ޗެމްޕިއަންސް ލީގުގެ ނާކާމީޔާބީއާ އެކު ސާރީ މަގާމުން ވަކިކޮށްފި

ޔުވެންޓަސްގެ ކޯޗުގެ މަގާމުން ވަކިކުރި މައުރީޒިއޯ ސާރީ --- ފޮޓޯ// ލައިވްސްކޯ

ޗެމްޕިއަންސް ލީގުގެ ބޮޑު ނާކާމީޔާބީއާ އެކު އެންމެ ސީޒަނަކަށްފަހު ޔުވެންޓަސްގެ ކޯޗުގެ މަގާމުން މައުރީޒިއޯ ސާރީ ވަކިކޮށްފި އެވެ.

ނިމިގެން ދިޔަ ސީޒަނުގައި ޔުވެންޓަސްއަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ސާރީ މަގާމުން ވަކިކޮށްފައިވާ ކަން ކުލަބުން ރަސްމީކޮށް މިއަދު އިއުލާން ކުރި އިރު ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެ ޓީމު ވަނީ ލިޔޮން އަތުން ކަޓައިފަ އެވެ. ރޭގެ މެޗުގައި 1-2 އިން ޔުވެންޓަސް މޮޅުވި ނަމަވެސް އެގްރިގޭޓް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ އެ ޓީމަށް ކުއާޓާގެ ޖާގަ ގެއްލުނީ އަވޭ ގޯލުގެ ތަފާތުންނެވެ.

ޔުވެންޓަސްގެ އޮފިޝަލް ވެބްސައިޓުގައި އެކުލަބުން ބުނެފައިވަނީ ފުރަތަމަ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ސާރީ ވަކިކުރެވިފައިވާ ކަމަށާއި، ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުލަބަށް ކޮށްދިން ހުރިހާ ހިދުމަތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ވިދިވިދިގެން ނުވަ ވަނަ ފަހަރަށް ކުލަބަށް ލީގު ކާމިޔާބުކޮށްދިނުމުގައި ކުރެއްވި މަސައްކަތް ޔުވެންޓަސްގެ ތާރީހުގައި ވެސް ލިޔެވިގެންދާނެ ކަމަށާއި، އިޓާލިއަން ލީގުގެ ދަށް ޑިވިޝަނުން ފަށައިގެން މިއަދު އެ ހުރި ހިސާބަަށް އައުމަށް ކުރި މަސައްކަތް ކުލަބުން ބަލައިގަންނަ ކަމަށެވެ.

ބޭންކެއްގައި ވަޒީފާއަދާކުރަމުން ޕާޓްޓައިމްކޮށް ކޯޗިން ފެށި ސާރީގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ އިޓަލީގެ ދަށް ޑިވިޝަންތަކުގަ އެވެ. އެކަމަކު މީގެ ފަސްވަރަކަށް އަހަރު ކުރިން ނަޕޯލީއާ ހަވާލުވެ އެ ކްލަބުގައި ވަރުގަދަ ޓީމެއް ބިނާކޮށް ރީތީ ފުޓްބޯޅައެއް ކުޅުވަން ފެށި އެވެ. އެއަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއަށް ކޯޗުކަން ކޮށްދީ ގަދަ ތިނަކަށް އެކުލަބު ގެންގޮސް ޔޫރޮޕާ ލީގުވެސް އެ ޓީމާ އެކު ކާމިޔާބު ކުރުމަށްފަހު ސާރީ ޔުވެންޓަސްއަށް ބަދަލުވީ މި ނިމުނު ސީޒަނުގެ ކުރިންނެވެ.

ސާރީ، 61، މި ސީޒަނުގައި ޔުވެންޓަސްއާ އެކު ހޯދި ލީގު ތަށްޓަކީ އޭނާގެ ހަޔާތުގައި ވެސް ހޯދި ފުރަތަމަ ލީގު ތަށްޓެވެ. ނަމަވެސް މިފަހަރުގެ ލީގުގައި ޔުވެންޓަސް ގިނަ މެޗުތަކަކުން ބަލިވެފައިވާ އިރު އެ ޓީމުން ލީގު ނިންމާލީ ވާދަވެރި އިންޓަ މިލާނަށް ވުރެން އެންމެ ޕޮއިންޓެއް ކުރީގައި އޮވެގެންނެވެ.

comment ކޮމެންޓް