރޭގައި ހުރި ﷲ ގެ އިސްމުފުޅާއި، ރަސޫލާ އާއި ހަތަރު ޚަލީފާއިންނާއި ރަސޫލާގެ މާފަ ބެއިފުޅުންގެ ނަންފުޅުތައް ލިޔެފައި ހުންނަ ބޯޑުތައް ވެސް ނަގައި ގުދަނަކަށް ލެވުނެވެ. ނަމަވެސް، އެ ބޯޑުތައް ވަނީ މުޞްޠަފާ ކަމާލުގެ ދައުރަށް ފަހު، އަލުން ބެހެއްޓިފައެވެ.

ތިން އަހަރެއްހައި ދުވަހު މަސައްކަތް ކޮށްގެން، ދާރުލްއާސާރެއްގެ ގޮތުގައި ތަން ހުޅުވޭ ވަރު ކުރުމަށް ފަހު، 24 ނޮވެންބަރު 1934 ގައި މުޞްޠަފާ ކަމާލުގެ ވަޒީރުންގެ މަޖިލިހުން ޤަރާރެއް ފާސް ކުރިއެވެ. އެ ޤަރާރުގައި ކަނޑައެޅީ އަޔާސޯފްޔާ ދާރުލްއާސާރަކަށް ބަދަލު ކުރުމަށެވެ. މިއީ އަޔާސޯފްޔާ ދާރުލްއާސާރަކަށް ހެދުމަށް ޓަކައި ނިންމުނު ފުރަތަމަ ރަސްމީ ނިންމުމެވެ. އެ ޤަރާރަށް ފަހު، އަޔާސޯފްޔާ އަކީ ދާރުލްއާސާރެއް ކަމުގައި ކަނޑައެޅިކަން އިޢުލާނު ކޮށް ރައީސް މުޞްޠަފާ ކަމާލުގެ ރިޔާސީ އަމުރެއް ވެސް ނެރެވުނެވެ. އެ އަމުރުގެ ދަށުން، ދާރުލްއާސާރެއްގެ ގޮތުގައި އަޔާސޯފްޔާ ހުޅުވުނީ 1 ފެބުރުވަރީ 1935 ގައެވެ. އެއިރުވެސް ތަނުގެ އެތެރޭގައި ހުރި ނަޞާރާއިންގެ މޮޒެއިކް ތަޞްވީރުތަކުގައި ހުރި ކުލަޔާއި ޕްލާސްޓަރު ނަގައި، އެ ތަޞްވީރުތައް ފެންނަ ގޮތް ހެދުމަށް ޓަކައި ތޯމަސް ވިޓްމޯރ އާއި އޭނާގެ ޓީމުން ކުރަމުން ގެންދިޔަ މަސައްކަތްތައް ނުނިމެއެވެ. އެ މަސައްކަތް މުޅީން ނިމުނީ، އަށާރަ ވަރަކަށް އަހަރުން، އަޔާސޯފްޔާ ދާރުލްއާސާރެއްގެ ގޮތުގައި ބޭނުން ކުރާތާ ވެސް ގާތްގަނޑަކަށް ފަނަރަ އަހަރު ފަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް