މީރާ ބަންދު، ނަމަވެސް އޮންލައިންކޮށް ފީތައް ދެއްކޭނެ

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދާ މާދަމާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތީރިޓީ (މީރާ)ގެ ކައުންޓަރުތަކުން ހިދުމަތް ނުދޭނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނާތީ މި ހަފްތާ ސަރުކާރު އޮފީސްތައް ބަންދުކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.

އެހެންކަމުން ބުދަ އަދި ބުރާސްފަތި ދުވަހު މީރާގެ ކައުންޓަރުތައް ބަންދުވާނެ ކަމަށާއި އެހެން ނަމަވެސް މީރާއަށް ދައްކަންޖެހޭ ފީތައް އޮންލައިންކޮށް ދެއްކޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެގޮތުން މީރާއަށް ދައްކަންޖެހޭ ޓެކުހާއި ފީތައް، މީރާކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީގެ އިތުރުން މީރާއިން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައް ވެސް އޮންލައިންކޮށް ހޯދޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. އަދި މި މުއްދަތުގައި މީރާއަށް ގުޅަން ބޭނުންވާ ފަރާތްތަކުން 9821415 އަށް ވައިބާ މެދުވެރިކޮށް މެސެޖު ކުރުމަށް ވަނީ އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް