ކޮވިޑް ޖެހިފައި ވަނިކޮށް ފިލި 15 މީހުން ރަނގަޅުވިކަމަށް ބަލައި ދެން ނުހޯދާނެ

ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުމުގެ ތެރެއިން: ކޮވިޑް ޖެހި ފިލި މީހުން ދެން ނުހޯދާނެ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް ފިލި މީހުންގެ ތެރެއިން 15 މީހަކު އަދިވެސް ފެނިފައި ނުވާ ކަމަށާއި ނަމަވެސް އެ މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ދެން ނުކުރާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވުމުން ބައެއް ބިދޭސީން ފިލާފައިވާ ކަމަށާއި އޭގެތެރެއިން ބައެއް މީހުން ހޯދިފައިވާ ކަމަށެވެ.

"ކުރިން ތިބި 15 މީހުންގެ މިހާރު 21 ދުވަސް ހަމަވެއްޖެ. އަޅުގަނޑުމެނަށް އޭގެ ތެރެއިން ބައެއް މީހުން ހޯދިފައި. ގެއްލިފަ ތިބި ބައެއް މީހުން ހޯދިފަ ނުފެނި ތިބި 15 މީހުން. އެ މީހުން މިހާރު 21 ދުވަސް ކޮމްޕްލީޓްވީމަ ދެން އިތުރަށް އަޅުގަނޑުމެން އެ މީހުން ހޯދުމުގެ މަސައްކަތެއް ނުކުރާނެން. ދެން އެ މީހުން ރިކަވާވީ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް މީގެ ކުރިން މަސައްކަތް ކުރި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން އޭރު ބުނެފައިވަނީ ފިލި މީހުންގެ ތެރެއިން ނުފެންނަ މީހުންގެ މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

ނަމަވެސް އެންއީއޯސީ އުވާލުމާ ހަމައަށް ވެސް އެ މީހުންގެ މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް