މޮރަންޑީ ބްރިޖު ވެއްޓުން: ދެ އަހަރު ފަހުން އިޓަލީން ޖެނޯއާގެ އާ ބްރިޖު ހުޅުވައިފި

މީގެ ދެ އަހަރު ކުރިން ވެއްޓުނު އިޓަލީގެ މޮރަންޑީ ބްރިޖުގެ ބަދަލުގައި އެޅި ބްރިޖު ރޭ ވަނީ ހުޅުވާލާފަ -- ފޮޓޯ: އީޕީއޭ

ޖެނޯއާ (އޮގަސްޓު 4): އިޓަލީގެ ޖެނޯއާ ސިޓީގައި ހުރި މޮރަންޑީ ބްރިޖު މީގެ ދެ އަހަރު ކުރިން ވެއްޓުނު ފަހުން އެ ސަރަހައްދުގައި އެޅި އާ ބްރިޖު ރޭ ހުޅުވާލައިފި އެވެ.

ޖެނޯއާ ސެއިންޓް ޖޯޖްގެ ނަން ދީފައިވާ އެ އާ ބްރިޖު ހުޅުވާ ދެއްވީ އިޓަލީގެ ބޮޑުވަޒީރު ޖުޒެޕޭ ކޮންޓޭ އެވެ. އަދި އޭގެ ފަހުން ފުރަތަމަ ބްރިޖު ހުރަސް ކުރެއްވީ ރައީސް ސާޖިއޯ މަތަރެއްލާ އެވެ.

އެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި، މޮރަންޑީ ބްރިޖު ވެއްޓުމުގެ ސަބަބުން މަރުވި 43 މީހެއްގެ ހަނދާނުގައި ސުކޫތެއް ގެނަ އެވެ. އަދި އިޓަލީގެ ދިދައިގެ ކުލަތައް ދައްކުވައިދިން ޖެޓުތަކެއް ބްރިޖު މަތިން އުދުހުނެވެ.

އެ ބްރިޖު ހުޅުވުމުގެ ކުރިން ބޮޑުވަޒީރު ކޮންޓޭ ވަނީ އިޓަލީއަކީ ބަދަލުވަމުންދާ ގައުމެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ ބްރިޖުން ގައުމުގެ މިހާރާއި ކުރިމަގު ވެސް ދައްކުވައިދޭ ކަމަށް ވިދާޅުވެފަ އެވެ.

ޖެނޯއާ ސެއިންޓް ޖޯޖް ބްރިޖު ރޭ ވަނީ ހުޅުވާލާފަ -- ފޮޓޯ: އީޕީއޭ

"މިއަދަކީ މުހިއްމު ދުވަހެއް، ބަދަލުވަމުންދާ ގައުމެއްގެ މިހާރާއި ކުރިމަގު ދައްކުވައިދޭ ދުވަހެއް،" ފޭސްބުކް މެދުވެރިކޮށް ކޮންޓޭ ވިދާޅުވި އެވެ.

އެ ބްރިޖު މިއަދު ނުވަތަ މާދަމާ އާއްމުންނަށް ހުޅުވާލާނެ ކަަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިޓަލީ އާއި ފްރާންސު ގުޅުވައިދޭ ހައިވޭ ނިޒާމުގެ މުހިއްމު ބަޔެއް ކަމަށްވާ މޮރަންޑީ ބްރިޖު ހުޅުވީ 1967ގައި އެވެ. އަދި އެ ބްރިޖު ވެގެން ދިޔައީ ޖެނޯއާގެ ބަނދަރުން މުދާ ބަދަލުކޮށް، ފަތުރުވެރިން ދަތުރު ކުރާ އެގައުމުގެ އެންމެ ބާރުބޮޑު އެއް ބްރިޖަށެވެ.

މޮރަންޑީ ބުރިޖު ހުޅުވި އިރު އެއީ ފެންވަރު ރަނގަޅު ބުރިޖެއްކަން ގިނަ ބަޔަކު ފާހަގަ ކުރި ނަމަވެސް، އެ ބްރިޖު ބެލެހެއްޓުމާ ހަވާލުވި އޮޓޯސްޓްރޭޑް ކުންފުނިން މަސައްކަތުގައި އިހުމާލުވި ކަމަށް ތަހުގީގަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން ބްރިޖު ބެލެހެއްޓުމުގެ ހަރަދުތައް ކުޑަ ކުރަން މަސައްކަތް ކުރުމާއި ބްރިޖުގެ ރައްކާތެރިކަމާ ބެހޭ ރިޕޯޓުތަކުގައި ދޮގު ހަދާފައިވާ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފަ އެވެ.

މޮރަންޑީ ބްރިޖު ވެއްޓުނު ހާދިސާގައި 43 މީހަކު މަރުވި -- ފޮޓޯ: ނިއު ޔޯކް ޓައިމްސް

ސާދަ އޮގަސްޓު 2018ގައި މޮރަންޑީ ބްރިޖު ވެއްޓުނީ ޖެނޯއާގެ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހެމުން ދަނިކޮށެވެ. އެގޮތުން ބްރިޖު ހިފަހައްޓަން ހަދާފައި ހުރި ޓަވަރެއް ވެއްޓި، އެއާ އެއްކޮށް ބްރިޖުގެ 600 ފޫޓުގެ ސަރަހައްދެއް އޭގެ ތިރީގައި ހުރި އިމާރާތްތަކުގެ މައްޗަށް ވެއްޓުނެވެ. އެހާދިސާގައި 43 މީހަކު މަރުވުމުގެ އިތުރުން 16 މީހަކަށް އަނިޔާވި އެވެ. އަދި އެ ސަރަހައްދުގައި ހުރި ގެތަކުން އެތައް ސަކޭތަ މީހުން ބަދަލު ކުރަން ޖެހުނެވެ.

އޭގެ ފަހުން މިދިޔަ އަހަރު ބްރިޖުގެ ބާކީ ބައި ވަނީ ތަޅާފަ އެވެ. އަދި ޖެނޯއާއަށް އުފަން މަޝްހޫރު އާކިޓެކްޓް ރެންޒޯ ޕިއާނޯގެ ޑިޒައިނަކަށް އާ ބުރިޖު އަޅަން ފެށި އެވެ. އަދި ދިގު މިނުގައި އެއް ކިލޯ މީޓަރު ހުންނަ އެ ބްރިޖު އެޅުމުގެ މަސައްކަތް ކޮރޯނާވައިރަސް ފުރަބަންދު ތެރޭގައި ވެސް ކުރިއަށް ގެންދިޔަ އެވެ.

އެ ބްރިޖު އެޅުމަށް 200 މިލިއަން ޔޫރޯ (220 މިލިއަން ޑޮލަރު) ހަރަދުވި އެވެ. އަދި ވެއްޓުނު ބްރިޖުގެ ބާކީ ބައި ތަޅާލުމަށް 90 މިލިއަން ޔޫރޯ (98 މިލިއަން ޑޮލަރު) ހަރަދުވި އެވެ.

މޮރަންޑީ ބްރިޖު ވެއްޓުނު މައްސަލާގައި އޮޓޯސްޓްރޭޑް އާއި އިޓަލީގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް އޮފިޝަލުންގެ މައްޗަށް ތުހުމަތުކޮށް، ތަހުގީގު ދަނީ ކުރިއަށްގެންދަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް