ރާޖާ މާން ސިންހު އަވަހާރަކޮށްލުން: އިންސާފު ލިބުނީ 35 އަހަރު ފަހުން

ރާޖާ މާން ސިންހު އަވަހާރަކޮށްލި އިރު އޭނާގެ އުމުރުން 63 އަހަރު. މާން ސިންހު ޒުވާން އިރުގެ ފޮޓޯއެއް (ކ) -- ފޮޓޯ: ސީއެންއެން

އިންޑިއާގެ ކުރީގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ ރާޖާ މާން ސިންހުގެ މަރަށް އިންސާފު ލިބިފައި ވަނީ ފާއިތުވި 35 އަހަރު ތެރޭ އޭނާގެ އާއިލާއިން 1،700 ފަހަރަކު ކޯޓު އަޑުއެހުންތަކަށް ދިޔަ ފަހުން ކަމަށް އެއާއިލާއިން ބުނެފި އެވެ.

މާން ސިންހަކީ، އިނގިރޭސިން އިންޑިއާ އިސްތިއުމާރު ކޮށްގެން އުޅުނު އިރު، އަމިއްލަ ރަސްކަން ދެމެހެއްޓުމަށް އިނގިރޭސިންނާއެކު މުއާހަދާ ހެދި ސްޓޭޓުތަކުގެ ތެރޭގައި ހިމެނުނު ބާރަތުޕޫރު ސްޓޭޓަށް 1921ގައި އުފަންވި ބޭފުޅެކެވެ. އަދި އެ ސްޓޭޓުގައި 1929އިން ފެށިގެން، 1947ގައި އިންޑިއާއަށް މިނިވަންކަން ލިބެންދެން ވެރިކަން ކުރެއްވީ އޭނާގެ ބޭބޭފުޅު މަހާރާޖާ ބްރިޖެންދުރަ ސިންހެވެ.

އިންޑިއާ މިނިވަންވި ފަހުން ބާރަތުޕޫރު ސްޓޭޓް، ރާޖަސްތާނު ސްޓޭޓުގެ ބަޔަކަށްވި އެވެ. އަދި އޭގެ ފަހުން މާން ސިންހު ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތެވެ. އޭނާ 1952ގައި ރާޖަސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވި ފަހުން ހަ ދައުރު ޖެހިޖެހިގެން ކާމިޔާބު ކުރެއްވި އެވެ. އޭނާ އަވަހާރަކޮށްލީ ހަތް ވަނަ ދައުރަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް 21 ފެބްރުއަރީ 1985ގަ އެވެ.

މާން ސިންހު އަވަހާރަކޮށްލި ދުވަހުގެ ކުރީ ދުވަހު އޭނާ ރާޖަސްތާނުގެ އޭރުގެ ޗީފް މިނިސްޓަރު ޝިވް ޗަރަން މާތޫރުގެ ހެލިކޮޕްޓަރުގައި އޭނާގެ ކާރުން ޖައްސަވާ، އެއަށް ގެއްލުން ދެއްވި އެވެ. މާން ސިންހު އެފަދައިން އަމަލު ކުރެއްވީ، ޕާލިމެންޓު އިންތިހާބުގައި އޭނާއާ ވާދަ ކުރާ މެމްބަރަކަށް މާތޫރު ތާއިދު ކުރެއްވުމުންނެވެ.

