ދިލް ބޭޗާރާގެ "މޭ ތުމްހާރާ" ވީޑިއޯ ލަވަ ދައްކާލައިފި

ދިލް ބޭޗާރާގެ ލަވަ "މޭ ތުމްހާރާ"ގެ ޕޯސްޓަރު: މި ފިލްމަކީ ސުޝާންތު ފެނިގެންދާ އެންމެ ފަހު ފިލްމު---

އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ އެންމެ ފަހު ފިލްމު ދިލް ބޭޗާރާގެ ލަވަ "މޭ ތުމްހާރާ"ގެ އޮފިޝަލް ވީޑިއޯ ލަވަ ދައްކާލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ހޮޓްސްޓާގައި ރިލީޒްކުރި ދިލް ބޭޗާރާއަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ. މަޑުމައިތިރި ރާގަކަށް މި ލަވަ ކިޔާފައިވާއިރު މި ލަވައަށް ވެސް އަންނަނީ އާންމުންގެ ތައުރީފް ލިބެމުންނެވެ. އޭ ރަހުމާން، ޖޮނިތާ ގާންދީ އަދި ރިދޭ ގައްތާނީގެ ހިތްގައިމު އަޑުން މި ލަވަ އިވިގެންދާއިރު ލަވައިގެ ލިރިކްސް ހެދީ އަމީތާބް ބައްޓާޗާރިޔާ އެވެ.

ސަންޖަނާ ސާންގީ އާއި ސުޝާންތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރުމާއެކު އައީ ގިނަ ރެކޯޑުތަކެއް ހަދަމުންނެވެ. އެ ފިލްމު ރިލީޒްކުރިތާ 24 ގަޑިއިރުތެރޭ 95 މިލިއަން ވިއުސް ވަނީ ލިބިފަ އެވެ. މި ފިލްމު ސިނަމާތަކުގައި އެޅުވިނަމަ އޯޕަނިންގް ޝޯގެ އާމްދަނީ އަކަށްވާނީ 2000 ކުރޯޑު ރުޕީސް އެވެ. އެއާއެކު އެ ފިލްމު ވެފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އިންޑިއާގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމަށް ވެފައެވެ. އަދި އެ ފިލްމަށް ވަނީ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމުގެ ލަގަބު ލިބިފައި ކަމަށް ހޮޓްސްޓާއިން ބުނެ އެވެ. ސުޝާންތުގެ ފަހު ފިލްމު ވެފައި ވަނީ އައިއެމްޑީބީ އިން މިހާތަނަށް އެންމެ ރޭޓިން މަތިކޮށް ލިބުނު ފިލްމަށް ވެފަ އެވެ.

ދިލް ބޭޗާރާގެ ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑިއިރު ނުވަނީސް ވެސް ވަނީ އެ ޓްރެއިލާއަށް 4.8 މިލިއަން ލައިކްސް ލިބި އެއްވަނާގައި އޮތް އެވެންޖާސް އެންޑްގޭމްގެ ރެކޯޑު މުގުރާލާފަ އެވެ.

comment ކޮމެންޓް