ޝީރީންގެ މަރު: 10 އަހަރު ފަހުން ޕީޖީއަށް ހިތްހަމަޖެހުން

ޕީޖީ ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މީގެ 10 އަހަރު ކުރިން މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގައި ދައުލަތުން ކުރި ދައުވާ ސާބިތުވެ، ހައިކޯޓުން މިއަދު ކުރި ހުކުމާއެކު ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ، 2009 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭގަ އެވެ. އެ މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލީ އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ގަން، ތުޑިވިލާ، މުހައްމަދު ނަޖާހުގެ މައްޗަށެވެ.

އޭގެ ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ނަޖާހު މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފަ އެވެ. އަދި އޭނާ ވަނީ މިނިވަންވެފަ އެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ ޑިސެމްބަރު، 20، 2009 އިން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމުގައިވާތީ، ޕޯސްޓްމޯޓަމް ހެދުމަށް ލަފާދީފައިވާނެ ކަމަށް ޝީރީން ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ޝީރީންގެ ޕޯސްޓްމޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް އެ ހުކުމްގައިވެ އެވެ.

ނަމަވެސް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި މައްސަލަ ނިންމައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވި ނަމަވެސް، ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި ނާޖުހެގެ މައްޗަށް 'ގަސްދުމަރާއި ވައްތަރުގެ މަރު' ޝަރީއަތަށް ސާބިތުވާކަމަށެވެ.

އަދި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 12 އަހަރަށް ޖަލަށް ލާން ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ހައިކޯޓުގެ ހުކުމާއެކު ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތައް އަހަރެއް ފަހުން އެ މައްސަލަ ސާބިތުވާކަމަށް ހުކުމް ކުރުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ޕީޖީ ޝަމީމް ވަނީ އެ މައްސަލައިގައި ޕްރޮސެކިއުޓަރެއްގެ ގޮތުން މަސައްކަތް ކުރައްވައިފައެވެ. ޝަމީމް ވިދާޅުވީ މައްސަލަ ބިނާކޮށްފައި ވަނީ ހަމައެކަނި ގަރީނާގެ މައްޗަށް ކަމަށާއި ދަށު ކޯޓުން ނާކާމިޔާބުވި ނަމަވެސް، މައްސަލައިގައި ކުރެވުނު މަސައްކަތް ކާމިޔާބު ވާނެ ކަމުގެ އުންމީދު އަބަދުވެސް އޮތް ކަމަށެވެ.

ޝީރީންގެ މަރުގެ މައްސަލައަކީ އެކަން ފެނުނު މީހަކު ނެތި، ފޮރެންސިކް ހެއްކާއި ގުޅުވޭ ގަރީނާގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ދައުވާކުރި ފުރަތަމަ މައްސަލައެވެ.

ޝީރީންގެ ހަށިގަނޑު ފެނުނު މ.އަންގާގިރިއަކީ އޭރު ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ސައިޓެކެވެ. ޝީރީން ދިރިހުއްޓާ އެންމެ ފަހުން ފެނުނީ ނަޖާހުއަށެވެ. އަދި ނަޖާހު ވަރަށް ބަރު ފޮށްޓެއް ހިފައިގެން ޓެކްސީއެއްގައި މ.އަންގާގިރި ކައިރި ހިސާބަކަށް ދިޔަކަން ސާބިތުވެއެވެ. އަދި އެ ފޮށި ތެރެއިން ޝީރީންގެ ދިޔަ ފެނިފައި ވާއިރު، ޝީރީންގެ ހަށިގަނޑު ފެނުނު އިރު ކުރުގަޅުވާފައި އޮތް ކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ޝީރީންގެ ޕޯސްޓްމޯޓަމް ހެދިފައި ނުވާތީ، އޭނާ މަރުވި ސަބަބު ދެނެގަނެވިފައެއް ނުވެއެވެ.

comment ކޮމެންޓް