ބޮލްސޮނާރޯއަށް ތާއިދު ކުރާ 12 ފޭސްބުކް އެކައުންޓެއް ބްލޮކްކޮށްފި

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ -- ފޮޓޯ: ރޮއިޓާސް

ބްރެޒިލިއާ (އޮގަސްޓު 2): ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް ތާއިދު ކުރާ ބަޔެއްގެ 12 ފޭސްބުކް އެކައުންޓެއް އެގައުމުގެ ކޯޓު އަމުރެއްގެ މަތިން ބްލޮކްކޮށްފައިވާ ކަމަށް ފޭސްބުކުން ބުނެފި އެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓު ފަނޑިޔާރު އެލެގްޒެންޑްރާ ޑި މޮރައެސް ފޭސްބުކުގެ 12 އެކައުންޓަކާއި ޓުވިޓާގެ 16 އެކައުންޓެއް ބްލޮކް ކުރަން މިދިޔަ މެއި މަހު އެންގެވީ، ސޯޝަލް މީޑިއާ މެދުވެރިކޮށް އެކޯޓުގެ ފަނޑިޔާރުންނަށް އިންޒާރުދީ، ފޭކު ހަބަރު ފެތުރުމަށް ހަދާފައިވާ ނެޓްވޯކަކާ ބެހޭ ގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ޓުވިޓާ އާއި ފޭސްބުކުން އެ އެކައުންޓުތައް ފުރަތަމަ ބްލޮކް ކުރީ ބްރެޒިލްގައި އެކަނި ކަމުން ފަނޑިޔާރު މޮރައެސް ވަނީ ބޭރުގެ އައިޕީ އެޑްރެސްތަކުން އެ އެކައުންޓުތަކަށް ވަދެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އަމުރަށް ފުރިހަމައަށް ބޯލެނބުން ނޫން ކަމަށާއި އެހެންކަމުން ފޭސްބުކުން ޖޫރިމަނާގެ ގޮތުގައި 367,710 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ހުކުރު ދުވަހު ވިދާޅުވެފަ އެވެ. ނަމަވެސް ޓުވިޓާއިން ވެސް ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށް މޮރައެސް ފާހަގަ ނުކުރައްވަ އެވެ.

އޭގެ ފަހުން ފޭސްބުކުން ވަނީ ބްރެޒިލްގައި ހުރި އެކުންފުނީގެ މުވައްޒަފަކު ކުށުގެ ޒިންމާ ނަގަން ޖެހިދާނެތީ ކޯޓުގެ އަމުރަށް ތަބާވެ، އެ 12 އެކައުންޓު ގައުމުން ބޭރުގައި ވެސް ބްލޮކް ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ފޭސްބުކުން ވަނީ އެއީ ބްރެޒިލްއިން ބޭރުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށާއި އެއީ ދުނިޔޭގެ ގާނޫނުތަކާ ފުށޫ އަރާ ކަމެއް ކަމަށް ސިފަކޮށްފަ އެވެ. އަދި އެކުންފުންޏާއި ޓުވިޓާއިން ވެސް ވަނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ހަފްތާގައި ބޮލްސޮނާރޯ ވަނީ އެ އެކައުންޓުތައް 'އަންބްލޮކް' ކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

އެ އެކައުންޓުތަކުގެ ތެރޭގައި ބްރެޒިލްގެ ސަރުކާރުގެ ނުވަތަ ސަރުކާރާ ގުޅުން ހުރި އެކައުންޓެއް ނުހިމެނެ އެވެ. ނަމަވެސް އެ ހުރިހާ އެކައުންޓެއް ވެސް ހިންގަނީ ބޮލްސޮނާރޯއަށް ތާއިދު ކުރާ މީހުންނެވެ.

comment ކޮމެންޓް