މީރާއަށް 10 އަހަރު: ކުރު މުއްދަތެއްގެ ތެރޭގައި ޒަމާނީ ޓެކުހުގެ ނިޒާމެއް

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ޓެކުހުގެ ނިޒާމަކީ ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ނިޒާމެއް ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެ އެވެ.

މީރާގެ 10ވަނަ އަހަރީ ދުވަހާ ގުޅިގެން ޓެކްސް ކޮމިޝަނަރު ފަތުހުﷲ ވިދާޅުވީ މީރާގެ 10ވަނަ އަހަރީ ދުވަހާ ބައްދަލުވީ ރާއްޖެއާއި މުޅި ދުނިޔެވެސް ކޮވިޑް19 ސިއްހީ ކާރިސާގެ ތެރޭގައި ވަނިކޮށް ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ހުއްޓި، މާލެ ފުރަބަންދުގެ ހާލަތަށް ގެނެސް، ދަތުރުފަތުރު ކުރުން ބޮޑުތަނުން މަދުވިކަން ފާހަގަކުރައްވައި ފަތުހުﷲ ވިދާޅުވީ މިކަންކަމުގެ އަސަރު ވިޔަފާރިތަކަށާއި އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށެވެ.

އެއާއެކު މި ދަތި ހާލަތުން އަރައިގަތުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް މީރާއިން އެހީތެރިވެދީ، ގާނޫނުގެ ތެރެއިން ޓެކްސްގެ ނިޒާމުން ލުއިތައް ދިން ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

އެގޮތުން ފުރަބަންދުގެ ދުވަސްވަރަކީ މަސައްކަތް ކުރަން ދަތި ދުވަސްވަރަކަށް ވުމާއެކު ޓެކުހާ ގުޅޭ ހުރިހާ ސުންގަޑިތަކެއް ފަސްކޮށްދީ، އެއްފަހަރާ ފައިސާ ދައްކަން ދަތި ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ދިން ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

މީގެ އިތުރުން ޓެކްސް ނުދެއްކޭ ފަރާތްތަކާ މެދު އަޅަމުންދިޔަ އެންފޯސްމަންޓް ފިޔަވަޅުތައް މަޑުޖައްސައި، ޓެކުހާގުޅޭ ޖޫރިމަނާ ވެސް މާފުކޮށްދިނުމުގެ އިތުރުން ވިޔަފާރިތަކަށް ކަންކަން ފެސިލިޓޭޓު ކޮށްދިނުން އިތުރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

އިގްތިސާދީ ހީނަރުކަމުގެ އަސަރަކީ ވިޔަފާރިތަކާ އެއްގޮތަށް އާންމުންނަށާއި ދައުލަތަށް ވެސް ކުރާނެ އަސަރެއް ކަން ފާހަގަކުރައްވައި ފަތުހުﷲ ވިދާޅުވީ ޒިންމާދާރުކަމާއެކު އެބައެއްގެ ވާޖިބު އަދާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ހާލަތުގެ ބޭނުން ނޭދެވޭ ގޮތުގައި ހިފައި، ޓެކުހަށް މަކަރު ހެދުން ފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި އެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.

ރާއްޖޭގެ ޓެކުހުގެ ނިޒާމު ވަށާޖެހޭ ނިޒާމަކަށް ހެދުމުގެ މަގްސަދުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ތަސްދީގުކޮށް، މިއަހަރުގެ ފެށިގެން އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށާފަ އެވެ.

ފަތުހުﷲ ވިދާޅުވީ ޓެކްސްގެ ނިޒާމަށް ގެނުވުނު މި ބަދަލާއެކު މި ނިޒާމުގައި މިހާރު ހުރިހާ އާމްދަނީއެއްވެސް ހިމެނި، ވަށާޖެހޭ ނިޒާމަކަށް މި ނިޒާމު ވެފައިވާ ކަމަށެވެ. އަދި މި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަން މީރާއަށް ލިބުނީ މިފަދަ މަސައްކަތަކާ އަޅާބަލާއިރު ވަރަށް ކުރު މުއްދަތެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މީރާއަށް 10 އަހަރު ފުރި، 11ވަނަ އަހަރަކަށް ކުރިމަތިލާއިރު، ކާމިޔާބު މުއައްސަސާއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް މީރާގެ މުވައްޒަފުންކުރަމުންދާ މަސައްކަތާއި ޓެކްސް ދައްކާ ފަރާތްތަކާއި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފަތުހުﷲ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި މީރާގެ އަހަރީ ދުވަހުގެ ތަހުނިޔާ އެންމެހައި މުވައްޒަފުންނާއި ޓެކްސް ދައްކާ ފަރާތްތަކަށް އަރިސްކުރެއްވި އެވެ.

comment ކޮމެންޓް