ކުޅުންތެރިން މޫނަށް ކެއްސާނަމަ ރަތް ކާޑު ދައްކަން ފާސްކޮށްފި

އަންނަ ސީޒަނުން ފެށިގެން ގަސްތުގައި ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއް ގަޔަށް ކެއްސައިފި ނަމަ ނުވަތަ ކުޅު ޖަހައިފި ނަމަ ރަތް ކާޑު ދެއްކޭ ގޮތަށް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

ކޮވިޑް19 އަށް ފަހު ނިއު ނޯމަލްއެއްގައި ގައުމުތަކުން ލީގުތައް އަލުން ފަށަމުންދާ އިރު ކުރިން ހުރި ބައެއް ގަވާއިދުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ގައިދުރު ކުރުމާއި ޕްރެކްޓިސްތައް ކުރުމުގައި ގްރޫޕްތައް ވަކިވަކިން ތަމްރީން ކުރުމުގެ އިތުރުން މެޗުތައް ކުޅޭ އިރު ސަޕޯޓަރުން ވެސް ވަނީ ނުވައްދަން ނިންމައިފަ އެވެ.

މީގެ އިތުރުން މެޗުތަކުގައި ފަސް ބަދަލު ކުރެވޭ ގޮތަށް ބަދަލު ކޮށްފައިވާ އިރު ކޮންމެ މެޗެއްގައި ވެސް ދެ ފަހަރަށް ކޫލިންގް ބްރޭކެއް ވެސް ވަނީ ނަގަން ފަށައިފަ އެވެ. މި ބަދަލުތައް ކުރިއަށް އޮތް ސީޒަނުގައި ވެސް ގެންގުޅުމަށް ގައުމުތަކުގެ ފުޓުބޯޅަ އެސޯސިއޭޝަންތަކުން ނިންމާފައިވާ އިރު އަންނަ ސީޒަނުން ފެށިގެން ކުޅުންތެރިއެއް ގަޔަށް ކެއްސުމަކީ ވެސް ކާޑެއް ލިބޭ ވަރުގެ ކުށެއް ކަމަށް މިހާރު އިނގިރޭސި އެފްއޭ އިން ވަނީ ނިންމައިފަ އެވެ.

"މެޗު ކުޅެމުންދާ ވަގުތު އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއެއް ގަޔަށް ގަސްތުގައި ކެއްސި ކަމަށް ރެފްރީއަށް ފެނިއްޖެ ހާލަތެއްގައި އެކުޅުންތެރިއަކަށް ރީންދޫ ކާޑު ނުވަތަ ރަތް ކާޑު ދެއްކުމުގެ ބާރު ރެފްރީއަށް ލިބިގެންވޭ." އެފްއޭއިން އަލަށް އެކުލަވާލި ގަވާއިދުގެ ގައިޑްލައިންގައި ބުނެފައިވެ އެވެ.

ގައިޑްލައިންގައި އިތުރަށް ބުނެފައި ވަނީ، ގަސްތުގައި ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއް ގަޔަށް ކެއްސުން ކުށެއް ކަމަށް ހަދާފައިވާ އިރު އެ ގަވާއިދު ވަންނާނީ ހުތުރު ބަހުން މުހާތަބު ކުރުމުން އަދަބު ލިބޭ ކެޓަގަރީއަށް ކަމަށެވެ.

މި ގަވާއިދު ތަންފީޒް ކުރުމަށް ކުލަބުތަކުގެ ތާއީދު ވެސް ލިބިފައިވާ އިރު ގަވާއިދު ރަސްމީކޮށް ބަލައިގަންނާނީ މި މަހުގެ ހަ ވަނަ ދުވަހު އިނގިރޭސި ޓޮޕް 20 ކުލަބުގެ މެނޭޖްމެންޓާ އެކު ބާއްވާ ބައްދަލުވުމަށް ފަހު ކަމަށް އެފްއޭއެ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް