ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ނަގާ ޖޫރިމަނާ ކުޑަކޮށްފި

އއ. ހަލަވެލީގައި ހިންގާ ކޮންސްޓަންސް ހަލަވެލި ރިސޯޓު ---

ޓޫރިސްތު ރިސޯޓުތަކާއި، ޓޫރިސްޓު ހޮޓާ، ޓޫރިސްޓު ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ބިންބިމުގެ ކުލިން ނަގާ ޖޫރިމަނާ ކުޑަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސް މިއަދު ގެޒެޓްކޮށްފަ އެވެ.

އިސްލާހުގައި ބުނެފައިވަނީ މި ތަންތަނުން ސަރުކާރަށް ކުލި
ދައްކަންޖެހޭ ތާރީހާއި ހަމައަށް ކުލި ނުދައްކައިފިނަމަ، ކުލީގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ 0.0493 ޕަސެންޓް ޖޫރިމަނާގެ ގޮތުގައި ނަގާނެ ކަމަށެވެ.

މީގެ ކުރިން ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ނަގަނީ އަގުގެ 0.5 ޕަސެންޓެވެ.

މިއަދުން ފެށިގެން މި ގަވައިދަށް އަމަލު ކުރަން ފަށާފައިވާއިރު ސަރުކާރުން ދަނީ ޓޫރިސްޓު ހިދުމަތްދޭ ތަންތަނުން ދަައްކަންޖެހޭ ފީތަކަށް ބޮޑެތި ލުއިތަކެއް ދެމުންނެވެ.

އެގޮތުން ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ޖޫން 2021 އިން ފެށިގެން ދެއްކުމަށް ފަސްކުރަން ވަނީ ނިންމައިފައެވެ، މީގެެ އިތުރުން ގެސްޓްހައުސްތަކުގެ ކަރަންޓާއި ފެން ބިލު ދެއްކުން ވަނީ ފަސްކޮށްދީފަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު މިދިޔަ މަހުގެ 15 އިން ފެށިގެން ބޯޑަރު ހުޅުވާލުމާއެކު ޓޫރިސްތުން ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް 1،769 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

comment ކޮމެންޓް