ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ސްރީލަންކާގެ ޕާލަމެންޓްރީ އިންތިޚާބުގެ ވޯޓުން ފަށައިފި

ރައީސް ގޮތަބަޔާ އާއި އޭނާގެ ބޭބެ ބޮޑުވަޒީރު މަހިންދަ

ކޮލަންބޯ (އޮގަސްޓް 05) : ސްރީލަންކާގެ ޕާލަމެންޓްރީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

ސްރީލަންކާގެ އިންތިޚާބާ ބެހޭ އިދާރާ ބުނާ ގޮތުން ޕާލަމެންޓަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގުލިބިވައިވާ މީހުންގެ އަދަދަކީ 16 މިލިޔަނެވެ. ޕާލަމެންޓްގައި ހިމެނޭ 225 ގޮނޑިއަށް ހާހަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިޚާބުގައި ރައީސް ގޮތަބާޔާ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީކަމަށްވާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ގޮތަބަޔާ ކުރީގެ ރައީސް ސިރިސޭނާއާ އެކު ކޭންޕޭންގައި

އައު ރައީސް ގޮތަބާޔާ ރާޖަޕަކްސައާއި އޭނާގެ ބޭބެ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ރައްޔިތުންގެ ތާއީދުބޮޑު ކަމަށާއި މަހިންދަ ރާޖަޕަކްސަގެ ރައީސް ކަމުގައި ސްރީލަންކާ އަށް ގެނައި އާދަޔާ ޚިލާފު ތަރައްގީ އޭނާގެ ކޮއްކޮ ގޮތަބަޔާގެ ވެރިކަމުގައި ގެނެވޭނީ ޕޮޑުޖަނާ ޕެރުމުނާ ޕާޓީ އާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ދީގެންކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބިއްޖެ ނަމަ މަހިންދަ ރާޖަޕަކްސައަށް ބޮޑުވަޒީރު ކަމުގައި ނުހުންނެވޭނެ އެވެ. އޭގެ ބަދަލުގައި އިދިކޮޅު ޕާޓީތައް ހިމެނޭ ކޯލިޝަނަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިއްޖެ ނަމަ ބޮޑުވަޒީރަކަށް ވެވަޑައިގަންނަ ވާނީ އިދިކޮޅު ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ. އެއީ މިހާރުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދާސާ ކަމަށް ވެސް ވުން އެކަށީގެންވެ އެވެ.

ވޯޓުލުން ކުރިޔަށްދަނީ އެފަދަ ހާލަތެއްގައި ރައީސާއި ބޮޑުވަޒީރަކީ ވާދަވެރި ދެ ބޭފުޅުން ކަމަށް ވުމުން އެ ދެބޭފުޅުން ގުޅިގެން މަސައްކަތްކުރަން ދަތިވާނެ ކަމަށާއި އެހާލަތުގައި ތަރައްގީގެ ދުވެލި ދަށްވާނެ ކަމަށް އިންތިޚާބުގެ ކޭންޕޭންގައި ޕޮޑުޖަނާ ޕެރުމުނާ ޕާޓީއާއި އެޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުން ވަނީ ވިދާޅުވެފަ އެވެ. މިކަމަށް ޓަކައި ސަރުކާރު ކޯލިޝަނުން ވަނީ ވަރުގަދަ ކޭންޕޭނެއް ކުރިޔަށް ގެންގޮސްފަ އެވެ. މި އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ރާޖަޕަކްސަ އާއިލާގެ ހަތަރު މެމްބަރަކު ވެސް ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވަ އެވެ.

ސްރީލަންކާގެ ޕާލަމެންޓްރީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ސްރީލަންކާ ދެފަހަރެއްގެ މަތިން ފުރަބަންދު ކުރަންޖެހުމާ އެކު ދެ ފަހަރެއްގެ މަތިން ވަނީ އިންތިހާބު ފަސްކޮށްފަ އެވެ.

މިހާރު ސްރީލަންކާގައި ވަނީ ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ޕާލަމެންޓްރީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ޓަކައި ސިއްހީގޮތުން އަޅަން ޖެހޭ ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކާ އެކުގަ އެވެ.

މީގެ ތެރޭގައި ވޯޓުލާ މަރުކަޒުތަކުގައާއި ވޯޓުގެ ކިޔޫގައި ގައިދުރުކަން ބަހައްޓަން ލާޒިމު ކުރުމާއި މާސްކު އަޅަންޖެހުމާއި ހުންބެލުން ފަދަ ކަންކަން ހިމެނެ އެވެ. ސިއްޙީ ރައްކާތެރިކަމުގެ މި ފިޔަވަޅުތައް އަޅައިގެން އިންތިޚާބު ބޭއްވުމަށް ތައްޔާރު ވުމުގެ ގޮތުން ސްރީލަންކާގެ އިންތިޚާބާ ބެހޭ އިދާރާ އިން ވަނީ އިންތިޚާބުގެ ރިހާސަލް އެއްވެސް ކުރިން ބާއްވައިފަ އެވެ.

ސްރީލަންކާގެ އިންތިޚާބާ ބެހޭ އިދާރާ ބުނާ ގޮތުން މާދަމާގެ ނިޔަލަށް ވޯޓު ގުނައި ނިމޭނެ އެވެ. އަދި ހުކުރު ދުވަހު އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނެ އެވެ. (ސްރީލަންކާގެ މީޑީއާ)

comment ކޮމެންޓް