މަޖިލިސް އޮންލައިންކޮށް ގެންދަން ޝަރީފް ގޮވާލައްވައިފި

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ކޮވިޑް-19 ވައިރަސްގެ ކޭސްތައް އިތުރުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މުޅި ރާއްޖެއަށް ފެތުރެމުންދާއިރު މިދުވަސްވަރު މަޖިިލިސް ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ގޮވާލާފައިވާއިރު އީދު ޗުއްޓީއަށް ޖަލްސާތައް މެދުކަނޑާލުމަށް ފަހު މާދަމާ އަލުން ޖަލްސާތައް ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.

މާދަމާގެ ހެނދުނު 09:00 ޖަހާއިރު މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ އިރު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ.

މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ޓެކްސް އެޕީލް ޓްރިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަނުކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާށެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ދަނީ މިހާރު އިތުރުވަމުންނެވެ. އެގޮތުން ރޭގައި އެކަނިވެސް ރާއްޖެއިން ކޮވިޑް-19 އަށް 215 މީހަކު ޕޮޒިޓިވް ވެފައެވެ. ރާއްޖޭގައި ރެކޯޑު އަދަދަކަށް އިއްޔެ ވައިރަސް އަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވާއިރު މާލޭގެ އިތުރުން ކޭސްތައް ދަނީ ރަށްރަށުން ވެސް ފެންނަމުންނެވެ. ރާއްޖޭގައި ކޮވިޑް-19 ވައިރަސް ޖެހިގެން މިހާރު ވަނީ 18 މީހަކު މަރުވެފަ އެވެ.

comment ކޮމެންޓް