އެ ދުވަހުގެ ފަހު ދުވަހު މާން ސިންހާއި އޭނާގެ ޅީ ދަރިފުޅު، ވިޖޭ ސިންހާއި އިތުރު ބަޔަކު ކާރެއްގައި ދަނިކޮށް 50 ވަރަކަށް ފުލުހުން ވެގެން އެމީހުން ހުއްޓުވި އެވެ. އެގަޑީގައި މާން ސިންހު އޭނާގެ ކާރު ފަހަތަށް ޖައްސަން މަސައްކަތް ކުރެއްވުމުން ފުލުހުން އޭނާގެ ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލީ ކަމަށް ވިޖޭ ބުންޏެވެ. އަދި އެއީ މާތޫރުގެ އަމުރަށް ފުލުހުން ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ނަމަވެސް ފުލުހުން ބުނާ ގޮތުގައި އެ މީހުން ހަމަލާ ދިނީ އަމިއްލަ ނަފްސުގެ ދިފާއުގަ އެވެ. އަދި އެ މީހުން ދިޔައީ މާން ސިންހު ހެލިކޮޕްޓަރަށް ހަމަލާ ދިން މައްސަލާގައި އޭނާ ހައްޔަރު ކުރަން ކަމަށާއި ނަމަވެސް އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ބަޑި ޖަހަން ފެށީ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންކަމުން ފުލުހުން ރައްދުގައި ބަޑި ޖެހުމުން މާން ސިންހު ޒަހަމްވީ އެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވީ އެވެ.

ނަމަވެސް ވިޖޭ ވަނީ އެ ދުވަހު ބަޑި ޖެހީ ހަމައެކަނި ފުލުހުން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން މާން ސިންހު އަވަހާރަވި ކަމަށް ބުނެފަ އެވެ.

އެ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން ވިޖޭ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ. އަދި އެ މައްސަލާގައި އެ އަހަރުގެ ޖުލައި މަހު 18 ފުލުހެއްގެ މައްޗަށް ދައުވާ ކުރި އެވެ.

ނަމަވެސް އެ މައްސަލައިގެ އަޑު އެހުންތައް ކޯޓުގައި ދިގުލައިގެން ދިޔަ އެވެ. އަދި މައްސަލަ ދައްމާލުމަށް ފުލުހުން އެމީހުންގެ ބާރުގެ ބޭނުން ކުރި ކަމަށް ސިންހުގެ އާއިލާއިން ތުހުމަތުކުރެ އެވެ.

އެ މުއްދަތުގައި، ދައުވާ ލިބޭ 18 ފުލުހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އަދި ބާކީ ތިބި ފުލުހުން ވަނީ 60 އަހަރަށް ވުރެ ދޮށީ އުމުރުގަ އެވެ.

އެ މައްސަލަ އެންމެ ފަހުން ނިމުމަކަށް ގެނައީ މިދިޔަ މަހުގެ 21ގައި އުއްތަރަ ޕްރަދޭޝްގެ ކޯޓަކުންނެވެ. އެކޯޓުން ވަނީ މާން ސިންހު އަވަހާރަކޮށްލިކަން 11 ފުލުހެއްގެ މައްޗަށް ސާބިތުވާ ކަމަށް ބުނެ އެ މީހުން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި ބާކީ ތިން މީހުންގެ މައްޗަށް ދައުވާތައް ސާބިތު ނުވުމުން ދޫކޮށްލާފަ އެވެ.

މާން ސިންހުގެ އާއިލާއިން ބުނި ގޮތުގައި އެ މީހުންނަށް އެހާ ހިސާބަށް ވާސިލުވެވިފައި ވަނީ 1،700 ފަހަރު ކޯޓަށް ދިޔަ ފަހުންނެވެ. އަދި އިންޑިއާގައި ފުލުހުން އާއްމު ރައްޔިތުން މެރުމުން އެމީހުންގެ މައްޗަށް ކުށް ސާބިތުވުމަކީ މަދުން ނޫނީ ނުވާ ކަމެއްކަން ފާހަގަކޮށް، އެ އާއިލާގައި ޝާހީ ގުޅުމެއް ނެތް ނަމަ، އެ މީހުންނަށްވެސް އިންސާފު ނުލިބޭނެ ކަމަށް ލަފާވާ ކަމަށް ވަނީ ބުނެފަ އެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، އެގައުމުގައި ފުލުހުން އާއްމު ރައްޔިތުން މެރުމުގެ ހަތަރު މައްސަލައެއް 2018 ވަނަ އަހަރު ރެޖިސްޓާކޮށްފައިވެ އެވެ. ނަމަވެސް އޭގެއިން އެއްވެސް މައްސަލައެއްގައި މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. -- ސީއެންއެން

ގުޅޭ ޓެގު
comment ކޮމެންޓް