މޫލީއަށް އެއް އަހަރު، 10،000 އަށްވުރެ ގިނަ ޑެލިވަރީ!

އީކޮމާސް ޕްލެޓްފޯމް މޫލީ، ކަސްޓަމަރުންގެ ހިދުމަތުގައި ކާމިޔާބު އެއް އަހަރު ފުރުމުގެ މުނާސަބަތު މިއަދު ފާހަގަކޮށްފިއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމާސް ބާޒާރެއްގެ ގޮތުގައި މޫލީ ތައާރަފުކުރީ މިދިޔަ އަހަރުގެ އޯގަސްޓުމަހުއެވެ.

އުރީދޫއިން މިއަދު ބުނީ، މޫލީއަށް އެއް އަހަރުފުރުން ފާހަގަކުރި އިރު، މޫލީ މެދުވެރިކޮށް މިހާރުވެސް 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް 14 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލިޓީ އެތައް ޕްރޮޑަކްޓެއް ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ފަހިކޮށްދީފައެވެ.

އޭގެ ތެރޭގައި، އިލެކްޓްރޯނިކް ސާމާނު، ގެއަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ.

އުރީދޫން ބުނީ މޫލީ ޕްލެޓްފޯމްގެ ކާމިޔާބީގެ އުފަލުގައި ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން މުޅި އޯގަސްޓް މަހު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ހަރަކާތްތަކުގެ އިތުރު މައުލޫމާތު މޫލީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި އިއުލާނު ކުރާނެ ކަމަށެވެ.

ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދާ ޕާސަނަލައިޒްޑް ހިދުމަތެއް ދިނުމަކީ މޫލީގެ އެންމެ މުހިންމު މަގްސަދު ކަމަށް އުރީދޫން ބުންޏެވެ.

އެގޮތުން ކޮވިޑް19އާ ގުޅިގެން ސަރުކާރުން އިއުލާނުކުރި ފުރަބަންދުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ވިޔަފާރިކުރުމަށް ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާއި ގުޅިގެން މޫލީ މެދުވެރިކޮށް ޑެލިވެރީގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ފިތުރު އީދާއި އަޟްހާ އީދުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަންތަކާއެކު، ސަލާމަތްތެރިކަމާއެކު ގޭގައި ތިބެގެން އީދުގެ އުފާ ފާޅުކޮށް، އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ބަދަލުކުރުމުގެ ފުރުސަތު ވެސް މޫލީއިން ފަހިކޮށްދިނެވެ. އެ ޕްރޮމޯޝަންތަކުގެ ތެރެއިން އަޟްހާ އީދާ ގުޅުވައިގެން ކުރިއަށްދިޔަ މޫލީ ކާނިވަލަކީ ޑިޖިޓަލްކޮށް ރާއްޖޭގައި ބޭއްވުނު ތަފާތު ކާނިވަލެކެވެ.

ފުޅާވަމުން އަންނަ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.

މި ޕްލެޓްފޯމްގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ.

އެ ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އުރީދޫއިން ބުނީ ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، އެ ޕްލެޓްފޯމް އޮތީ ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރަށްކަމަށްވެސް އުރީދޫން ބުންޏެވެ.

comment ކޮމެންޓް