މި އީދުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު މަޖާ ކުރައްވާ: މަޖިލިސް ރައީސް

ރައީސް ނަޝީދު (ކ): މި އީދުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ހޭދަ ކުރުަމށް އިލްތިމާސް ކުރެއްވި ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މި އީދުގައި އާއިލާ އާއި ރަހުމަތްތެރިންނާއެކު މަޖާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގަތީ، ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުވި ވީޑިއޯ މެސެޖްގައެވެ.

"މި އީދު ހުރިހާ ބޭފުޅުންވެސް އުފަލާއެކު ހޭދަ ކުރައްވައި، މަޖާ ކުރައްވާ. އާއިލާއާއެކު އުޅުއްވާ، ރަހުމަތްތެރިންނާއެކު އުޅުއްވާ،" މަޖިލިސް އިދާރާގެ ޓްވިޓާގައި އާންމު ކުރި ކުރު ވީޑިއޯގައި ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ، މިދަނޑިވަޅަކީ، ކޮވިޑް19ގެ ވަބާ ފެތުރިފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިގްތިސޯދު ބަންދުވުމުން ރައްޔިތުންނަށްވެސް އުދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އީދު އަޅުގަނޑުމެންނާ ބައްދަލު މި ކުރަނީ، ރޯގާގެ އުދަނގުލުގައި އަޅުގަނޑުމެން އެންމެވެސް ވަނިކޮށް، ރޯގާގެ ކަންބޮޑުުވުމުގައި ވަނިކޮށް. ރޯގާގެ ސަބަބުން، އިދްތިސާދު ބަންދުވެ، ގައުމުތައް ހުއްޓި، ވިޔަފާރި ހުއްޓި ދިޔަމުން، ރާއްޖޭގެ ރައްޔިތުންނަށްވެސް މި ވަނީ އުދަނގޫތަކާ ކުރިމަތިލާން ޖެހިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ މަސައްކަތުން ކޮވިޑް ފެތުރުމުގެ ކުރިން އޮތް އިގްތިސާދީ ދުވެލި ހޯދޭނެ ކަމަށެވެ.

މި އީދުގައި އުފަލާއި މަޖަލުގައި ހޭދަ ކުރުމަށް ރައީސް ނަޝިދު އެދިވަޑައިގެންނެވި އިރު، މި ދަނޑިވަޅުގައި އެފަދަ ކަންކަން ކުރުމަށް ސިއްހީ މާހިރުން ހިތްވަރު ނުދެއެވެ.

comment ކޮމެންޓް