ބޭރުގެ މާހިރަކު އަންނަ މަހު އައްޔަނު ކުރުމުގެ މަސައްކަތް ފަށައިފިން: މަރު ކޮމިޝަން

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަނަށް ބޭރުގެ މާހިރަކު އައްޔަނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރިލްވާނުގެ އާއިލާގެ އެދުމާ އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުންދަނީ އިތުބާރު ކުރެވޭ ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް، ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ.

މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގޮތް ނޭންގޭ މަރުތަކާއި ވީނުވީއެއްނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭރުގެ މާހިރަކު އެ ކޮމިޝަނަށް އައްޔަނު ކުރުމަށް ރައީސް ސޯލިހު ނިންމުމާއި ގުޅިގެން ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް އައްޔަނު ކުރުމުގެ މަސައްކަތް ރައީސް އޮފީހާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.

ރިލްވާނުގެ މައްސަލައިގައި އެ ކޮމިޝަނުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އޭނާ ގެއްލުވައިލުމާއި ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކޮމިޝަނަށް ގަބޫލުކުރެވޭތީ، އެ މައުލޫމާތު ކޮމިޝަނަށް ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށެވެ.

ރިލްވާން ގެއްލުވާލީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ.

އެ ކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައިވަނީ ރިލްވާނު ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރުމަށްފަހު ޑިންގީއަކަށް އަރުވައިގެން އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށެވެ.

ރިލްވާނުގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވި ނަމަވެސް މަރު ކޮމިޝަނުން އަދިވެސް ދަނީ އޭނާގެ މަރާ ގުޅޭ ތަހުގީގު ހިންގަމުންނެވެ.

comment ކޮމެންޓް