ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަނީ

މާލޭ މަގުމަތި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މި ހާދިސާގައި ޖިންސީ ގޯނާ ލިބުނު އަންހެން މީހާގެ އާއިލާއިން "ސަން"އާ ވާހަކަ ދައްކަމުން ބުނީ އޭނާއަށް ޖިންސީ ގޯނާކުރީ މާލޭގައި ހިންގާ ފާމަސީއެއްގައި މަސައްކަތްކުރާ އިންޑިއާ މީހެއް ކަމަށެވެ.

ޖިންސީ ގޯނާ ކުރުމުން ގެއަށް ގޮސް އާއިލާ މެމްބަރުން ކައިރި އެ ވާހަކަ ބުނުމުން އާއިލާ މީހަކު ވަނީ ފާމަސީއަށް ގޮސް އިންޑިއާ މީހާއަށް ހަމަލާ ވެސް ދީފަ އެވެ. އަދި އެ މައްސަލައިގައި އިންޑިއާ މީހާއަށް ހަމަލާދިން މީހާ އަދިވެސް ހުރީ ފުލުހުން ބެލުމުގެ ދަށުގައި ކަމަށްވެސް އާއިލާއިން ބުނެ އެވެ.

"ރޭ ދަންވަރު ޕޮލިހުންނަށް މައްސަލަ ހުށަހެޅިން. ބަޔާން ނެގުނީ ތިން ވަރަކަށް ގަޑިއިރު ފަހުން. ބަޔާން ނަގާފައި ޕޮލިހުން ބުނީ ފާމަސީގައި ނޫނީ އެތާ ކައިރީގައި ސީސީޓީވީ ނެތިއްޔާ ވިންއެއް ނުވާނެޔޯ." އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުންޏެވެ.

comment ކޮމެންޓް