ރާއްޖޭގެ ހާލަތު ނާޒުކު ވަނީ، އެނދުމަތި ކުރާނެ ތަނެއް ނެތިދާނެ!

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހަފްތާއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19ގެ ރޯގާ ޖެހި، ރާއްޖެއިން މި ވަނީ ދެ ދިވެއްސަކު މަރުވެފަ އެވެ. އެ ދެ ދިވެހިން ވެސް މަރުވެފައި ވަނީ، ނޭވާލާން އުނދަގޫ ވެގެން ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ނުވަނީހެވެ. ޓެސްޓް ހެދުމުން އެނގުނީ އެ ދެ މީހުނަށް ވެސް ކޮވިޑް ޖެހިފައިވާ ކަމެވެ. ކޮވިޑް-19 ގެ މިދެ މަރު އައިގޮތުން ވެސް މި ބަލީގެ ނުރައްކާ މާލެ ތެރޭ އޮތްވަރު ނިކަން ރަނގަޅަށް ބުނެދެ އެވެ. މީގެ އިތުރަށް މާލެއިން ގޮސް، ރަށްރަށުގައި ކަރަންޓީނުވާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދުވެސް އަންނަނީ ގިނަަވަމުންނެވެ. އެގޮތުން މާލެ ފިޔަވާ 10 ރަށަކުން ކޮވިޑް ބަލީގެ މީހުން ވަނީ ފެނިފަ އެވެ.

މި ހުރިހާ ކަމަކުން ބުނެދެނީ ކޮން ކަމެއް ހެއްޔެވެ؟

ކޮވިޑް ބައްޔަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އިސް ޑޮކްޓަރުން މި ހާރު ބަލި ފެތުރެމުންދާ ހާލަތް ސިފަކުރައްވަނީ އެލާމިންގް ލެވަލައަކަށް ގޮސްފައިވާ ކަމެވެ. އަދި މިހާރު ކޭސްތައް ފެންނަ އަދަދާ ބަލައި ކުރިއަށް އޮތްތަނުގައި އެ އަދަދު މާ ގިނަވެގެން ދާނެ ކަމަށް އޮޕިޑޮމިލޮޖިސްޓުން އަންނަނީ އިންޒާރު ކުރައްވަމުންނެވެ. ސުވާލަކީ މިހާރު ބަލި ފެތުރޭ މިންވަރަށް ބަލާއިރު މިހާރު ހުރި ފިޔަވަޅުތަކުން ކޮވިޑް މައިތިރި ކުރެވިދާނެ ހެއްޔެވެ؟

މިހާރު ދުވާލެއް ތެރޭ ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. އެއީ ޓެސްޓް ކުރާވަރަށް ބަލާއިރު ގިނަ އަދަދެކެވެ. އަދި ކުރިއަށް އޮތްތަނުގައި މީހުން މިހާރު މި އުޅޭ ގޮތަށް ބަލާނަމަ، ކޭސްތައް އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރުން ލަފާކުރައްވަ އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ، 1،305 އެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ "ސަން"އަށް ވިދާޅުވީ މިހާރު ކޭސްތައް އިތުރުވަމުން މި ދަނީ، މީގެ ދެ ހަފްތާކުރިން އާންމުންގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެ އުޅެވޭ ވަރު ގިނަވުމާއި، ރައްކާތެރި ކަމުގެ ފިޔަވަޅުގެ ގޮތުން ރަނގަޅަށް މާސްކު އެޅުމާއި އަތް ދޮވުމަށް ސަމާލުކަން ނުދިނުމަކީ، މިހާރު މިފެންނަ ކޭސްތައް ގިނަވާ ސަބަބެއް ކަމަށެވެ.

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގެދަރިންގްސްތައް ވެސް ގިނަވަނީ. ޕާޓީތައްވެސް އެބަ ގިނަވޭ. ހާއްސަކޮށް އަމިއްލަ ފެމިލީގެ ތެރޭގައި ވެސް ޕާޓީ ވަނީ. ހަމަ މީހުން ގިނަވެއްޖެއްޔާމު އެކި ތަންތަނުން ދާ މީހުން ތިބޭނީ. އެހެންވީމަ ގެދަރިންގްސްތައް އަމިއްލަ ގޭގައިވެސް ނުބޭއްވުން މުހިންމު." ޑރ މުހައްމަދު އަލީ ވިދާޅުވި އެވެ.

އެންމެ ގިނަ އަދަދަކަށް ކޮންޓެކްޓްވި މީހުން ފެނިފައިވަނީ އޮފީސް މާހައުލުން ކަމަށް ނިމިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ މުސްތަފާ ވިދާޅުވި އެވެ. އެގޮތުން ޖުލައި މަހުގެ އެއްވަނަ ދުވަހުން 28 ވަނަ ދުވަހާ ހަމައަށް ޕޮޒިޓިވްވީ މީހުންނާ އޮފީސްތަކުން ކޮންޓެކްޓް ވީ މީހުންގެ އަދަދު 655 އަށް އަރަ އެވެ. އަދި އެހެން މަސައްކަތުގެ މާހަލުން ކޮންޓެކްޓްވީ މީހުންގެ އަދަދު 564 ކަށް އަރަ އެވެ.

އެކަމާ ގުޅިގެން ޑރ މުހައްމަދު އަލީ ވިދާޅުވީ އޮފީސް މާހައުލުގައި ސައި ބުއިން ކެއުން ފަދަ ކަންކަން ކުރުން މިވަގުތަށް މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

"އޮފީސް މާހައުލުގައި ކާ ގަޑި އެއީވެސް ވަރަށް ކޮވިޑް ފެތުރޭނެ ވަގުތަކަށް ވެދާނެ. މިސާލަކަށް ކާއެއްޗިހި ކާން މިއުޅޭ ގަޑީގައި މާސްކެއް ނީންނާނެ. ވާހަކަ ދައްކަމުން އެތެރޭގައި ތިބެގެން ކާއިރު ގައިދުރުކަން ނުބެހެއްޓި ގިނަ ފަހަރަށް ދާނީ. އެކަހަލަ ތަންތަނުގައި ވަކި އަދަދަކަށް މީހުން ތިބެވޭ ކަހަލަ ގޮތަކަށް ތައްޔާރު ކުރުން މުހިންމު." ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ޖޫން 8، 2020: އެމްބިއުލައިންސްތައް މަސައްކަތައްފަހު ޑިސްއިންފެކްޓްކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު މިހާރު އޮތް ވަރަށްވުރެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެހެން ނަމަވެސް އެއީ ލޮކްޑައުނަކަށް ދިއުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ދެން އެންމެ ކަންބޮޑުވާން ޖެހޭ އަނެއް ކަމަކީ ބަލި ޖެހޭ މީހުންގެ އަދަދު ގިނަ ވުމާއެކު ބަލި ޖެހޭ އުމުރުފުރާގެ ތެރޭގައި ދުވަސްވީ މީހުން ގިނަ ވުމެވެ. އެގޮތުން މިހާރު ކޮވިޑަށް ޕޮޒިޓިވްވާ ގިނަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނި އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ކޮވިޑް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީ ހިމަނައިގެން އެޑްމިޓް ކުރެވެނީ 200 މީހުންނެވެ. މިހާރުވެސް 72 މީހަކު ތިބީ އެޑްމިޓްކޮށްފަ އެވެ.

https://sun.mv/140832

"މިދާ ރޭޓުގައި ދަންޏާމުން އެޑްމިޓް ކުރާނެ ތަން ނެތް ހާލަތަކަށް ގޮސްދާނެ. އެއީ ކުރިއާ މިހާރާ ޕޮޒިޓިވްވާ މީހުންގެ ވައްތަރު ތަފާތު. ކުރީގަވެއްޖެޔާ ޕޮޒިޓިވްވަނީ މެދު އުމުރުގެ މީހުންނޭ. އެޑްމިޓްކުރަން ޖެހޭ ވަރު މަދޭ. އެކަމަކު މިއަދު ރިސްކު ބޮޑު ހާލު ބޮޑުވާ މީހުން އެބަ ގިނަވޭ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ކުއްލި ދެމަރު، ސަމާލުވާން ޖެހޭ އިތުރު ކަމެއް

ކޮވިޑް ޖެހިގެން ރޭވެސް ވަނީ މީހަކު މަރުވެފަ އެވެ. މަރުވެފައި ވަނީ ނޭވާއަށް އުނދަގޫވެގެން އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ ފަހުންނެވެ. އޭގެ ކުރިންވެސް މީހަކު މަރުވީ ހަމަ އެގޮތަށެވެ. އެނގިފައިވާގޮތުން އެދެ މީހުންނަކީވެސް ދިގު މުއްދަކަށް ފަރުވާކުރަން ޖެހޭ ބައްޔަށް ބޭސްކުރާ މީހުންނެވެ.

އެއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށް ޑރ. މުހައްމަދު އަލީ ފަހަގަކުރެއްވި އެވެ. ބައެއް ހާލަތުގައި ރޯގާ ޖެހުމުން މާބޮޑު ކަމަކަށް ނުހެދި ނަމަވެސް މިހާރު ދިގު މުއްދަތަކަށް ބޭސްކުރާ މީހުން ކިރިޔާވެސް ރޯގާއެއް ޖެހިލާއިރަށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

"ދިގުމުއްދަތަކަށް ބޭސްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ރޯގާގެ އަލާމާތެއް ފެނިއްޖެއްޔާ ނުވަތަ ހުން އައިސިއްޔާމު ނުވަތަ ކުޑަކޮށްވެސް ނޭވާއަށް އުނދަގޫ ވާ ގޮތް ވެއްޖެއްޔާ ޑޮކްޓަރެއްގެ ލަފާ އޮންލައިންކޮށް ވިޔަސް ހޯދުން މުހިންމު،" ޑރ މުހައްމަދު އަލީ ވިދާޅުވި އެވެ.

ވަކި ގަޑިއެއްގައި ކާފިއު ހިންގުން ބުއްދިވެރި

އިތުރު ލޮކްޑައުނަކަށް ގޮސްގެން ރާއްޖޭގެ އިގްތިސާދީ ހާލަތު އިތުރަށް ދައްވެ، އާންމުންގެ ދިރިއުޅުމުގެ ހާލަތު ދައްވާނެ ކަމަށް ޑޮކްޓަރުންނާއި އިގްތިސާދީ މާހިރުންވެސް ދަނީ ބުނަމުންނެވެ. އެހެންވީމާ ލޮކްޑައިނަކީ ޗޮއިސްއެއް ނޫނެވެ. ލޮކްޑައުނަކަށް ނުގޮސް ދެން އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ ބަލި މައިތިރި ކުރަން ދުނިޔޭގެ ގައުމުތަކުން ކުރަނީ ކޮންކަންތައްތަކެއް ހެއްޔެވެ؟

މެއި 22، 2020: ބިދޭސީން ދިރިއުޅޭ ސަރަހައްދެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް ލޮކްޑައުންއަކަށް ނުދިއުމަށް އާންމުކޮށް މީހުން ބޭރަށް ނުކުންނަ ގަޑިތައް ބަލައި ވަކި ވަގުތަކަށް ކާފިއު ހިންގަ އެވެ. ރާއްޖޭގައިވެސް އެގޮތަށް އަމަލު ކުރެވިދާނެ އެވެ.

އާންމުކޮށް ހަވީރު ހަތަރަކުން ހަތެއް ޖެހުމާ ހަމައަށް ޒަރޫރީ ބޭނުމަކަށް ނޫން ގޮތަަކަށް ބޭރުގައި އާންމުން އުޅޭއިރު އެގަޑީގައި ކާފިއު ހިންގައިފި ނަމަ ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ.

ޑރ. މުހައްމަދު އަލީވެސް ދެކެވަޑައިގަންވާ ގޮތުގައި އެއީ ރަނގަޅު ހިޔާލެކެވެ. އަދި ކުރިއަށް އޮތް ދެދުވަހަކަށް ބަލައި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އެފިޔަވަޅު އަޅާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މިހާރު ސަރުކާރުން ވަނީ ކޮންމެވެސް ވަރަކަށް ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފަ އެވެ. އެގޮތުން މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ. އެހެންނަމަވެސް އަދިވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހެ އެވެ. ކޮވިޑް-19ގެ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ނުވަތަ ޕޮޒިޓިވްވީ ކިހިނެއް ކަމެއް ނޭނގޭ 193 ކޭސްއެއް ހަފްތާއެއްގެ ތެރޭގައި ފާހަގަކުރެވިފައިވާއިރު އެއީ ހާސްވާން ޖެހޭ ކަމެއް ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.

ކޮންމެ ގޮތަކުން ވެސް ބެލިޔަސް، ރާއްޖޭގައި ކޮވިޑްގެ ހާލަތު މި ދަނީ އެލާމިން ލެވަލްއަކަށެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ފަރުވާ ދޭން ޖެހޭ ބަލި މީހުން ގިނަވެ، ފަރުވާ ދެވޭނެ ގޮތެއް ނެތި މުޅި ހެލްތް ނިޒާމް ބޮއްސުންލައިގެން ހިނގައިދާނެތީ އެވެ. މިހާރު ފެންނަން ހުރި ހުރިހާ ނަމްބަރެއް ވެސް ދަލީލު ކުރަނީ އެކަމަށެވެ. އެހެން ވީމާ، ލޮކްޑައުންއަކަށް ނުގޮސް ސަލާމަތްވުމަށް މިހާރު ހުރި ލުއިތައް ހަރުކަށިކޮށްލުމާ މެދު ވިސްނަން ޖެހެ އެވެ.

comment ކޮމެންޓް