ބާބުރީ މިސްކިތް ހުރި ބިމުގައި އަޅާ ފައްޅީގެ ބިންގާ އަޅައިފި

ބާބްރީ މިސްކިތް ހުރި ބިމުގައި އަޅާ ފައްޅީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: ގެޓީ

އަޔޯދިޔާ (އޮގަސްޓު 5): އިންޑިއާގެ އަޔޯދިޔާގައި ބާބްރީ މިސްކިތް ހުރި ބިމުގައި ހިންދޫންގެ ފައްޅިއެއް އެޅުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބިންގާ އަޅުއްވައި ދެއްވައިފި އެވެ.

'އަޔޯދިޔާ ރާމް ފައްޅީ'ގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި 310 މީހަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި މޯދީގެ އިތުރުން އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތާއި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް މެމްބަރުން ހިމެނެ އެވެ.

އެ ފައްޅީގެ ބިންގަލެއްގެ ގޮތުގައި މޯދީ ބޭއްވެވީ ރިހިން ހަދާފައިވާ، 40 ކިލޯގެ ގަލެކެވެ. އަދި އެ ފައްޅި ބިނާ ކުރުމަށް އިންޑިއާގެ އެކި ކަންކޮޅުތަކުން މީހުން ވަނީ ރަނާއި ރިހިން ހަދާފައިވާ ފައިސާ ފޮއްޗާއި ގާ ފޮނުވާފަ އެވެ. އޭގެ ތެރޭގައި އެމީހުންގެ ކަލާނގެއެއް ގޮތުގައި ދެކޭ ރާމްގެ ނަން ކަނޑާ ނަގާފައިވާ 200،000 ގާ ހިމެނެ އެވެ.

ތިން ފަަންގިފިލާ ހުންނަ ގޮތަށް ހަދަން ހަމަޖެހިފައިވާ އެ ފައްޅި އަޅަން ތިން އަހަރު ނަގާނެ ކަމަށް ފައްޅި ޑިޒައިން ކުރި ފަރާތުން ބުންޏެވެ.

ބާބްރީ މިސްކިތުގެ މައްސަލައަކީ އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު އެތައް އަހަރުތަކެއް ވަންދެން ދެބަސްވުން އުފެދިފައިވާ މައްސަލައެކެވެ.

ބާބްރީ މިސްކިތް ހުރި ބިމުގައި އަޅާ ފައްޅީގެ ޑިޒައިން -- ފޮޓޯ: އެންޑީޓީވީ

ހިންދޫން ބުނާ ގޮތުގައި ބާބްރީ މިސްކިތް އަޅާފައި ވަނީ އެމީހުންގެ 'ރާމް ކަލާނގެ' އުފަންވި ތަނުގަ އެވެ. އަދި އެ މިސްކިތް ހެދީ އެތާގައި ހުރި ހިންދޫ ފައްޅިއެއް ތަޅާލުމަށް ފަހުގައި ކަމަށާއި އެތަނުގައި އަނެއްކާ ވެސް ފައްޅިއެއް އަޅަން ޖެހޭ ކަމަށް އެމީހުން ބުނެ އެވެ.

ސޯޅަ ވަނަ ގަރުނުގައި ބިނާ ކުރި ބާބްރީ މިސްކިތް ތަޅާލީ 1992 ވަނަ އަހަރެވެ. އޭގެ ސަބަބުން މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި 2،000 މީހުން މަރުވި އެވެ.

އެ މައްސަލަ ހައްލުކުރުމަށްޓަކައި 2010 ވަނަ އަހަރު އުއްތުރަ ޕްރަދޭޝްގެ އިލާހްއާބާދުގެ ހައިކޯޓުން ބާބްރީ މިސްކިތް ހުރިބިން މުސްލިމުންނާއި ހިންދޫންގެ މެދުގައި ހަމަހަމައަށް ބަހާލުމަށް ހުކުމް ކުރި އެވެ. އެއާއެކު މުސްލިމުން އެމައްސަލަ އިންޑިޔާގެ ސްޕްރީމް ކޯޓަށް ވެއްދުމުން 2011 ވަނަ އަހަރު އެ ކޯޓުން ހައި ކޯޓުގެ ހުކުމް ބާތިލު ކުރި އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލާގައި ހުށަހަޅާފައިވާ ހެކިން، ބާބްރީ މިސްކިތުގެ އިމާރާތުގެ ތިރީގައި "އިސްލާމީ ނޫން ބިނާއެއްގެ ބައިތައް" ހުރިކަން ސާބިތުވާ ކަމަށް ނިންމާފަ އެވެ. އަދި އެ ބިން ހިންދޫންނަށް ދޭން ހުކުމްކޮށްފަ އެވެ.

އެއަށް ފަހު އެކޯޓުން ވަނީ މުސްލިމުންނަށް މިސްކިތެއް ބިނާ ކުރުމަށް އަޔޯދިޔާއިން އެހެން ބިމެއް ދޭން އަމުރު ކޮށްފަ އެވެ.

comment ކޮމެންޓް