އެފްއޭކަޕުގައި އަނިޔާވި ޕެޑްރޯ ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކޮށްފި

ޗެލްސީގެ މިޑްފީލްޑަރު ޕެޑްރޯ ރޮޑްރިގޭޒް --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލް މެޗުގައި ކޮނޑު ހުޅުން ނައްޓައިގެން ބަދަލު ކުރަން ޖެހުނު ޗެލްސީގެ މިޑްފީލަޑްރު ޕެޑްރޯ ރޮޑްރިގޭޒް ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު ވާދަވެރި އެފްއޭކަޕުގެ ފައިނަލުގައި ޗެލްސީ ބަލިކޮށް އާސެނަލް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އާސެނަލުން މިއީ މިހާތަނަށް މި މުބާރާތް ކާމިޔާބުކުރި 14 ވަނަ ފަހަރެވެ.

އެ މެޗުން ޗެލްސީ ބަލިވުމުގެ އިތުރުން އެންމެ ބޮޑު ގެއްލުމަކީ ޓީމުގެ މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާވުމެވެ. ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް އަންނަ ހަފުތާ ނުކުންނަ އިރު ފޯވާޑް ކްރިސްޓިއަން ޕުލިސިޗްއާއި، ޕެޑްރޯ އަދި ކެޕްޓަން ސީޒާ އަޒްޕްލިކުއެޓާ ވެސް މިވަގުތު ހުރީ އަނިޔާގަ އެވެ.

މި ތިން ކުޅުންތެރިންވެސް އާސެނަލް މެޗުގައި އަނިޔާވި އިރު ޕެޑްރޯ ވަނީ އޭނާއަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެހެން ކަމުން އޭނާއަށް ޗެލްސީ ބަޔާން އަތުން މޮޅެއް ލިބުނު ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުރިއަށް އޮތް މެޗުތަކުގައި ނުކުޅެވޭނެ އެވެ.

ކުރިން ސްޕެއިނުގެ ބާސެލޯނާއަށް ވެސް ކުޅުނު ޕެޑްރޯ 33، އަންނަ ސީޒަނުގައި އެކުލަބު ދޫކޮށްލާނެ ކަމަށް އަޑުފެތުރިފައިވާ އިރު އޭނާ ދެން ބަދަލުވުން އެންމެ ގާތީ އިޓަލީގެ ރޯމާއަށް ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

ޕެޑްރޯގެ އޮޕަރޭޝަނަށްފަހު އޭނާ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި ބުނީ އޮޕަރޭޝަން ކާމިޔާބުކަމަށާއި، އެފްއޭ ކަޕުގެ ނާކާމިޔާބީގެ ހިތިރަހަ އަދިވެސް ނުކެނޑޭ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށް ޗެލްސީ ނުކުންނަ އިރު އެ ޓީމު ވަނީ ފުރަތަމަ ލެގުގައި 0-3 އިން ބަލިވެފަ އެވެ. ރަށުން ބޭރުުގައި ކުޅޭ އެ މެޗުގައި ޗެލްސީއަށް ކުރި ހޯދޭނީ ހަތަރު ގޯލު ޖަހައިގެންނެވެ.

comment ކޮމެންޓް