އިންޑިއާއަށް ބޭސްފަރުވާއަށް ހަތަރު ވަނަ ބެޗް ފުރައިފި، މިފަހަރު 21 ބަލިމީހުން ގެންދިޔަ

އިންޑިއާގައި ތިބި ދިވެހިން ގޮވައިގެން މީގެ ކުރިން އައި މޯލްޑިވިއަންގެ އެއާބަސް: ފުރަބަންދުގައި އިންޑިއާއަށް ބޭސްފަރުވާއަށް ދިވެހިން ގެންދަނީ ވެސް މޯލްޑިވިއަން އިން -- ފައިލް ފޮޓޯ: މޯލްޑިވިއަން

ފުރަބަންދުގައި އިންޑިއާ އޮތް ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އިން އެ ގައުމަށް ބޭސްފަރުވާއަށް އިތުރު 21 މީހަކު މިއަދު ފުރުވާލައިފި އެވެ.

މިއީ ފުރަބަންދުގައި ރާއްޖެ އިން އެ ގައުމަށް ދިޔަ ހަތަރު ވަނަ ބެޗެވެ.

އާސަންދަ ކުންފުނިން ބުނީ، އިންޑިއާ ސަރުކާރުން ދީފައިވާ ހާއްސަ ހުއްދައިގެ ދަށުން، އެ ކުންފުނީގެ ހަރަދުގައި ބޭސްފަރުވާއަށް ދާ މީހުން މިއަދު 18:30 ގައި ފުރާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ 21 ބަލިމީހުންގެ އިތުރުން އެ މީހުންގެ އެހީތެރިންގެ ގޮތުގައި ދާ 29 މީހުން ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.

އެ ހުރިހާ ފަރާތްތައް ވެސް އިންޑާއަށް ދަނީ އެ ގައުމުގެ ވިސާ ހަމަޖައްސައިގެން އިންޑިއާގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއެކު ކަމަށް އާސަންދައިން ބުނެއެވެ.

އިންޑިއާއިންވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. އަދި އެ ޤައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެއެވެ.

މީގެތެރެއިން 9 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ އެއިމްސް ހޮސްޕިޓަލުގައެވެ. ބާކީ 12 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލުގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެއެވެ.

ޕޭޝަންޓުންނާއި އެހީތެރިންވެސް ކަރަންޓީނުގައި ތިބޭނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް