ކޮވިޑްގެ ހާލަތު ގޯސްވާތީ އަޅާނެ އާ ފިޔަވަޅުތައް މިއަދު އިއުލާންކުރަނީ

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު -- ފޮޓޯ: އެޗްއީއޯސީ

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނާތީ، އެކަމާ ގުޅިގެން އަޅާނެ އާ ފިޔަވަޅުތަކެއް މިއަދު އިއުލާން ކުރަން ސަރުކާރުން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ފިޔަވަޅުތައް މިއަދު އިއުލާން ކުރާނީ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މިއަދު ހަވީރު 4:00ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އާންމުކޮށް އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ، ރޭގަނޑު އެވެ.

މިއަދުގެ ޕްރެސްގައި މައުލޫމާތު ދެއްވާނީ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގާއި އެޗްޕީއޭގެ ފަރާތުން އިބްރާހިމް ނިޝާން ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެ، ކޮވިޑް ކޭސްތައް 4،000 އިން މައްޗަށް ވަނީ އަރައިފަ އެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ 129 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިހާރު 1،490 މީހުންނަށް ބައްޔަށް ފަރުވާ ދެމުންދާއިރު 93 މީހުންނަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ.

މިހާތަނަށް މި ބަލީގައި 19 މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ. މިއަދުވެސް މީހަކު މަރުވެފައިވެ އެވެ. އަދި އަތޮޅުތަކުގެ ބައެއް ރަށްރަށުން ވެސް މިހާރު ދަނީ ބަލި ފެންނަމުންނެވެ.

comment ކޮމެންޓް