މަރުވި ޔަމަން މީހާ އަދިވެސް ވަޅެއް ނުލާ

ޔާސިރު ޔަހުޔާ ސޯލިހު: --

އިއްޔެ ހަވީރު މަރުވި ޔަމަންގެ ޔާސިރު ޔަހްޔާ އަދިވެސް ވަޅެއް ނުލަ އެވެ.

ދިވެއްސަކާ ކައިވެނިކޮށް ކުޑަކުއްޖެއް ވެސް ހުންނަ ޔާސިރު މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. ރާއްޖޭގެ ގަނޫނޫ ހިލާފުވި ކަމަށްބުނެ ޑީޕޯޓްކުރެވެންދެން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ހުރި ޔާސިރު މަރުވީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދަނިކޮށް ހާލު ދެރަވެ ސްޓްރޯކެއް ޖެހިގެންނެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ޔާސިރުވަޅުނުލެވިގެން އުޅެނީ އޭނާގެ ޕޭޕާވޯކް އާއި އެހެނިހެން މަސައްކަތްތައް ނުނިމިގެން ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްއިން ވެސް ބައެއް ކަންތައްތައް ފުރިހަމަ ކުރަން ޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޔާސިރު އެންމެ ފަހު ދުވަސްވަރު އޭނާ ގޭ ބަންދަށް ވަގުތީ ގޮތުން ބަދަލުކުރަން ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރު ނެރެދެވެން ނެތް ކަމަށެވެ. ޔާސިރުގެ މެރިޖު ވިސާ ކެންސަލްކޮށް ޑީޕޯޓްކޮށްލަން ނިންމުމުން އެކަމާ ދެކޮޅަށް އޭނާގެ ފަރާތުން ސިވިލްކޯޓުގައި ދައުވާ ވެސް ކުރި އެވެ.

އޭނާ ހައްޔަރުކުރީ 2017 ވަނަ އަހަރު އެވެ. ޔާސިރުގެ މަރާ ގުޅޭ ގޮތުން އިމިގްރޭޝަން، ކަރެކްޝަންސް އަދި ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ އޭނާ އަކީ އަލްގައިދާ އަށް ނިސްބަތްވާ އެ ޖަމާއަތުގެ ތަމްރީމްތައް ހަދާފައިވާ އިސް މީހެއް ކަމަށެވެ. އަދި މީގެ ކުރިން އޭނާ ޑީޕޯޓް ކުރަން މަސައްކަތް ކުރުމުން އޭނާގެ ޕާސްޕޯޓްނެތުމާއި އެކަމުގައި އޭނާގެ އެއްބާރުލުން ނުލިބުނު ކަމަށް ވެސް ބުނެފައިވެ އެވެ.

ޔާސިރު ހައްޔަރުކުރި އިރު އޭނާ ދިޔައީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް