އިންޑިއާގެ ކްރެޑިޓް ފެސިލިޓީން މިފްކޯގެ ފެސިލިޓީތައް ފުޅާކުރަނީ

ޅ. ފެލިވަރު މަސް ބަންދުކުރާ ފެކްޓްރީ -- ފޮޓޯ: ފެލިވަރު

އިންޑިއާއިން ރާއްޖެއަށް ދިން ކްރެޑިޓް ފެސިލިޓީން މިފްކޯގެ ފެސިލިޓީތައް ފުޅާކުރަން ނިންމާފައިވާ ކަމަށް މިފްކޯ އިން ބުނެފިއެވެ.

ރާއްޖޭގެ ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން ރާއްޖެއަށް ވަނީ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ދީފައެވެ. އަދި އެއެހީގެ ދަށުން މިފްކޯގެ ފެސިލިޓީތައް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 18 މިލިއަން ޑޮލަރު ހާއްސަކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ދަށުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ޅ. ފެލިވަރުގައި ހުންނަ މަސް ފެކްޓްރީގައި މަސް ގަނެ އެތަނުގައި މަސް ރައްކާކުރާނެ ފެސިލިޓީ ގާއިމްކޮށް ދެ ޕްލާންޓެއް ގާއިމްކުރުން ހިމެނެއެވެ. އެ ދެ ޕްލާންޓްގެ ތެރޭގައި ޓޫނާ ކުކްޑް ލޮއިންސް ޕްލާންޓަކާއި ފިޝް މީލް ޕްލާންޓެއް ހިމެނެއެވެ.

އޭގެ އިތުރުންް 100 މެޓްރިކްޓަނުގެ އައިސް ރައްކާކުރެވޭ ގޮތަށް ގއ. ގެމަނަފުށީގައި 50 މެޓްރިކްޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށްވެސް ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

އެ މަޝްރޫއުގެ ކޮންސަލްޓަންޓުން ކަނޑައަޅާނީ ރާއްޖެއިން ކަމަށްވެސް ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާވެ މަސް ކަލެކްޓުކޮށް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުވެ އައިސް ޕްލާންޓްތައް އަޕްގްރޭޑްވެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަން އިންޑިއާއިން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާ އިން ބުނީ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ރާއްޖެއަށް ފޯރުކޮށްދީފައިވަނީ ރާއްޖެއަށް ފައިދާވާ ގޮތަށް 20 އަހަރުން ދައްކާ ގޮތަށް ކަމަށެވެ. އަދި އެ ކްރެޑިޓް ފެސިލިޓީން ހިންގާ މަޝްރޫއުތަކަކީ ރާއްޖޭގެ ސަރުކާރުން ކަނޑައަޅައި އިންޑިއާއިން އެޕްރޫވްކޮށްފައިވާ މަސައްކަތްތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އެކަމުގައި ރާއްޖޭގެ ކުންފުނިތަކުން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓަރުން ހޮވަނީ ދެ ގައުމުން ގުޅިގެން ދެފުށް ފެންނަ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

comment ކޮމެންޓް