ބޭރޫތުގައި ހިނގި ގޮވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުވައިފި

ޖުލައި 26، 2020: މިނިވަންދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި އިއްޔެ ބާރުގަދަ ގޮވުމެއް ގޮވައި، ގިނަ އަދަދެއްގެ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ލުބްނާންގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

އަދި އިއްޔެ ހިނގި ހާދިސާގައި ނިޔާވި މީހުންނާއި، އަނިޔާ ލިބުނު މީހުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ހިނގި އެ ހާދިސާގައި އެތާ ކައިރީ ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، މުޅި ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތައް ތަޅައިގެން ގޮސްފައިވެ އެވެ.

ހަބަރުތައް ބުނާގޮތުން، އެ ހާދިސާގައި 78 މީހަކު މަރުވެފައިވާކަން މިހާތަނަށް ވަނީ ކަށަވަރުކުރެވިފައެވެ. އަދި 4000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ގެއްލިގެން ހޯދަމުން އަންނަ އިރު، ނަންބަރުތައް އިތުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ލުބްނާންގެ ބޮޑުވަޒީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ، ވެއާހައުސް އެއްގައި ރައްކާކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެންނެވެ.

އެމޯނިއަމް ނައިޓްރޭޓް އަކީ ގަސްކާނާގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުންކުރާ ބާރުގަދަ އެއްޗެކެވެ. އެ ވެއާހައުސްގައި އެތަކެތި ރައްކާކޮށްފައި ހުންނަތާ ހަ އަހަރު ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭނާ ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދައި، ފަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމަން އަންގަވައިފައެވެ.

comment ކޮމެންޓް