ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: ރައީސް ސޯލިހު

މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ބޭއްވި ހާއްސަ ހަފްލާގައި ރައީސް ސޯލިހް ވާޙަކަދައްކަވަނީ--- ފޮޓޯ: ރައީސް ސޯލިހް

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދަކީ ރިލްވާން ގެއްލުވާލިތާ ހަ އަހަރު ފުރޭ ދުވަހެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިލްވާނުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ.

"ހުރަސްތަކާ ދަތިތަކާއެކު ވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއެކު ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރިލްވާނުގެ އާއިލާގެ އެދުމާ އެއްގޮތަށް މިވަގުތު މަސައްކަތް ކުރަމުންދަނީ އިތުބާރު ކުރެވޭ ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރެއް، ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރިލްވާން ގެއްލުވާލީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. މަރުތައް ތަހުގީގު ކުރުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށްފަ އެވެ.

އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވަނީ އޭނާ ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރުމަށްފަހު ޑިންގީއަކަށް އަރުވައިގެން އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށެވެ.

ރިލްވާނުގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވި ނަމަވެސް މަރު ކޮމިޝަނުން އަދިވެސް ދަނީ އޭނާގެ މަރާ ގުޅޭ ތަހުގީގު ހިންގަމުންނެވެ.

comment ކޮމެންޓް