ފާމަސީގައި ޖިންސީގޯނާކުރި މީހާ ހައްޔަރުކޮށް ބަންދަށް 10 ދުވަސް

ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 50 އަހަރުގެ ބިދޭސީ މީހާ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހާދިސާގައި ޖިންސީ ގޯނާ ލިބުނު އަންހެން މީހާގެ އާއިލާއިން "ސަން"އާ ވާހަކަ ދައްކަމުން ބުނީ އޭނާއަށް ޖިންސީ ގޯނާކުރީ މާލޭގައި ހިންގާ ފާމަސީއެއްގައި މަސައްކަތްކުރާ އިންޑިއާ މީހެއް ކަމަށެވެ.

ޖިންސީ ގޯނާ ކުރުމުން ގެއަށް ގޮސް އާއިލާ މެމްބަރުން ކައިރި އެ ވާހަކަ ބުނުމުން އާއިލާ މީހަކު ވަނީ ފާމަސީއަށް ގޮސް އިންޑިއާ މީހާއަށް ހަމަލާ ވެސް ދީފަ އެވެ. އަދި އެ މައްސަލައިގައި އިންޑިއާ މީހާއަށް ހަމަލާދިން މީހާ އަދިވެސް ހުރީ ފުލުހުން ބެލުމުގެ ދަށުގައި ކަމަށްވެސް އާއިލާއިން ބުނެ އެވެ.

"ރޭ ދަންވަރު ޕޮލިހުންނަށް މައްސަލަ ހުށަހެޅިން. ބަޔާން ނެގުނީ ތިން ވަރަކަށް ގަޑިއިރު ފަހުން. ބަޔާން ނަގާފައި ޕޮލިހުން ބުނީ ފާމަސީގައި ނޫނީ އެތާ ކައިރީގައި ސީސީޓީވީ ނެތިއްޔާ ވިންއެއް ނުވާނެޔޯ." އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

comment ކޮމެންޓް