އާސަންދަ މެދުވެރިކޮށް ކިމްސް ހޮސްޕިޓަލަށް ދިޔަ 28 މީހުންގެ ފަރުވާ ފަށައިފި

ކިމްސް ހޮސްޕިޓަލް--

އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް މިދިޔަ ބުދަ ދުވަހު އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިޔަ 28 ބަލި މީހުންގެ ފަރުވާ ފަށައިފިއެވެ.

މީގެ ކުރިން އާސަންދައިގެ ދަށުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ފަރުވާއަށް ދިޔަ ހަތަރު މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް ބުރާސްފަތު ދުވަހު ދިޔަ އެންމެން ކޮވިޑަށް ނެގެޓިވްކަމަށް އާސަންދައިން ބުންޏެވެ.

މިއީ އާސަންދަ މެދުވެރިކޮށް އިންޑިއާގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް ދިޔަ ތިން ވަނަ ބެޗްގެ މީހުންނެވެ. މިހާތަނަށް އާސަންދައިގެ ދަށުން ޖުމްލަ 60 މީހުން ވަނީ އިންޑިއާއަށް ގޮސްފައެވެ.

އާސަންދަ ކުންފުނީގެ މީީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އާސަންދައިގެ ދަށުން ދިޔަ އެންމެންގެ ފަރުވާގެ ކަންތައް މިހާރު ކުރިއަށް ދާކަމަށެވެެ.

އާސަންދައިގެ ދަށުން އިންޑިއާއަށް ފޮނުވަނީ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑް-19 ޓެސްޓުކޮށް ނެގެޓިވްވެފައިވާ މީހުންނެވެ. އަދި އެމީހުން އިންޑިއާއަށް ދިއުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކޮށް އަލުން ކޮވިޑަށް ޓެސްޓްކުރަން ޖެހެއެވެ.

މިދިޔަ ބުދަ ދުވަހު އާސަންދައިގެ ދަށުން ކިމްސްއަށް ދިޔަ އެންމެންވެސް ކަރަންޓީނުގައި ތިބެނީ އެ ހޮސްޕިޓަލްގައެވެ. ކަރަންޓީނުގެ ތިބިނަމަވެސް އެމީހުންނަށް ފަރުވާ ލިބެއެވެ.

މީގެ ކުރިން އާސަންދައިގެ ދަށުން އިންޑިއާއަށް ފަރުވާއަށް ދިޔަ ބައެއް މީހުންނަށް ފަރުވާ ނުލިބޭކަމަށް ބުނެ ގިނަ ޝަކުވާތަކެއް ފެންމަތިވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް