ކުރިއަށް އޮތް ދެހަފްތާ މާލޭގެ ސްކޫލުތައް ނުހުޅުވަން ނިންމައިފި

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ދެ ހަފްތާ މާލޭގެ ސްކޫލުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މިގޮތަށް ނިންމީ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރަށް ބަލައި އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީދު ބަންދާއި މިޑްޓާމު ބަންދަށް ސްކޫލުތައް ބަންދު ކުރުމަށްފަހު އަލުންް ސްކޫލުތައް ހުޅުވަން ހަމަޖައްސާފައި އޮތީ މިމަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.

"އެހެން ނަމަވެސް ކޮވިޑް19ގެ ހާލަތަށް ރިއާޔަތްކޮށްހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާ އަށް [އޮގަސްޓު ނުވަޔަކުން 19 އަށް] މާލެ ސިޓީގެ ސްކޫލުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭގޮތަށް ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުމަށް މި މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ." މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ދެ ހަފްތާއަށްފަހު މަލެ ސަރަހައްދުގައި ކޮވިޑްގެ ބަލިމަޑުކަން އޮތްގޮތަށްބަލައި މި ނިންމުން މުރާޖައާ ކުރެވޭނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ކޮވިޑް19 އާއި ގުޅިގެން މާޗު މަހުގެ މެދުތެރޭގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު ސްކޫލުތަކުގެ ކިޔެވުން ފެށީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. މާލޭގެ ސްކޫލުތައް ފިޔަވައި އެހެން ރަށްރަށުގެ ސްކޫލުތަކުގައި ގްރޭޑު އެކުަކުން 12 އަށް ކިޔަވައިދިން އިރު، މާލެ ސިޓީގެ ސްކޫލުތަކުގެ ދަރިވަރުންގެ ތެރެއިން ސްކޫލަށް ހާޒިރުވަމުން ދިޔައީ ގްޜޭޑު ނުވަޔަކުން 12 އަށް ކިޔަވާ ދަރިވަރުންނެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމާފައި އޮތީ 16 އޮގަސްޓުން ފެށިގެން މާލޭ ސިޓީގެ ސްކޫލުތަކުގައި ކިޔަވާ ކީ ސްޓޭޖު ތިނެއް (ގްރޭޑު ހަތެއް އަދި އަށެއް) ގެ ދަރިވަރުންވެސް ސްކޫލަށް ހާޒިރުވާން ޖެހޭގޮތަށެވެ.

މާލޭގެ ސްކޫލުތައް އީދު ބަންދަށް ފަހު ނުހުޅުވާގޮތަށް ނިންމައި، އެޑިޔުކޭޝަނުން ނެރުނު ބަޔާނުގައި ބުނީ ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައިވެެސް މުހިއްމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ. އަދި ސްކޫލަށް ހާޒިރުވެގެން އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން ގޮތަކުން ލިބިދެވޭނެ ފައިދާއެއް ނޫން ކަމަށާއި ނަމަވެސް މިނިސްޓްރީ އިން އަބަދުވެސް އެންމެ އިސްކަން ދެނީ ދަރިވަރުންގެ ސިއްހަތަށް ކަމަށްވާތީ، ކޮވިޑް19ގެ މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ދަރިވަރުން އާއިލާ އާއެކު ގޭގައި ތިބުން ކަމަށެވެ.

ގޭގައި ތިބޭއިރުވެސް އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޑިއުކޭޝަނުން އިލްތިމާސްކުރެ އެވެ. އެ މިނިސްޓްރީ އިން ވަނީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި މި ދަތި ދަނޑިވަޅިގައިވެސް ބެލެނިވެރިންނާއި މުދައްރިސުން ކުރަމުންދާ މަަސައްކަތް ފާހަގަކޮށްފަ އެވެ.

މާލޭގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލަން ނިންމި އިރު ފާއިތުވި ދެ ހަފްތާ ތެރޭ މާލެ ސަހަރައްދުގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

comment ކޮމެންޓް