ކެރެލާއަށް ޖެއްސި އެއާ އިންޑިއާގެ ފްލައިޓެއް ކަހާލައި، ދެފަޅިވެއްޖެ

ދުބާއީން ފުރައިގެން، އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކާލިކަޓުގެ އެއާޕޯޓަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައި ހިނގި ހާދިސާގެ ތެރެއިން ---

ދުބާއީން ފުރައިގެން، އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކާލިކަޓުގެ އެއާޕޯޓަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އިންޑިއާ ގަޑިން 8:15 އެހައިކަންހާއިރު ފްލައިޓު ޖެއްސުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލައި، ފާރެއްގައި ޖެހި ހުސްބިމަކަށް ވެއްޓުމުގެ ސަބަބުން ބޯޓު ވަނީ ދެފަޅިވެފައެވެ.

އެ ފްލައޓުގައި 173 މީހުންނާއި، 10 ކުޑަކުދިންގެ އިތުރުން ދެ ޕައިލެޓުންނާއި ފަސް ކެބިން ކްރޫއިން ތިއްބެވެ. ރިޕޯޓުތައް ބުނާގޮތުން އެ ހާދިސާގައި ބޯޓުގެ ޕައިލެޓް ހިމެނޭގޮތުން ތިން މީހަކު ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ހާދިސާގައި ތިން މީހުން މަރުވެފައިވާކަން ކެރެލާގެ މިނިސްޓަރު ކޭޓީ ޖަލީލް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލައިޓު ޖެއްސުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ. އަދި މިހާރު ބޯޓުން މީހުން ހުސްކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިރޭ ވެއްޓިފައި ވަނީ ކޮވިޑް19 އާ ގުޅިގެން ދުބާއީގައި ތާށިވެފައި ތިބި އިންޑިއާ ރައްޔިތުން ގޮވައިގެން ދަތުރުކުރި ބޯޓެކެވެ.

comment ކޮމެންޓް