އީދު ކުޅިވަރުގައި ގާސިމާއި ނަހުލާއަށް ހަޖޫ ޖެހުމުން ޖޭޕީން އެކަން ކުށްވެރިކޮށްފި

ގާސިމް އިބްރާހިމް އާއި ނަހުލާގެ މޫނު ބޭނުންކޮށްގެން އެހެން ދެ މީހުން ހަރަކާތްތެރިވާ ވީޑިއޯގެ ތެރެއިން ---

ރާއްޖޭގެ ރަށެއްގައި އީދު ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑެއްގައި ގާސިމް އިބްރާހިމާއި އޭނާގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްތަރު އައިޝަތު ނަހުލާގެ މޫނުގެ ފޮޓޯއެއް ބޭނުންކޮށްގެން އެހެން ފަރާތްތަކެއް ހަރަކާތްތެރިވުމުން، ޖުމްހޫރީ ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.

އެ ހިނގާލުމުގައި އެކަކު ހުންނަނީ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމްގެ މޫނުގެ ފޮޓޯއެއް އެހެން މީހެއްގެ މޫނުގައި ހަރުކޮށްގެން އަދި ދެވަނަ މީހަކު ނަހުލާގެ ފޮޓޯއެއް ހަރުކޮށްގެން ދެއެވެ. ފަހަތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފޮޓޯއެއް މޫނުގައި ތަތްކޮށްގެން ކަރަލެއް ހިފައިގެން އާދެ އެވެ.

އެ ވިޑިއޯ ޓްވިޓާގައި ޝެއާކޮށް އެ ޕާޓީގެ ސްލޮޓެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަލީ ޝާމިން ވިދާޅުވެފައިވަނީ، އެއީ އީދު ކުޅިވަރެއް ނޫން ކަމަށެވެ. އަދި އެފަދަ މަލާމާތާއި ފުރައްސާރަކުރުން ހުއްޓުވަން ޖެހޭ ކަމަށާއި ކޮންމެ ބައެއް ކުރި ނަމަވެސް އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޓްވީޓް ރި ޓްވީޓް ކޮށް ޖޭޕީގެ ރަސްމީޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެ ޕާޓީގެ ލީޑަރާއި ލީޑަރުގެ އަނބިކަބަލުންނަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށެވެ.

"މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޖޭޕީން ބުނެފައިވެ އެވެ.

އީދު ކުޅިވަރުގެ ތެރެއިން އެކި ޒާތުގެ މާލި ހައްދައިގެން ރަށު ތެރޭގައި ޕެރޭޑެއްގެ ގޮތުގައި ހިނގުމަކީ ޒަމާނުއްސުރެ ދިވެހީން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މި ފަހުން އެ ޕެރޭޑުތައް ވަނީ ވަރަށް ބޮޑަށް ސިޔާސީ ވެފަ އެވެ.

comment ކޮމެންޓް