ފްލެޓް ކޮމިޓީގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ، މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފި

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް --

މިދިޔަ ސަރުކާރުގައި ފްލެޓް ދިނީ ރަނގަޅަށްތޯ ބެލުމަށް އެކުލަވާލި ފްލެޓް ކޮމިޓީގެ މުވައްޒަފުން ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެ ކޮމިޓީގެ މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިއްޖެ އެވެ.

ކޮމިޓީންގެ މަސައްކަތްތައް ލަސްވުމާ ގުޅޭ ގޮތުން އެ ކޮމިޓީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، މިދިޔަ ހަފްތާ އަންގާރަ ދުވަހު ކޮމިޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެއާ އެކު އެހެން މުވައްޒަފުން ވެސް ކަރަންޓީން ކުރަން ޖެހި، ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށް ޓަކައި ކޮމިޓީގެ ބައެއް މަސައްކަތްތައް މެދުކަނޑާލަން ޖެހުނު ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އިއްޔެ އިތުރު މުވައްޒަފަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"އިތުރު މުވައްޒަފަކު ކޮވިޑަށް ފައްސިވެފައިވާތީ، 14 ދުވަހުގެ މުއްދަތަށް، ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި ކަރަންޓީންވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގަވާފަ އެވެ." ފްލެޓް މައްސަލަ ބަލާ ކޮމިޓީގެ ބަޔާނުގައި ބުންޏެވެ.

ކުރިން ކޮމިޓީން ނިންމާފައި ވަނީ، ޖުލައި މަހު ފަހުކޮޅު ނުވަތަ އޮގަސްޓް މަހު ކުރީކޮޅު ބައެއް ކެޓަރީތަކުގެ ލިސްޓުތައް އާންމު ކުރުމަށެވެ.

ބަޔާނުގައި ބުނީ، މުވައްޒަފުން ޕޮޒިޓިވްވެ މަސައްކަތް ހުއްޓާލަން ޖެހުމުގެ ސަބަބުން، ލިސްޓުތައް އާންމު ކުރުން ލަސްވެގެން ދާނެ ކަމަށެވެ.

ނަމަވެސް ދެން ލިސްޓު އާންމު ކުރާނެ ތާރީހެއް ކޮމިޓީ އަކުން ނުބުނެ އެވެ.

ކޮމިޓީން ނިންމާފައި ވަނީ ފުރަތަމަ ތިން ކެޓަގަރީގެ ލިސްޓު އާންމު ކުރުމަށެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ (H4)، ޓީޗަރުންގެ ކެޓަގަރީ (H5)، އަދި މާލޭ ރަށްވެހިންގެ ކެޓަގަރީ (H8)ގައި ފްލެޓް ލިބޭ މީހުންގެ ލިސްޓު އެކުލަވާލުމަށެވެ.

އެންމެ ފުރަތަމަ އާންމު ކުރަން ނިންމި ތިން ކެޓަގަރީއެއްގެ މަސައްކަތް ގޮސްފައިވާ ހިސާބު ވެސް ކޮމިޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ ތިން ކެޓަގަރީން 5،290 މީހުންގެ ތެރެއިން 25 މީހުން ފިޔަވައި އެންމެންގެ ފިޒިކަލް ވޭރިފިކޭޝަން ފުރިހަމަވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ. އެ 25 މީހުންނަކީ، މާލެއިން ބޭރުގައި އުޅޭ މީހުންކަން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފިޒިކަލް ވޭރިފިކެޝަން އަކީ، ފްލެޓް ލިބޭ މީހުންގެ ތެރެއިން ކޮމިޓީގެ ބޭފުޅުން އެމީހެއް ދިރިއުޅޭ ތަނަކަށް ޒިޔާރަތްކޮށް، ދިރިއުޅޭ ތަނުގެ ހާލަތު ބަލައި، ޕޮއިންޓް ދީފައިވަނީ ރަނގަޅަށްތޯ ޔަގީން ކުރުމެވެ.

ކޮމިޓީގެ ބަޔާނުގައި ބުނީ، ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މިހާރު ވަނީ ނިމިފައިވާ ކަމަށްވެ. އަދި H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް މިހާރު ފަށާފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ، މިހާތަނަށް އެކި ކެޓަގަރީތަކުން ޖުމްލަ 1،2013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލައި ނިމިފައިވާ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތް އަލުން ފެށުމާ އެކު، ލިސްޓުތައް އާންމު ކުރާނެ ތާރީހެއް އާންމު ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ހިޔާ މަޝްރޫގެ ދަށުން އަޅަން ނިންމި 7،000 ހައުސިން ޔުނިޓަށް ރައީސް ޔާމީންގެ ސަރުކާރު ނިމުމުގެ ކުރިން ފްލެޓް ލިބުނު މީހުންނަށް ލިޔުން ވެސް ހަވާލު ކުރި އެވެ. ނަމަވެސް އެ ފްލެޓްތައް ދިނީ އިންސާފުރިކޮށް ނޫން ކަމަށާއި، ފްލެޓްތައް ދިނީ ސިޔާސީ ނުފޫޒުން ކަމަށް އޭރުގައި އިދިކޮޅުގައި ތިބި ފަރާތްތަކުން ތުހުމަތު ކުރި އެވެ.

ހިޔާ މަޝްރޫގެ ހިޔާ ފްލެޓް މަޝްރޫއުގެ ދަށުން މިހާރު ހަދާ ނިމިފައި ވަނީ 6720 ފްލެޓް އެވެ.

ޖުމްލަ 13 ކެޓަގަރީއަކުން ފްލެޓް ދޭ ގޮތަށް އިއުލާން ކުރި "ހިޔާ" މަޝްރޫއިން ފްލެޓް ހޯދަން ހުށަހަޅާފައިވާ 25،000 ވަރަކަށް ފޯމެވެ. ފްލެޓް ކޮމިޓީން ނިންމާފައި ވަނީ، އެ އެންމެގެ ދިރިއުޅުމުގެ ހާލަތު އަލުން ބެލުމަށެވެ. މީގެ ކުރިން ސަރުކާރުން ބުނެފައި ވަނީ، އަންނަ ސެޕްޓެމްބަރު މަހު ފުލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް