ނަޕޯލީގެ އުންމީދުތައް ފުނޑު ފުނޑުކޮށް ބާސެލޯނާ ކުއާޓާއަށް

ނަޕޯލީ ކޮޅަށް ގޯލު ޖެހުމަށްފަހު ބާސެލޯނާގެ ފޯވަޑް ލިއޮނެލް މެސީ އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ނަޕޯލީ 2-4ގެ އެގްރިގޭޓަކުން ބަލިކޮށް ބާސެލޯނާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ނަޕޯލީގެ މައްޗަށް ހޯމް ޓީމް ކުރި ހޯދީ 1-3 ގެ ފަރަގަކުންނެވެ. އެއާ އެކު އަންނަ ހަފުތާ ޕޯޗުގަލްގެ ލިސްބޮންގައި ކުޅޭ ކުއާޓާއިން ބާސެލޯނާ ޖާގަ ހޯދީ ފުރަތަމަ ލެގުގައި ޖެހި އަވޭ ގޯލާ އެކު 2-4 ގެ އެގްރިގޭޓް ނަތީކާއަކުންނެވެ.

ބޮޑު މޮޅަކާ އެކު ނަޕޯލީ ބަލިކޮށް ބާސެލޯނާ ގަދަ އަށަކަށް ދަތުރު ކުރި އިރު އެ ޓީމު ދެން އޮތް މެޗުގައި ވާދަކުރަން ޖެހޭނީ ރޭ 1-4 ގެ ނަތީޖާއަކުން ޗެލްސީ ބަލިކުރި ބަޔާން މިއުނިކާ ދެކޮޅަށެވެ. ތަފާތު ފޯމެއްގައި މިވަގުތު އޮތް ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ލިބުނު މޮޅާ އެކު އެ ޓީމު ކުއާޓާގެ ޖާގަ ހޯދީ 1-7 ގެ އެގްރިގޭޓަކާ އެކު އެވެ.

ބާސެލޯނާއިން ރޭގެ މެޗަށް ނުކުތީ ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ސާޖިއޯ ބުސްކެޓް އަދި އާތުރޯ ވިދާލް ޓީމުގައި ނުހިމަނަ އެވެ. އަދި އަންނަ ސީޒަނުގައި ޔުވެންޓަސްއަށް ބަދަލުވާން އެއްބަސްވެފައިވާ އާތުރް މެލޯ ވެސް އަހުލާގީ މައްސަލަތަކެއްގެ ސަބަބުން ބެންޗުގައި ހިމަނާފައި ނުވި ނަމަވެސްު ބާސެލޯނާއިން ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

މެޗު ފަށައިގެން ނަޕޯލީން ކޮންޓްރޯލް ނަގައި، ހަމަލާތައް އުފައްދަމުން ދަނިކޮށް ލިބުނު ކޯނަރެއްގެ ފައިދާ ނަގައި ބާސެލޯނާއިން ވަނީ 10 ވަނަ މިނަޓުގައި ލީޑު ނަގައިފަ އެވެ. ޑިފެންޑަރު ކްލިމެންޓް ލެންގްލެޓްގެ އެ ގޯލާ އެކު ނަޕޯލީއަށް ހަމަޖެހި ނުލެވި އުޅެނިކޮށް ބާސެލޯނާއަށް ލީޑު ފުޅާ ކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މެސީ އެ ގޯލު ޖެހީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވެއްޓުމުން، އަލުން ތެދުވެ ބޯޅަ ހޯދައިގެންނެވެ.

މެސީ ވަނީ އޭގެ އިރަކޮޅެއް ފަހުން ވެސް އިތުރު ހިތްގައިމު ގޯލެއް ޖަހައިފަ އެވެ. އެކަމަކު ވީއޭއާރުގެ ނިންމުމަށްފަހު ރެފްރީ ވަނީ މެސީ އެ ގޯލު ޖެހުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ބޯޅަ އަތުގައި ޖެހުނު ކަމަށް ނިންމާފަ އެވެ.

އެއަށްފަހު ވެސް މެސީގެ ނުރައްކާ ނަޕޯލީއަށް އިންތިހާއަށް އިތުރުވެގެން ދިޔަ އިރު އޭނާ ވަނީ ޕެނަލްޓީއެއް ވެސް ހޯދައިފަ އެވެ. ނަޕޯލީގެ ޑިފެންޑަރު ކަލިޑޫ ކޫލިބަލީ މެސީއަށް ކުރި ފައުލަކާ ގުޅިގެން ދިން އެ ޕެނަލްޓީ ގޯލަށް ފޮނުވާލީ ލުއިސް ސުއަރޭޒް އެވެ.

ނަޕޯލީން މެޗުގައި ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ ލޮރެންޒޯ އިންސީނިއޭ އެވެ. ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ނަޕޯލީން ވަނީ ގޯލު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް ބާސެލޯނާއިން އެ ފުރުސަތު ނުދީ މެޗު ނިންމާލި އިރު އެ މެޗުން ލިބުނު މޮޅަކީ މި މުބާރާތުގައި ނަޕޯލީ އަތުން އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ.

ބާސެލޯނާ އާއި ބަޔާން މިއުނިކް ބައްދަލު ކުރާ ކުއާޓާ ފައިނަލުގެ މެޗު އޮންނާނީ އަންނަ ހަފުތާގެ ހުކުރު ދުވަހުގެރޭ އެވެ.

comment ކޮމެންޓް