ރައީސް އާއި މަޖިލިސް ރައީސް، މަހިންދައަށް ތަހުނިޔާ ވިދާޅުވެއްޖެ

ރައީސް ސޯލިހާއި ރައީސް ނަޝީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ބޭއްވި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި، އެ ގައުމުގެ ބޮޑު ވަޒީރު އަދި ކުރީގެ ރައީސް މަހިންދަރާޖަ ޕަކްސައަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރި ހޯއްދެވީ، ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީންނެވެ.

މަހިންދަ ރާޖަޕަކްސައަށް ތަހުނިޔާ ފޮނުވާ، ރައީސް ސޯލިހް މިރޭ ކުރެެއްވި ޓްވީޓްގައި ވިދާޅުވީ، މި ހޯދެއްވި ކާމިޔާބާއެކު އެގައުމަށް ބޮޑެތި ފާގަތިކަން ލިބޭނެކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގުޅުންވެސް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ނައިބު ރައިސް ފައިސަލް ނަސީމުވެސް ވަނީ މަހިންދަ ރާޖަޕްކްސައަށް ތަހުނިޔާ ފޮނުވާފައެވެ. ފައިސަލް ނަސީމު ކުރެއްވި ޓްވީޓްގައި އެމަނިކުފާނުގެ ލީޑާޝިޕްގައި ލަންކާއަށް އިތުރު ކާމިޔާބަށް އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމު ޓެގް ކުރައްވައި، މަހިންދަ ރާޖަޕަކްސަ ދެ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ. މަހިންދަ ރާޖަޕަކްސަ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދެގައުމަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ރައީސް ނަޝީދު، ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާއްޖަޕަކްސައަށާއި މަހިންދަ ރާއްޖަ ޕަކްސައަށް ތަހުނިޔާ ފޮނުވާ ކުރެއްވި ޓްވީޓުގައި އެގައުމުގެ ރައްޔިތުންނަށް މަރުހާބާ ދެންނެވިއެވެ. އަދި ޑިމޮކްރަސީގެ ރީތި މިސާލު ދައްކަވާ، ވޯޓު ދެއްވިކަންވެސް ޓްވީޓުގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖަޕަކްސަގެ ދެބައިން މި ހޯއްދެވި ކާމިޔާބަށް ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ދަނީ ތަހުނިޔާ ދަންނަވަމުންނެވެ.

ލަންކާގައި އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވި އެވެ. އަދި އޭގެ ތެރެއިން ހަ މިލިއަން ވޯޓު މިހާރު ގުނާފައިވާ އިރު 98 ގޮނޑިއެއްގެ ނަތީޖާ ވަނީ އެނގިފަ އެވެ.

އޭގެ ތެރެއިން 72 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިންނެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގޯޓާބަޔައާ ވާދަ ކުރެއްވި ސަޖިތު ޕްރޭމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓް (އެސްޖޭބީ) އެލަޔަންސަށް ލިބިފައި ވަނީ 23 ގޮނޑި އެވެ.

comment ކޮމެންޓް