ކުރިއަށް އޮތް ތިން ދުވަހު ސަރުކާރު އޮފީސްތައް ބަންދުވާނެ: ރައީސް އޮފީސް

ސަރުކާރުގެ ބައެއް އޮފީސްތައް ހުންނަ ވެލާނާގެ

ކުރިއަށް އޮތް ތިން ދުވަހު ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އީދާ ގުޅިގެން ސަރުކާރު ބަންދުކުރުމަށްފަހު އަލުން ހުޅުވުމަށް ނިންމާފައިވަނީ މާދަމާއަށެވެ. އެހެންނަމަވެސް މާދަމާއިން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފައިވާ މުއްދަތުގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިޔުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

އެ މުއްދަތުގައި އޮފީހުން 17 އޭޕްރިލްގައި ހާމަކުރި ދެންނެވުމާއި 20 އޭޕްރިލްގެ ދެންނެވުމާ އަންގާފައިވާ ގޮތައް އަމަލުކުރުމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ދެންނެވުމުގައި ހާމަކޮށްފައިވަނީ ގޭގައި މަޑުކޮށްގެން ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ ގޮތްތައް ހަމަޖެއްސުމެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށް އަލުން ފުރަބަންދަކަށް ގެންދިޔުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން އިއްޔެއާ ހަމައަށްވެސް ރާއްޖެއިން މިހާތަނަށް ކޮވިޑް19 ޖެހުނު މީހުންގެ ޖުމްލަ ވަނީ 4،000 އަށްވުރެ މައްޗަށް އަރާފައެވެ.

އެގޮތުން ބަލި ޖެހުނު މީހުންގެ ތެރޭގައި 2،085 ދިވެހިން ހިމެނެއެވެ. ދެން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން މިހާތަނަށް ބަންގްލަދޭޝްގެ 1،665 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

ދެން ހިމެނެނީ 294 އިންޑިއާ މީހުންނާއި، 48 ނޭޕާލް މީހުންނާއި، ލަންކާގެ 37 މީހުންނާއި، އިޓަލީގެ 11 މީހަކާއި ފިލިޕީންސްގެ ފަސް މީހަކާއި އެހެން ގައުމުތަކުގެ 19 މީހެކެވެ.

comment ކޮމެންޓް