ކޮވިޑް ޖެހިގެން އަނެއްކާ ވެސް ދިވެއްސަކު މަރުވެއްޖެ

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގައި 80 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 19 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ މަރުވީ މިއަދު ހެނދުނު 09:30 ހާއިރު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ކޮވިޑް19 ޖެހިގެން މިހާތަނަށް ރާއްޖެއިން 19 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.

ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ވަނީ ފަށާފަ އެވެ. އިއްޔެ 18:00 އާ ހަމައަށް ރާއްޖެއިން މުޅި ޖުމްލަ 4،293 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތަކަށް ފަރުވާކުރާ މީހުން ހިމެނޭތީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ މިހާރު ބޭރަށް ނުކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

comment ކޮމެންޓް