ރަންވީރު ވެސް ފިލްމު ޕްރޮޑިއުސްކުރަނީ

އެކްޓަރު ރަންވީރު ސިންހް---

ކާމިޔާބު އެކްޓަރު ރަންވީރު ސިންހް ފިލްމު ޕްރޮޑިއުސްކުރަން ނިންމައި އޭނާގެ އަމިއްލަ ފިލްމު ކުންފުންޏެއް އުފައްދާފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި 2017 ވަނަ އަހަރު ރަންވީރު އާއި އޭނާގެ މަންމަ އަންޖޫ ބަވާނީއާ ގުޅިގެން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައި ރަޖިސްޓާކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޑަކްޝަން ހައުސްއަށް ކިޔާ ނަމަކީ "މާ ކަސަމް ފިލްމްސް" އެވެ. އަދި އެ ކުންފުނިން ފިލްމެއް އުފައްދަން ނިންމައި އެ ފިލްމަކީ ކޮން ފިލްމެއްކަން ވެސް ވަރަށް އަވަހަށް އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އެކްޓަރު ރަންވީރު ފިލްމު ޕްރޮޑިއުސްކުރަން ނިންމިއިރު އޭނާގެ އަންހެނުން ދީޕިކާ ޕަދުކޯން ވަނީ އޭނާ އެންމެ ފަހުން ފެނިގެންދިޔަ "ޗަޕާކް" ފިލްމު ޕްރޮޑިއުސްކޮށްފަ އެވެ. އަދި ކައިވެނީގެ ފަހުން ދެތަރިން އެކުގައި ފެނިގެންދާ ފިލްމު "83" ޕްރޮޑިއުސަރަކީ ވެސް ދީޕިކާ އެވެ.

ބޮލީވުޑްގެ ގިނަ ތަރިންނެއް ފިލްމު ޕްރޮޑިއުސްކުރާއިރު ބަތަލާ އަނުޝްކާ ޝަރްމާ ޕްރޮޑިއުސްކުރާ ފިލްމުތަކަށް ވަރަށް ތާއީދު ބޮޑެވެ. ބަތަލާގެ އިތުރުން ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކްޚާން އަކީ ވެސް ފިލްމު ޕްރޮޑިއުސްކުރާ އެކްޓަރެކެވެ.

comment ކޮމެންޓް